އިތުރު ވީޒާއެއް ނެގުމަކާ ނުލައި ދިވެހިންނަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ނުވަތަ ވިލާތުގެ އިއްތިހާދުގެ ގައުމުތަކަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ކުރިއެރުންތަކެއް ލިބިއްޖެއެވެ.

ސަރުކާރުން މިކަން އާންމުކުރެއްވީ ރާއްޖެއާއި އީޔޫއާ ދެމެދު އިއްޔެ ކުރިއަށްދިޔަ ރަސްމީ މަޝްވަރާތަކުގެ ހަތަރުވަނަ ސެޝަނަށްފަހު ނެރުނު ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓެއްގައެވެ. ރާއްޖެއާ އީޔޫގެ އިސް އޮފިޝަލުންގެ ދެ ވަފުދުގެ ދެމެދު ބާއްވާ އެ މަޝްވަރާތަކަކީ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ބައްދަލުވުމެކެވެ. މި އަހަރުގެ ބައްދަލުވުން ބެލްޖިއަމްގެ ވެރިރަށް ބްރުސެލްސްގައި ކުރިއަށް ގެންގޮސްފައިވާ އިރު މިދިޔަ އަހަރުގެ މި ބައްދަލުވުން ކުރިއަށް ގެންދިޔައީ މާލޭގަ އެވެ.

ރާއްޖެއާއި އީޔޫއިން ނެރުނު ގުޅިފައިވާ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި އިއްޔެގެ ބައްދަލުވުމުގައި އީޔޫގެ މެންބަރު ގައުމުތަކަށް އިތުރު ވިސާއެއް ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި، އީޔޫއަށް ވިސާއާ ނުލައި ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓު ދެން އެންމެ އަވަހަށް ރިވިއު ކުރާއިރު އިތުރު ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް އީޔޫއަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުމާމެދު އީޔޫއިން ގޮތެއް ނިންމާނެކަމަށް ޖޮއިންޓް ޕްރެސްގައި ފާހަގަކޮށްފައިވެއެވެ.

އެ ސްޓޭޓްމަންޓުގައި ބުނެފައިވާގޮތުން އިއްޔެގެ މަޝްވަރާތަކުގައި އީޔޫ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށާއި މިހާރަށް ވުރެ ބޮޑަށް އީޔޫއާއި ރާއްޖެއާ ދެމެދު ދަތުރުފަތުރު އިތުރު ކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފަ އެވެ.