ހުޅުމާލޭގައި ހަދަން ފަށައި ހުއްޓިފައި ހުރި ކޭ-ޕާކް ރެސިޑެންސް ފްލެޓުތައް ތަރައްގީކުރަމުން އަންނަ ހަންބޯ ކުންފުނީގެ ނަމުގައި މަކަރާއި ހީލަތުން އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު ފްލެޓު ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެ ކުންފުނީގެ ނަމުގައި މަންޑޭ ހުޅުވާފައިވާ އެކައުންޓަކުގެ ލިޔެކިޔުންތައް ހޯދުމަށް އެ ބޭންކުން އެއްބާރުލުން ނުދޭ ކަމަށްބުނެ، އެކައުންޓުތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީއެއް ހޯދުމުގެ އަމުރެއް ހޯދަން ހަންބޯ ކުންފުނިން ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ މައި ހިއްސާދާރު އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫއެވެ. ކުންފުނީގައި އޭނާގެ 95 ޕަސެންޓް ހިއްސާ އޮންނަ އިރު، މަންޑޭގެ އޮންނަނީ ފަސް ޕަސެންޓް ހިއްސާއެވެ.
ހަންބޯއިން އިން ވަނީ ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން މަންޑޭ ގިނަ އަދަދެއްގެ ބަޔަކަށް ވިއްކާފައިވާތީ ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅައިފައެވެ.
އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ސޮއި ފޯޖުކޮށްގެން ބީއެމްއެލްގައި މަންޑޭ ހުޅުވާފައިވާ ރުފިޔާ އެކައުންޓާއި ޑޮލަރު އެކައުންޓުގެ ބޭންކް ސްޓޭޓްމަންޓެއް ހޯދުމަށް އެދި ބީއެމްއެލްއާއެކު ކުރި މުއާމަލާތްތަކަށްފަހު އެ ބޭންކުން އެއްބާރުލުން ދީފައި ނުވާ ކަމަށެވެ. އަދި އެ އެކައުންޓުތަކަށް މަންޑޭއަށް މިހާރުވެސް ވަދެވޭ ކަމަށާއި އެކަމަށް ނިމުމެއް ގެނެސްފައި ނުވާ ކަމަށެވެ. އެހެންވެ، ބީއެމްއެލްގެ މައްޗަށް ދައުވާކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހަންބޯއިން ސިވިލް ކޯޓުގައި އެދިފައިވަނީ، ބީއެމްއެލްގައި އެ ކުންފުނީގެ ނަމުގައި މަންޑޭ ހުޅުވާފައިވާ އެކައުންޓުތަކުގެ ސްޓޭޓްމަންޓު ހޯދުމުގެ އަމުރަކާއި އެ ކައުންޓުތައް ހުޅުވުމަށް މަންޑޭގެ ފަރާތުން ބީއެމްއެލަށް ހުށަހެޅި ލިޔެކިޔުންތަކުގެ ކޮޕީ ހޯދުމުގެ އަމުރަކަށެވެ.
އެ މައްސަލައިގައި ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު “ވަން”އަށް މިއަދު ވިދާޅުވީ ވަކި ކަސްޓަމަރަކާ ގުޅޭ މައުލޫމާތު ގާނޫނީ ގޮތުން ބޭންކަށް ހާމައެއް ނުކުރެވޭނެ ކަމަށާއި ބޭންކުގެ ކަސްޓަމަރުން، ބޭންކުން ބޭނުންވާ މައުލޫމާތު ހޯދުމަށް އުސޫލުތަކެއް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި އެ އުސޫލުތަކާ އެއްގޮތަށް އެ ބޭންކަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް އިޖާބަދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް ތާވަލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު