ޗައިނާ އެމްބަސީ ފާރަށް ސްޕްރޭކުރި މީހާ 27 ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

މިއަހަރުގެ މާޗްމަހުގެ 26 ވަނަ ދުވަހު އިރުއޮއްސުނުގަޑީގައި، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ފާރަށް، ނޫކުލައިގެ ސްޕްރޭއަކުން ސްޕްރޭ ކޮށްގެން ޕްރޮސިކިއުޓާޖެނެރަލް އޮފީހުން، ށ.ފޭދޫ މިނިވަން އައްްސޭރި މުހައްމަދު އަނީލް އަށް ކޮށްފައިވަނީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި، އޭނާ އެކަން ކުރީ މުހައްމަދު ކިޔާ މީހަކު ބުނެގެން ކަމަށް ބުނެ އޭނާ ވަނީ ދައުވާއަށް އިއުތިރާފު ވެފައެވެ.

އެހެންކަމުން އަވަސްނިޔާގެ ގޮތުގައި ކުރިއަށްގެންދިޔަ މި މައްސަލައިގައި، ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުމް ކުރީ 27 ދުވަހުގެ މުއްދަތަށް ޖަލަަށް ލުމަށެވެ. އަދި އެ މައްސަލައިގައި އޭނާ ބަންދުކޮށްފައި ބެހެއްޓި މުއްދަތު ކެނޑުމަށްފަހު، އޭނާ ތަންފީޒު ކުރަންޖެހެނީ 12 ދުވަހުގެ އަދަބެއް ކަމަށް ހުކުމުގައި ވަނީ ކަނޑައޅައިފައެވެ.