Close Election
Close
އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 51

އަބްދުﷲ ފާރޫގް ހަސަން

1

(9 ޖޫންގެ އަދަދާ ގުޅޭ)

خــيـــــر الــدّيــــن ގެ އަރުމާދު ޓިއުނީޝިޔާއަށް ދިއުމާއެކު مـــولائــى حـســن ފިލައިވަޑައިގެންފިއެވެ. އެހެންކަމުން އެއްވެސް ލޭއޮހޮރުވުމަކާނުލައި ޢުޘްމާނީ ރަސްކަމުގެ ދަށަށް ޓިއުނީޝިޔާ ހިނގައްޖެއެވެ. ނަމަވެސް 1535 ވަނައަހަރު مـــولائــى حـســن ގެ އެދިވަޑައިގެންނެވުމުގެމަތީން ސްޕޭނުގެ ރަސްގެފާނު ޗާލްސް V ޓިއުނީޝިޔާ ވަށައިލެއްވިއެވެ. ހަސަތޭކަ ނަވުގެ ވަރުގަދަ އަރުމާދަކާ އެކުގައެވެ. ކެޕްޓަން سيـنـــان ކްރިސްޓިޔަނުންގެ ޙިޞާރު ފޫވައްޓައިލައްވަން ތިންފަހަރުމަތީން ކުރެއްވި މަސައްކަތް ނާކާމިޔާބުވުމުން، ދިހަހާސް ސިފައިންނާއިގެން خــيـــــر الــدّيــــن ކިއްލާއިން ނުކުމެވަޑައިގެންފިއެވެ. ނަމަވެސް ބަރުބަރު ސަރުދާރުންގެ ޚިޔާނާތުގެ ސަބަބުން خــيـــــر الــدّيــــن އަށް ކުރިމަތިލައްވާން ޖެހިވަޑައިގެންނެވީ ނާކާމިޔާބީއާއެވެ. خــيـــــر الــدّيــــن އެނބުރި ވަޑައިގަތީ އަލްޖޭރިޔާއަށެވެ.

އިސްވެ ދެންނެވިފަދައިން ޗާލްސް V ޓިއުނީޝިޔާއަށް ވަޑައިގެންނެވީ مـــولائــى حـســن ގެ އެދިވަޑައިގެންނެވުމަކަށެވެ. خــيـــــر الــدّيــــن ގެ ލަޝްކަރު ބަލިވާންޖެހުނީވެސް ޓިއުނީޝިޔާގެ މީހުންގެ ޚިޔާނާތުގެ ސަބަބުންނެވެ. ނަމަވެސް ޗާލްސް ޓިއުނީޝިޔާގައި ތިންދުވަސް ވަންދެން ޤަތުލުޢާންމު ހިންގެވިއެވެ. މިސްކިތްތަކާއި ބޮޑެތި ހުރިހައި ޢިމާރާތްތަކެއް އަންދަވައި އަޅިޔަށް ހައްދަވައިލެއްވިއެވެ. އެއްވެސް ކުށެއްނެތް އަންހެނުންނާއި، ކުޑަކުދީންނާއި ފިރިހެނުންގެ ތިރީސްހާސް މީހުން ޤަތުލުކުރައްވައި، ދިހަހާސް މީހުން އަޅުވެތި ކުރެއްވިއެވެ.

