އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ އޮފީހަށް ވަދެ، ހަމަނުޖެހުން ހިންގި މައްސަލަ އެ ކޮމިޝަނުން ކުށްވެރިކޮށްފިއެވެ.
އެޗްއާރުސީއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކޯލިޝަންގެ ފަރާތުން އެޗްއާރުސީއެމާއެކު ބައްދަލުވުމެއް ބޭއްވުމަށް އެދި އިއްޔެ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ކޮމިޝަންގެ މެމްބަރުންގެ ބައްދަލުވުންތަކަށް ބަލައި މާދަމާ ނުވަތަ އަންނަ ހަފުތާގެ ދުވަހަކަށް އެ ބައްދަލުވުން ހަމަޖައްސައިދޭނެކަން އެންގުމުން، އެކަމާ އެ ކޯލިޝަނުން ހިތްހަމަނުޖެހުމުން ބައްދަލުވުން މިއަދު ހެނދުނު 11:15 އަށް ހަމަޖައްސާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މިއަދުގެ އެ ބައްދަލުވުމަށް ގަޑި ޖެހުނު އިރުވެސް ޕީޕީއެމް/ޕީއެންސީން ހާޒިރުވެފައިނުވާތީ، ބައްދަލުވުން މާދަމާއަށް ހަމަޖައްސައިދޭނެކަން އެ ކޯލިޝަނަށް ސިޓީއަކުން އެންގި ކަމަށާއި މާދަމާއަށް ބައްދަލުވުން ހަމަޖައްސާފައި ވަނިކޮށް، މިއަދު މެންދުރު 12:45 ހާއިރު ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ ގިނަބަޔަކު ވަނީ ކޮމިޝަންގެ މެމްބަރުން ބައްދަލުވުމެއްގައި ތިއްބައި އޮފީހަށް ވަދެފައި ކަމަށެވެ. އެ ވަގުތު މެމްބަރުން ބައްދަލުވުމެއްގައި ތިބުމުން އެތަން ދޫކޮށް ދިއުމަށް އެންގުމުން ވެސް އެ ފަރާތްތަކުން ގޮސްފައިނުވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
"މި ފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން އޮފީހުގެ މުވައްޒަފުންގެ ހިތުގައި ބިރުވެރިކަން އުފެދި، މުވައްޒަފުންނަށް މަސައްކަތުގެ މާހައުލަށް ލިބެންޖެހޭ ރައްކާތެރިކަމަށް ނޭދެވޭ އަސަރު ވަނީ ކޮށްފައެވެ. އަދި، ކޮމިޝަނަށް ހިދުމަތް ހޯދަން އައި ފަރާތްތަކަށް ވަރަށް ބޮޑަށް ހުރަސްއެޅިފައިވެއެވެ. މީގެ އިތުރުން އެންޓި ޓޯޗާ ގާނޫނުގެ ދަށުން ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގަށް ނަގަންޖެހޭ ބަޔާންތައް ނެގުމަށް ދަތިވެ މަސައްކަތް ލަސްވެގެން ގޮސްފައިވެއެވެ. އަދި މަސައްކަތުގެ ވަގުތު ނިމުމުން އޮފީސް ބަންދުކުރުމަށްޓަކައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތްތަކަށް އޮފީސް ދޫކޮށް ދިއުމަށް ކޮމިޝަނުން ތަކުރާރުކޮށް އެދުމުންވެސް އެ ފަރާތްތައް އޮފީހުން ނިކުމެފައިނުވާތީ އޮފީސް ބަންދުނުކުރެވި، މުވައްޒަފުން ގެއަށް ނުދެވިފައި ތިބިކަން ފާހަގަކުރަން،" އެޗްއާރްސީއެމުން ބުންޏެވެ.
އެޗްއާރްސީއެމުން ބުނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެ ފަރާތްތަކުގެ އެ އަމަލުތައް ހިތާމައާއެކު ކުށްވެރިކުރާ ކަމަށެވެ. އަދި އެ ކޮމިޝަނަށް ހުށަހަޅާ އިންސާނީ ހައްގުތަކުގެ މައްސަލަތަައް އޮންނަ އުސޫލުގެ ތެރެއިން ތަހުގީގުކުރާނެ ކަމަށާއި އެފަދަ މައްސަލައަކާ ގުޅިގެން ކޮމިޝަނާ ބައްދަލުކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
ހައްގުތައް ހޯދުމަށް ކުރާ މަސައްކަތްތަކުގައި އަނެކާގެ ހައްގަަށް އަރައިނުގަނެ މަސައްކަތްކުރުމަށް ވެސް އެޗްއާރުސީއެމުން އިލްތިމާސްކުރިއެވެ.