ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) ގެ ޑިވެލޮޕްމެންޓް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އިއްޔެގެ އެއްބަސްވުމާއެކު، ދިރާގުގެ ފަރާތުން ސޮއިކުރެއްވި އެ ކުންފުނީގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ވިދާޅުވީ ޓީޓީއަށް އެހީތެރިކަން ފޯރުކޮށްދެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"ޓީޓީއޭއެމްގެ އަހަރީ ޑިވެލޮޕްމެންޓް ޕާޓްނަރަށްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް ރީތިނަން ހޯދައިދެވޭ ފަދަ ކުޅަދާނަ، ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިން އުފެދިގެން އައުމަކީވެސް އަޅުގަނޑުމެން ވަރަށް ފަހުރުވެރިވާ ކަމެއް. އަދި އަޅުގަނޑުމެންގެ އުންމީދަކީ މި ކުޅިވަރަށް ފާގަތި މުސްތަގުބަލަކަށް،" މިރްޝާން ވިދާޅުވިއެވެ.

ޓީޓީ އެސޯސިއޭޝަނުގެ ފަރާތުން ސޮއިކުރެއްވި އެ އިދާރާގެ ނައިބު ރައީސް އިބްރާހީމް ޝިއުރީ އިއްޔެ ވިދާޅުވީ ދިރާގާއެކު ވެވުނު އެއްބަސްވުމާއެކު މުބާރާތްތައް ބޭއްވުމަށް ފުރުސަތުތައް އިތުރުވެ، ޓީޓީއަށް ކުރިއެރުންތަކެއް ގެނެވޭނެކަން ގަބޫލުކުރައްވާ ކަމަށެވެ.

"ރާއްޖޭގައި ޓޭބަލް ޓެނިސް ކުރިއެރުވުމަށް ދިރާގުން ދެމުންގެންދާ އެހީތެރިކަމަށްޓަކައި އެކުންފުންޏަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. އަޅުގަނޑުމެންގެ އުންމީދަކީ ދިރާގުގެ އެހީއާއެކު ބައިނަލްއަގުވާމީ އިތުރު ޓޯނަމަންޓްތައް ރާއްޖެގައި އިންތިޒާމްކޮށް ކުރިއަށްގެންގޮސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު ޓޭބަލް ޓެނިސް ކުޅުންތެރިންތަކެއް އުފެއްދުން،" ޝިއުރީ ވިދާޅުވިއެވެ.

ޓީޓީއަކީ ރާއްޖޭގައި އެންމެ ފުޅާކޮށް ކުރިއަރަމުންދާ އެއް ކުޅިވަރެވެ. އެސޯސިއޭޝަނުގެ މަސައްކަތާ އެކު ބައިނަލްއަގުވާމީ މުބާރާތްތައްވެސް ރާއްޖޭގައި ބާއްވަމުންދާ އިރު، ބައިނަލްއަގުވާމީ މައިދާނުން ރަން މެޑަލްވެސް ރާއްޖެއަށް ޓީޓީން ވަނީ ގެނެސްދީފައެވެ. ޓީޓީއަށް އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވެފައިވާ ދިރާގަކީ ކުޅިވަރުގެ އެކިއެކި ދާއިރާއަތަކަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކުންފުންޏެކެވެ.