އިންގްލެންޑް މިޑްފީލްޑަރު މޭސަން މައުންޓް ހޯދަން މެންޗެސްޓާ ޔުނައިޓެޑުން ކުރި ފުރަތަމަ ބިޑަށް ޗެލްސީން ނޫނެކޭ ބުނެފިއެވެ.

ބީބީސީ ސްޕޯޓްސްއިން ބުނެފައިވާ ގޮތުގައި މައުންޓް ހޯދަން ޔުނައިޓެޑުން ކުރީ 40 މިލިއަން ޕައުންޑްގެ ބިޑެކެވެ. އެ ބިޑަށް ޗެލްސީން ނޫނެކޭ ބުނެފައިވާ އިރު، އެ ކްލަބުން މައުންޓް ވިއްކާލަން ބޭނުންވާ އަގަކީ 70 މިލިއަން ޕައުންޑް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި އަ އަގަށް މައުންޓް ގެންދަން ޔުނައިޓެޑުން ބޭނުމެއް ނުވެއެވެ.

މައުންޓަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގު ތައުރީފު ކޮށްފައިވާ އިރު، އޭނާ ބުނީ ޔުނައިޓެޑްގެ އެޓޭކިން ވަރުގަދަކުރަން މައުންޓް ކަހަލަ ކުޅުންތެރިޔަކު މުހިއްމު ކަމަށެވެ. ނޫސްތައް ބުނާގޮތުގައި ޔުނައިޓެޑުން މައުންޓް ހޯދަން އިތުރު ބިޑެއް އަދި ކުރާނެއެވެ. އެހެން ނަމަވެސް، ޗެލްސީން ބޭނުންވާ ވަރުގެ ބޮޑު ބިޑެއް ޔުނައިޓެޑުން ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މައުންޓް، އުމުރުން ހަ އަހަރުން ފެށިގެން ހޭދަކުރަމުން އަންނަނީ ޗެލްސީގައެވެ. އެ ކްލަބުގެ އެކަޑެމީގައި މައުންޓް ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ އިރު، މައުންޓް ވަނީ ލޯން އެއްބަސްވުންތަކުގެ ދަށުން ވިޓޭސް އާންހެމްއާއި ޑާބީ ކައުންޓީއަށްވެސް ކުޅެފައެވެ. މައުންޓް ޗެލްސީ ޖާޒީގައި ފުރަތަމަ މެޗެއް ކުޅެފައި ވަނީ 2019 ވަނަ އަހަރު އޮގަސްޓް މަހުގައެވެ.

އޭގެ ފަހުން ޖެހިގެން އައި ތިން ސީޒަނުގައިވެސް މައުންޓް ޗެލްސީގެ ފުރަތަމަ 11 އިން އާންމުކޮށް ޖާގަ ހޯދަމުން ދިޔަ ނަމަވެސް، މިދިޔަ ސީޒަނުގައި ކުޅުނީ މަދު މެޗެކެވެ. އޭނާ ވަނީ ޗެލްސީއާއެކު 2021 ވަނަ އަހަރު ޗެމްޕިއަންސް ލީގުވެސް އުފުލާލައިފައެވެ.

އިންގްލެންޑް ގައުމީ ޓީމަށް 2019 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ މައުންޓަކީ އެގައުމުން 2020 ވަނަ އަހަރު ޔޫރޯ ފައިނަލަށް ދިޔަ ޓީމުގައިވެސް ހިމެނުނު މުހިއްމު ކުޅުންތެރިއެކެވެ. މައުންޓް ވަނީ އިންގްލެންޑް ގައުމީ ޓީމަށް 36 މެޗު ކުޅެފައެވެ.