ޗާލްސް V ޓިއުނީޝިޔާގައި ހިންގެވި އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން ކެތަލިކް ލިޔުންތެރީންނަށްވެސް "ރަސްގެފާނުގެ ފައުޖު ފަތަޙައިގެ އުފަލުގައި މޮޔަވެފައިވާ ކަމުގައި" ލިޔަންޖެހުނެވެ. ކްރިސްޓިޔަނުންގެ ކަނޑިތަކުން ޤަތުލުވުމަށް އެތާނގައި މުސްލިމަކު ނެތި ހުސްވުމުން ޣަނީމާއާހުރެ އެމީހުން އެމީހުނާ ހަނގުރާމަކޮށް ޝަހަރުގެ ޢީސާއީ ރައްޔިތުންކޮޅުވެސް ފަނާކޮށްލިއެވެ. ޗާލްސްގެ މި ކާމިޔާބީގެ ސަބަބުން ޔޫރަޕުގެ ފަޚްރުވެރިކަމާއި ބޮޑާކަން އިންތިހާއަށް ދިޔައެވެ. ފަތަޙައިގެ އުފަލުގައި ހުރިހައި ފަރާތަކުން އަތްތިލަބަޑިތައް ތަޅާންފެށިއެވެ. ނަމަވެސް، އެ އަތްތިލަބަޑިތަކުގެ އަޑުކަނޑައިގެން ނުދަނީސް خــيـــــر الــدّيــــن އޭނާގެ އަށްޑިހަ ނަވުގެ އަރުމާދާއިގެން އަލްޖޭރިޔާއިން ފުރައިވަޑައިގެންފިއެވެ. ޕޯޓް މާހަންގައި އޮތް ޕޯޗުގަލްގެ ނަވެއް އަތުލެއްވުމަށްފަހު ރަށަށް ފައިބައިވަޑައިގެން، އެތައްބައިވަރު މުދަލަކާއި ހަހާސް އަޅުންނާއި ވަރަށްގިނަ ޢަދަދެއްގެ ބަޑިބޭހާއި ވަޒަން ޣަނީމާ ކުރައްވައިގެން އަލްޖޭރިޔާއަށް ވަޑައިގެންފިއެވެ. خــيـــــر الــدّيــــن އިސްތަންބޫލަށް އެނބުރިވަޑައިގެންނެވީ ޗާލްސް އެނބުރި ސްޕޭނަށް ވަޑައިގަތުމުންނެވެ.

އެފަހަރުވެސް އިސްތަންބޫލުން خــيـــــر الــدّيــــن އިސްތިޤްބާލުކުރީ، ފަތަޙައިގެ މުބާރަކްބާދީއާ އެކުގައެވެ. سـلطـــان ســليمــان، خــيـــــر الــدّيــــن އަށް ޢުޘްމާނީ ނޭވީގެ އެޑްމިރަލްކަމުގެ މަޤާމު ދެއްވިއެވެ.

އެދުވަސްވަރު ވެނިސްގެ ކަނޑުފޭރޭ މީހުންގެ އުނދަގޫ މުސްލިމުންނަށް ވަރަށްބޮޑަށް ކުރިމަތިވަމުން ދިޔައެވެ. ވެނިސްގެ ނޭވީ އޮފިސަރުންގެ ޙިމާޔަތާ އެކުގައެވެ. ދަނޑިވަޅެއް ލިބޭއިރަށް ސީދާ ރަސްމީ ނޭވީވެސް މިފަދަ މަޢުރިކާތަކުގައި ބައިވެރިވެއެވެ. ޙަޤީޤަތުގައި ވެނިސް މަސައްކަތް ކުރަމުންދިޔައީ ޢުޘްމާނީ އަރުމާދާ ވަރުގަދަ "ބައްދަލުކޮށްލުމެއް" ބޭއްވޭތޯއެވެ. ވެނިހާއި ޢުޘްމާނީންނާ ދެމެދު ކުދިކުދި އެތައް ޙަމަލަތަކެއް އޭރުވަނީ ހިނގައިފައެވެ. ވެނިސްގެ ބޮޑާކަން އޮތީ ހައްދުފަހަނަޅައިފައެވެ. ތުރުކިޔޭގެ މަތީ އޮފިސަރުންނާއި ސަފީރުން ދަތުރުކުރައްވާ އުޅަނދުފަހަރަށްވެސް އެމީހުންގެ އުނދަގޫތައް ފޯރަމުން ދިޔައެވެ. އެހެންކަމުން ވެނިސް ބަލިކޮށްލުމަކީ ކޮންމެހެން ބޭނުން ކަމެއްކަމުގައި އޮތީވެފައެވެ. އެޑްރިއޭޓިކް ކަނޑުން ވެނިސްގެ ބާރާއި ނުފޫޒު ކަނޑުއްވައިލެއްވުމަށް، أمــيــــــر الـبـحـــــر خــيـــــر الــدّيــــن ރާއްވަވަން ފެއްޓެވިއެވެ. އަނެއްކޮޅުން ވެނިސްގެ މީހުންވެސް ސިސިލީއާއި ސްޕޭނާއި ޔޫރަޕުގެ އެނޫންވެސް ބައެއް ދައުލަތްތަކާ މުޢާހަދާކޮށް ގުޅުން އުފައްދަމުން ގެންދިޔައެވެ. ދެފަރާތުންވެސް ގެންދިޔައީ ހަނގުރާމަޔަށް ތައްޔާރުވަމުންނެވެ. ނަމަވެސް އެއްވެސްފަރާތަކުން ހަތިޔާރުގައި އަތްލުމުގެކުރިން ގްރީކްގެ ޖަޒީރާތަކާ ކުރިމަތިލައްވަން خــيـــــر الــدّيــــن އަށް ޖެހިވަޑައިގެންފިއެވެ.

އެދުވަސްވަރު އެޑްމިރަލް ޑޫރިޔާ ގެލިޕޮލީގެ ގަވަރުނަރުގެ ނައުފަހަރަށް ޙަމަލަދީ ވިހި ނައު އަތުލައިގަތެވެ. މިކަމުގެ ބަދަލުހިފުމަށްޓަކައި ބަރުބަރޯސާގެ އަރުމާދު ޙަރަކާތްތެރިވީ 1537 ވަނައަހަރުގެ މެއިމަހުގެ ތެރޭގައެވެ. ފުރިހަމަ އެއްމަސްދުވަސް ވަންދެން ލެޔާއި އަލިފާނުގެ ބާޒާރު ހޫނުކަމާއެކު ހިނގަހިނގައި އޮތެވެ. ބަރުބަރޯސާ އެނބުރި އިސްތަންބޫލަށް ވަޑައިގެންނެވީ އަޅުންގެ ދިހަހާސް މީހުނާއިގެންނެވެ. އެހުރިހައި ދުވަސްވީއިރުވެސް ޑޫރިޔާއަށް خــيـــــر الــدّيــــن އާ ވައިއެޅިލަންވެސް ކެރުނުކަމަކަށް ނުވިއެވެ. އެތައްސަތޭކަ މޭލެއްގެ ދުރުގައި، މާސިނާގައި ގޮތްހުސްވެ ޙަރަކާތް ހުއްޓިފައި ހުރީއެވެ.

1538 ވަނައަހަރުގެ ހޫނު މޫސުމުގައި އެޑްރިއޭޓިކް ކަނޑުގައި އެޑްރިއަލް ޑޫރިޔާއާއި ޢުޘްމާނީ ފްލީޓާ ދެމެދުގައި ހިނގި ހަނގުރާމައިގެ ވާހަކަވަނީ މި މަޒުމޫނުގެ ފެށުމުގައި ބަޔާންކޮށްފައެވެ. އެހަނގުރާމައަކީ މުޅި ޔޫރަޕުގައި ޢުޘްމާނީ ފްލީޓުގެ ޤަދަރާއި ޝަރަފު ޖަވްޒާއާ ހަމަޔަށް އުފުލިގެންދިޔަ ހަނގުރާމައެވެ. ކުރިންވެސް ދެންނެވިފަދައިން އެހަނގުރާމައިގެ ސަބަބުން މެޑިޓްރޭނިއަން ކަނޑުގެ ރާޅުތަކުގެ މައްޗަށްވެސް ޢުޘްމާނީ ރަސްކަމުގެ ކީރިތި މޫރިތިކަމުގެ ބާރު ހިނގާން ފަށައިފިއެވެ. އެހަނގުރާމައިގައި ދުޝްމިނުންގެ ސަފުތައް ހަލާކުކޮށްލެއްވުމަށްޓަކައި خــيـــــر الــدّيــــن ބޭނުންކުރެއްވި ހުނަރުތަކަކީ، ކަނޑުމަތީ ހަނގުރާމައިގެ ތާރީޚުގައި އެންމެފުރަތަމަ ފަހަރަށް ފެނިގެންދިޔަ ހުނަރުތަކެކެވެ. ފަހަކަށްއައިސް ބްރިޓިޝް ނޭވީގެ ކޮމާންޑަރުން ކަމުގައިވާ ރޮސްނީއާއި، ސެންވިންސެންޓާއި، ނެލްސަންވެސް އެހުނަރުތަކުގެ ބޭނުންކުރެއްވިއެވެ.

ޙަޔާތްޕުޅުގެ އެންމެ ފަހުދުވަސްތައް

1543 ވަނައަހަރު ވެނިހާ ދެކޮޅަށް ފަރަންސޭސީންނަށް އެހީވެދެއްވުމަށްޓަކައި ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމާއެކު خــيـــــر الــدّيــــن ނޭވީ ޚިދުމަތުން ވަކިވެވަޑައިގެންފިއެވެ. އޭރު އޭނާގެ ޢުމުރުފުޅަކީ 80 އަހަރެވެ. އެއަށްފަހު އޭނާ އުޅުއްވަމުން ގެންދެވީ ހަމަހިމޭން ދިރިއުޅުއްވުމެކެވެ. ނަމަވެސް، ހަނގުރާމައިގެ ހުރިހައި ކަމެއްގައި ޢުޘްމާނީ ސަރުކާރުން އެންމެބޮޑު އަހަންމިއްޔަތެއް ދެއްވާ މަޝްވަރާތަކެއް އޭރުވެސް ލިބިވަޑައިގަންނަވަމުންދިޔައީ خــيـــــر الــدّيــــن ގެ ފަރާތްޕުޅުންނެވެ. މިގޮތުގައި ދެއަހަރެއްހައި ދުވަހު ހުންނެވުމަށްފަހު خــيـــــر الــدّيــــن ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ 1546 ވަނައަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. މުޅި އިސްލާމީ ދުނިޔެ އެޚަބަރު އެހީ ހިތާމައާއި ހިތްދަތިކަމާއި ވޭނުން ފުރިފައިވާ ގޮތެއްގައެވެ.

خــيـــــر الــدّيــــن ފަސްދާނުލެވުނީ ބޮސްފަރަސްގެ އައްސޭރީގައެވެ. އެންމެމަތީ ޢިއްޒަތާއި އިޙްތިރާމާ އެކުގައެވެ. خــيـــــر الــدّيــــن އަވަހާރަވުމުގެ ކުރިން އޭނާގެ ހުރިހައި މުދާތަކެއްވަނީ ތަޢުލީމީ އިދާރާއަކަށް ވަޤުފުކުރައްވާފައެވެ. ބަރުބަރޯސާގެ މަޤްބަރާ އެމަތިވެރި أمـيـــــرالـبـحـــــر ގެ ހަނދާން ދެމެހެއްޓުމަށްޓަކައި އަދިއަދަށް ދާންދެންވެސް ފެންނަން އެބަހުއްޓެވެ. އެކަމަކު އަޅުގަނޑު ދެކެމުންއައި އެ މަޤްބަރާ ދުށުމުގެ ހުވަފެން ޙަޤީޤަތަކަށް ނުވިއެވެ.

