ކުޅިވަރު ހަބަރުތަކާއި މައުލޫމާތު "ވަން"ގެ ކިޔުންތެރިންނަށް އެންމެ ތާޒާކަމާއެކު، ފުރިހައަށް ގެނެސްދިނުމަށްޓަކައި "[ވަން ސްޕޯޓްސް](https://sports.oneonline.mv/)" މިއަދު ލޯންޗްކޮށްފިއެވެ.
"ވަން ސްޕޯޓްސް" މިއަދު ލޯންޗް ކޮށްފައި ވަނީ ހާއްސަ ސޯޝަލް މީޑިއާ ޕްލެޓްފޯމަކާއެކު، މުޅިން އާ ހިތްގައިމު ވެބް ޕޭޖަކާވެސް އެކުގައެވެ. މިއީ "ވަން" މީޑީއާ ގްރޫޕްގެ ފަރާތުން ކުޅިވަރުގެ އެކިއެކި މުބާރާތްތަކާއި ކުޅިވަރުގެ ބޮޑެތި އިވެންޓްތައް، ކިޔުންތެރިންނާ ހަމައަށް އެންމެ ފުރިހަމައަށް ގެނެސްދިނުމުގެ ބޭނުމުގައި ލޯންޗްކުރި ހާއްސަ ސެގްމެންޓެކެވެ.
"ވަން ސްޕޯޓްސް" ލޯންޗް ކުރުމާ ގުޅިގެން "ވަން"ގެ މެނޭޖިން އެޑިޓަރު އަލީ ރިޝްފާން ވިދާޅުވީ ކުޅިވަރަށް ހާއްސަ ޕޭޖަކާއެކު ކިޔުންތެރިންނަށް ތަފާތު ވިސްނުމެއްގައި ކުޅިވަރު ހަބަރުތައް ގެނެސްދިނުމަށް "ވަން"ގެ ސްޕޯޓްސް ޓީމުން މަސައްކަތްތަކެއް ކުރާނެ ކަމަށާއި، "ވަން ސްޕޯޓްސް" ވެގެންދާނީ ރާއްޖޭގެ އެންމެ ތާޒާ ކުޅިވަރު ހަބަރުތައް ގެނެސްދޭ ވެބް ޕޭޖަށް ކަމަށެވެ.
"ވަން ސްޕޯޓްސް ވެގެންދާނީ ކުޅިވަރު ހަބަރުތައް އެންމެ ތާޒާކަމާއެކު ކިޔުންތެރިންނަށް ގެނެސްދެވޭނެ ޕްލެޓްފޯމަށް. ހާއްސަކޮށް ކުޅިވަރު ކަވަރޭޖްގައި ޒަމާނީ ވައްޓަފާޅި ވަން ސްޕޯޓްސްއިން ފެނިގެންދާނެ. ވަން ސްޕޯޓްސްއާއެކު މިހާތަނަށް ވަންއިން ކުޅިވަރު ކަވަރު ކުރުމުގައި ކުރަމުން އަންނަ މަސައްކަތް އިތުރު ހަރުފަތަކަށް ކުރިއަށް ޖެހިގެންދާނެ. ހާއްސަކޮށް ބޮޑެތި މުބާރާތްތައް ކަވަރު ކުރުމުގައި އިތުރު ފުރިހަމަކަމެއް ގެނެސްދެވޭނެ،" ރިފްޝާން ވިދާޅުވިއެވެ.
"ވަން ސްޕޯޓްސް" ލޯންޗުކުރުމާ ގުޅޭ ގޮތުން ސްޕޯޓްސް އެޑިޓަރު، ތަޖުރިބާކާރު ކުޅިވަރު ނޫސްވެރިޔާ އިމާދު ލަތީފު ވިދާޅުވީ އަޒުމަކީ އަދި އަމާޒަކީ އެންމެ ގިނަބަޔަކު އިތުބާރުކުރާ އަދި އެންމެން ބަރޯސާކުރާ ކުޅިވަރު ހަބަރުގެ ވަސީލަތަކަށް 'ވަން ސްޕޯޓްސް" ހެދުން ކަމަށެވެ.
"ވަން" ގެ ސްޕޯޓްސް ޓީމުން މީގެ ކުރިންވެސް ވާނީ ކާމިޔާބު ކަވަރޭޖްތަކެއް ކިޔުންތެރިންނާ ހަމައަށް ގެނެސްދީފައެވެ. "ވަން" އަކީ ޔޫރޯ 2020 އަދި ވޯލްޑް ކަޕް 2022 ގައި ވެސް އެންމެ ފުރިހަމަ ކަވަރޭޖެއް ގެނެސްދިން އޮންލައިން ނޫހެވެ. އެގޮތުން "ވަން" އިން ވާނީ ޔޫރޯ އާއި ވޯލްޑް ކަޕްގެ އެންމެ ފުރިހަމަ ގައިޑު އާންމުންނަށް ގެނެސްދީފައެވެ. އޭގެ އިތުރުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ވާދަވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފާއިތުވެދިޔަ ދެ އަހަރުގެ މީޑިއާ ޕާޓްނަރުގެ ގޮތުގައި ވެސް "ވަން" ގެ ސްޕޯޓްސް ޓީމުން ވަނީ ފުރިހަމަ ކަވަރޭޖެއް ގެނެސްދީފައެވެ.
ސާފް ޗެމްޕިއަންޝިޕްގެ ހާއްސަ ކަވަރޭޖު ގެނެސްދިނުމަށް "ވަން ސްޕޯޓްސް" ގެ ވެބް ސައިޓުގައި މުބާރާތަށް ހާއްސަ ޕޭޖެއް ހިމެނޭނެ އިރު، "ވަން ސްޕޯޓްސް" އާއެކު އެ ޕޭޖުވެސް ވަނީ ލޯންޗް ކޮށްފައެވެ. އަދި ވަން ސްޕޯޓްސްގެ ފޭސްބުކް ޕޭޖް ވެސް ވަނީ މިއަދު ލޯންޗްކޮށްފައެވެ.
ވަން ސްޕޯޓްސް: [https://sports.oneonline.mv/](https://sports.oneonline.mv/)
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު