އިލްމުވެރިންނާ ދިމާކޮށް ފުރައްސާރަ ކުރުމަކީ ނުރައްކާތެރި އިންޒާރެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ސަޕޯޓަރުން ވަނީ އިއްޔެ އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. އިޔާޒްއާ މަގުމަތިން ދިމާކޮށް، ފުރައްސާރަކޮށްފައެވެ. ޑރ. އިޔާޒަށް މަގުމަތިން ދިމާކޮށް ފުރައްސާރަ ކޮށްފައިވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން، އެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި އިއްޔެ ބޭއްވި ހިނގާލުމެއްގައި މަޖިދީމަގުންނެވެ.
ޑރ. އިޔާޒަށް މަގުމަތިން ދިމާކޮށް ފުރައްސާރަ ކުރި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ޑރ. އިޔާޒު ސޯޝަލް ސެންޓަރާ ދިމާލަށް ދުއްވާފައި ދަނިކޮށް ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ވަނީ އޭނާއަށް ހުރަސްއަޅައި ހުތުރު ބަސްތަކުން ގޮވައިފައެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ޑރ. ޒާހިރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑރ. އިޔާޒަށް ފުރައްސާރަކޮށް މަގުމަތީގައި ހިންގި އަމަލު ކުށްވެރިކުރާ ކަމަށާއި ރާއްޖެ ފަދަ އިސްލާމީ ގައުމެއްގައި އެފަދަ ކަމެއް ކުރުމަކީ ހިތާމަވެރިކަމެއް ކަމަށެވެ.
"ރާއްޖެ ފަދަ އިސްލާމީ ގައުމެއްގައި ދީނީ އިލްމުވެރިންނަށް ފުރައްސާރަކޮށް ހެދުމަކީ ހިތާމަވެރި ކަމެއް، އަދި ނުރައްކާތެރި ސިގުނަލެއް. އިއްޔެ ޑރ. އިޔާޒަށް ފުރައްސާރަކޮށް މަގުމަތީގައި ހިންގި އަމަލު ކުށްވެރިކުރަން. އެއްވެސް މަގުސަދެއްގައި މިފަދަ އަމަލުތައް ތަކުރާރުނުކުރުމަށް ގޮވާލަން،" ޑރ. ޒާހިރު ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ޑރ. އިޔާޒަށް ފުރައްސާރަކުރުމުން އަދާލަތު ޕާޓީން ވަނީ އެކަން ކުށްވެރިކޮށްފައެވެ.
އެކަމާ ގުޅޭގޮތުން އަދާލަތުގެ ތަރުޖަމާނު، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިދިކޮޅު ޕާޓީތަކުގެ ވެރިންގެ ރޭވުމުގެ މަތިން އާންމު މެންބަރުން ލައްވައި އިސްލާމްދީނާއި ގާނޫނުތަކާއި އަދި އާންމު އަހުލާގީ މިންގަނޑާ ހިލާފު ކަންކަން ކުރުވާ ކަމަށެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަސައްކަތް ނުހުއްޓުވޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
"އަދާލަތު ޕާޓީގެ އިސްފަނޑިޔާރު އަދި އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. އިޔާޒާ މަގުމަތިން ދިމާކޮށް، އިސްލާމުން އެކަކު އަނެކަކަށް ރައްދުކުރުން ނަހީކުރައްވާފައިވާ ބަސްތަކުން މުހާތަބުކޮށް ޕީޕީއެމް/ޕީއެންސީން ހިންގި ދަށު ދަރަޖައިގެ ހުތުރު އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ނަޒީރު ވިދާޅުވެފައިވެއެވެ.
ޑރ. އިޔާޒަކީ ސޯޝަލް މީޑިއާގައި އެކި ކަންކަމާ ގުޅިގެން ހިޔާލުފާޅުކުރައްވާ ބޭފުޅެކެވެ. ޑރ. އިޔާޒު ވަނީ މީގެ ކުރިން ޔާމީނަށާއި އެމަނިކުފާނު ވެރިކަން ހިންގެވި ގޮތާ މެދު ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޓުވީޓު ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު