މިރޭ ކުޅުނު ފްރެންޗް އޯޕަން ފައިނަލުގައި ކެސްޕާ ރޫޑް ބަލިކޮށް، ނޯވަކް ޖޮކޮވިޗް ރެކޯޑު 23 ވަނަ ގްރޭންޑް ސްލޭމް ތަށި ކާމިޔާބުކޮށްފިއެވެ.

އުމުރުން 36 އަހަރުގެ ޖޮކޮވިޗް ކެރިއަރުގައި 23 ވަނަ ގްރޭންޑް ސްލޭމް ކާމިޔާބު ކުރުމާއެކު އޭނާ މިހާރު ވެފައިވަނީ ކެރިއަރުގައި އެންމެ ގިނަ ގްރޭންޑް ސްލޭމް ތަށި ކާމިޔާބު ކުރި ކުޅުންތެރިޔާއަށެވެ. އޭނާ މީގެ ކުރިން އޮތީ 22 ތައްޓާ އެކު ރަފޭލް ނަޑާލްއާ އެއްވަރުވެފައެވެ. އޭގެ އިތުރުން މިރޭގެ ތައްޓާއެކު ޖޮކޮވިޗް ވަނީ އިތުރު ތާރީހެއްވެސް ލިޔެލައިފައެވެ. އޭނާ ވެފައިވަނީ ތިން ފަހަރަށް ވުރެ ގިނައިން ގްރޭންޑް ސްލޭމް ކާމިޔާބު ކުރި ހަމައެކަނި ކުޅުންތެރިޔާއަށެވެ.

މިރޭގެ މެޗުގައި ޖޮކިވިޗްގެ ފެށުން ގޯސްވެ، ފުރަތަމަ ސެޓު ޓައި ބްރޭކަށް ދިޔަ ނަމަވެސް، އޭނާ ވަނީ ސެޓު 7-6 (7-1) އިން ގެންގޮސްފައެވެ. ދެން ޖެހިގެން އައި ސެޓުތަކުގައި ޖޮކޮވިޗް ވަނީ މޮޅަށް ކުޅެ، 6-3 އަދި 7-5 އިން ސެޓުތައް ގެންގޮސްފައެވެ.

މިރޭ ހޯދި 23 ވަނަ ގްރޭންޑް ސްލޭމް ތައްޓާ އެކު އަންހެން އަދި ފިރިހެން ޑިވިޝަން އެއްކޮށް ބަލާ ނަމަ، ޖޮކޮވިޗަށްވުރެ އިތުރަށް ތަށި ހޯދާފައިވާ ހަމައެކަނި ކުޅުންތެރިޔަކީ 24 ގްރޭންޑް ސްލޭމް ހޯދާފައިވާ މާގަރެޓް ކޯޓެވެ. ސެރޭނާ ވިލިއަމްސް ވަނީ ޖޮކޮވިޗާ އެއްވަރަކަށް 23 ގްރޭންޑް ސްލޭމް ތަށި ހޯދައިފައެވެ.

"އަހަރެން ކެރިއަރުގައި 23 ގްރޭންޑް ސްލޭމް ހޯދުމަކީ ވަރަށް ބޮޑު އުފަލެއް. އަހަރެން އުމުރުން ހަތް އަހަރުގައި ވިމްބަލްޑަން ހޯދުމުގެ ހުވަފެން ދެކެން ފެށިން. އަދި ދުނިޔޭގެ އެއްވަނައަށް އަރަންވެސް އޭރު އުންމީދު ކުރިން. އެ ހުވަފެންތައް ހަގީގަތަށް ހެދިއްޖެ،" މީގެ ކުރިން 2016 އަދި 2021 ވަނަ އަހަރު ފްރެންޗް އޯޕަން ކާމިޔާބުކުރި ޖޮކޮވިޗް މިރޭގެ ފައިނަލަށް ފަހު ބުންޏެވެ.