އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް، އުރީދޫ މަސްރޭސް 2023 ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

އުރީދޫން މިއަދު ބުނީ މަސް ރޭހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓަރީވުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. މަސް ރޭހުގައި https://go.ooredoo.mv/masrace/ މެދުވެރިކޮށް ރަޖިސްޓަރީ ކުރެވެން ހުންނާނެ ކަމަށް އުރީދޫން ބުންޏެވެ.

މަސްރޭހުގެ ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާ އިރު، ޓީމުގެ ބައިވެރިންނަށް 150 ރުފިޔާއަށް މަސްރޭސް ކިޓް މޫލީ މެދުވެރިކޮށް ގަނެވެން ހުންނާނެ ކަމަށާއި މަސްރޭސް ކިޓުގައި ހިމެނޭނީ މަސްރޭސް ކޯރީ އާއި ޓީޝާޓެއް ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭގޮތަށް 12 މެމްބަރުން ތިބެންވާނެ ކަމަށްވެސް އުރީދޫން ބުންޏެވެ.

  • މާލެ ސިޓީ: 4 އޮގަސްޓް 2023
  • ކުޅުދުއްފުށި ސިޓީ: 11 އޮގަސްޓް 2023
  • އައްޑޫ ސިޓީ: 18 އޮގަސްޓް 2023
  • ފުވައްމުލައް ސިޓީ: 25 އޮގަސްޓް 2023

އުރީދޫން ބުނީ މަސްރޭހުގައި ކޮންމެ ސިޓީއަކުން އެންމެ މަދުވެގެން 12 ޓީމު އަދި ގިނަވެގެން 30 ޓީމު ވާދަކުރާނެ ކަމަށާއި 30 ޓީމަށްވުރެ ގިނައިން ރަޖިސްޓާވެފައިވާ ނަމަ، ބައިވެރިވާ ޓީމުތައް ހޮވުމަށް ހަމަޖެހިފައިވަނީ ގުރު ނަގައިގެން ކަމަށެވެ. އަދި މުބާރާތުގައި ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

މަސްރޭހުގެ ވަނަތަކަށް ދާ ޓީމުތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ މޮޅު މަސްވެރިޔާއާއި އެންމެ މޮޅު އަންހެން މަސްވެރިޔާއަށް ވެސް ފައިސާގެ އިނާމެއް ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

  • އެއްވަނަ ޓީމު: 25،000 ރުފިޔާ
  • ދެވަނަ ޓީމު: 10،000 ރުފިޔާ
  • ތިންވަނަ ޓީމު: 5000 ރުފިޔާ
  • އެންމެ މޮޅު މަސްވެރިޔާ: 1000 ރުފިޔާ
  • އެންމެ މޮޅު ފިޝާވުމަން: 1000 ރުފިޔާ

އުރީދޫން މަސްރޭސް ބާއްވަނީ ފިޝަރީސް މިނިސްޓްރީއާ ގުޅިގެންނެވެ. ފިޝަރީސް މިނިސްޓްރީން އެ މުބާރާތަށް ދޭ އެއްބާރުލުމަށް އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އޭނާ ވިދާޅުވީ މަސްރޭސް މިފަހަރު ހަތަރު ސިޓީއަށް ފުޅާކުރެވިފައިވާ ކަމަށާއި މުޖުތަމައުތަކުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން މަސްވެރިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމަށް ދައުވަތު އަރުވާ ކަމަށެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ އުރީދޫ މަސްރޭހުގެ ސަބަބުން ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރެވޭނެ ކަމަށާއި މަސްރޭހަކީ މުޖުތަމައުތަކުގެ އެއްބައިވަންތަކަމާއި އެކުވެރިކަން އަދި މަސްވެރިކަމުގެ ސަގާފަތް ދައްކުވައިދޭ ހަރަކާތެއް ކަމަށެވެ. އޭގެ އިތުރުން މަސްރޭސް އިންތިޒާމުކޮށް، ސަގާފީ ތަރިކަ ކުރިއެރުވުމަށް އުރީދޫން ކުރާ މަސައްކަތަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.