އެތައް ޒަމާނެއް ވަންދެން، ތުރުކިޔޭގެ ފްލީޓްތައް ގޯލްޑަންހޯނުން ފުރުމާއެކު، أمــيــــــر الـبـحـــــر خــيـــــر الــدّيــــن ބަރުބަރޯސާއަށް ރައްދުކުރާ ކަމޭހިތުމުގެ ޖިޒީއެއްގެގޮތުން ސަލާމުގެ ބަޑިޖަހަމުން ގެންދިޔައެވެ.

+ + + + +

އަޅުގަނޑުމެން އިސްތަންބޫލުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދިޔައީ އެއްބަސްވެފައިވާ ގަޑިޔަށްވުރެ ތަންކޮޅެއް ކުރީންނެވެ. އިސްތަންބޫލުގައި އިތުރަށް ކުރެވޭނެކަމެއް ނެތުމާވެސް އެކުގައެވެ. އެހެންކަމުން އަޅުގަނޑުމެންގެ ދަތުރުގެ އެހެނިހެން ބައިވެރީން ބުރުސާއިން އައުމުގެ އިންތިޒާރުގައި ޗެކިން ނުކޮށް ފޫހިވަގުތުތަކެއް ހޭދަކުރާން ޖެހުނެވެ. ރޭގަނޑު އެންމެދިގުވީ ޗެކިންވުމުގެކުރީން ވަދެލާނެ މަގަހައެއް (މަގްހާ-ކޮފީޝޮޕެއް) ވެސް ކައިރިހިސާބެއްގައި ވަދެވޭގޮތަށް ނެތުމާއެކުގައެވެ.

އަޅުގަނޑުމެންނާއެކު މާލެއިން ބުރުސާއަށް ދަތުރުކުރި ގްރޫޕަށްވުރެ އެކުގައި މާލެއަންނަ ގްރޫޕުވަނީ ބޮޑުވެފައެވެ. އަޅުގަނޑުގެ އަންހެނުންގެ ކޮއްކޮ عـاصمـة سـليــم އާއި عـاصمـة ގެ ދަރިފުޅު محـمّــد نـبــيـــل އާއި އޭނާގެ އަންހެނުން مـــــريـــم زيـنـت އާއި نـبــيـــل ގެ ދެކުދީން ކަމުގައިވާ زاويــــة نـبــيـــل އާއި ލިލީ جمـيــلـة نـبــيـــل ވެސް އަޅުގަނޑުމެންނާއެކު މާލެ އަންނާތީއެވެ.

އަޅުގަނޑުމެން އިސްތަންބޫލުން މާލެ އައީ ޓާކިޝް އެއަރލައިންގެ TK0731 އިންނެވެ. ނިޔާމަ ދަތުރަކަށްފަހު ހެނދުނު ހެނދުނާ މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް އާދެވިއްޖެއެވެ. الحــمــد لـلّــه.

ޝުކުރުވެރިކަމާއެކު ނިންމައިލުން

މާލެއިން ބުރުސާއިން އިސްތަންބޫލަށް މި މައިގަނޑު ނަމުގައި އަޅުގަނޑު ލިޔަމުންއައި ސިލްސިލާ މިހިސާބުން ނިންމައިލައިފައި ގަލަން ބާއްވަނީއެވެ. މި ސިލްސިލާގައި އަޅުގަނޑުވަނީ މުސްލިމުންގެ ފަޚުރުވެރި ދައުލަތެއްކަމުގައިވާ ޢުޘްމާނީ ދައުލަތުގެ ރަންޒަމާނުގެ އެންމެ ފަޚުރުވެރި ދިހަރަސްކަލުންގެ ތެރެއިން ގިނަރަސްރަސްކަލުންގެ ޚިދުމަތްތަކަށާއި އިސްތަންބޫލުގެ ތާރީޚާއި އެރަށުގެ މައްޗަށް އެކަށީގެންވާ މިންވަރަކަށް އަލިއަޅުވައިފައެވެ. މިއީ މި މައިގަނޑު ނަމުގައި ދިވެހިބަހުން މިހައިތަނަށް ލިޔެވުނު އެންމެ ތަފްޞީލު ލިޔުމޭ ދަންނަވާކަށެއް އަޅުގަނޑު ޖެހިލުމެއް ނުވަމެވެ. އަޅުގަނޑު މަސައްކަތްކުރީ ވަކިފަރާތަކަށް ބުރަވުމެއްނެތި ވީހައިވެސް އިންސާފުވެރިގޮތަކަށް މި ސިލްސިލާ ލިޔެވޭތޯއެވެ. އަރަހުށި ހުސްޠާހިރުވަންތަ މާތް اللّــــه އަޅުގަނޑަށް ހެޔޮތައުފީޤު ދެއްވައި މަސައްކަތް ފަހިކޮށްދެއްވިކަމަށްޓަކައި ޙަމްދާއި ޘަނާއާއެކު ކުއްތަންވަމެވެ. ދެދޭހުގެ ރަޙްމަތެއް ކަމުގައިވާ މާތް ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް ޞަލަވާތާ ސަލާމުގެ ގުލްދަސްތާތަކުން ވެދުންކުރަމެވެ.

މިއީ އަޅުގަނޑުގެ މަސައްކަތް ޝުކުރާއެކު ނިންމައިލުމުގެ ބައެވެ. އެހެންކަމުން އަޅުގަނޑު ތުރުކިޔޭ ދަތުރަކަށް ތައްޔާރުވެގެންވެސްނެތީސް އޮޑިދަށުންޖަހައިލި ދަތުރެއްގެ ގޮތުގައި އަޅުގަނޑުގެ ދެމަފިރީންނަށް މިފުރުޞަތު ދިންކަމަށްޓަކައި އަޅުގަނޑުގެ އަންހެނުންގެ ކޮއްކޮ عـاصمـة سـليــم އަށާއި އޭނާގެ ފިރިކަލުން عــبــد اللّـــه نشـيد އަށް ޝުކުރު އަދާކުރަމެވެ.

ދިވެހި މުސްކުޅި ބަހެއްގައި އޮވެއެވެ. "އެކަނި ނެގޭނީ ބޯވައެވެ." މިއީ ބޮޑެތި މުހިންމު ކަންތައް ކުރެވޭނީ ގިނަބައެއްގެ އެއްބާރުލުން ލިބިގެންކަން ބަޔާންކޮށްދޭން ބުނެއުޅޭ ބަހެކެވެ. ތެދުބަހެކެވެ. އަޅުގަނޑަށްވެސް މި ސިލްސިލާ ނިންމައިލެވުނީ ގާތްބޭފުޅުންކޮޅެއްގެ އަތްބާރުއަޅުއްވައި ދެއްވުމާއެކުގައެވެ. އަޅުގަނޑުގެ ކޮއްކޮއިން ކަމުގައިވާ ޑޮކްޓަރ مـــوســى أنـــور حـســن އެވެ. الأسـتــــاذ أحمـــد مـــاجــــــد عــلــــى އެވެ. އަޅުގަނޑުގެ އެކުވެރި الأسـتــــاذ إبــــراهــيـــــم رشــيــد مـــوســى އާއި އަޅުގަނޑުގެ ލޮބުވެތި ދަރިފުޅު ޑޮކްޓަރ نُسَـيـــبــة އެވެ. އަޅުގަނޑު ގެ ވަފާތެރި އަންހެނުން آمــنــــة މަނިކެއާއި އަންހެނުންގެ ކޮއްކޮ محـمّــد نـبــيـــل އެވެ. އެހެންކަމުން މިހުރިހައި ފަރާތްތަކަށް ކުޑަވެސް ހިފެހެއްޓުމެއްނެތި ހިތުގެ ފުންމިނުން ޝުކުރުވެރިވަމެވެ. ހެޔޮޖަޒާ ދެއްވުންއެދި ދުޢާކުރަމެވެ.

(ނިމުނީ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