ރާއްޖޭގައި މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން އިންޑިއާގެ ރަވީ ރަވީ އާއި އަޝްމިތާ ޗާލިހާ ހޯދައިފިއެވެ.

ޖުމުލަ 33 ގައުމަކުން 300 އަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރި މުބާރާތް މިއަހަރު ފޯރިގަދަކޮށް ނިމިގެން ގޮސްފައިވާ އިރު، އިއްޔެ ކުޅެފައި ވަނީ ފައިނަލް މެޗުތަކެވެ. އިއްޔެގެ ބައެއް މެޗުތައް ބައްލަވައިލެއްވުމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްވެސް ވަޑައިގެންފައިވާ އިރު، ފުރަތަމަ ކުރިއަށް ދިޔައީ ޑަބަލްސްގެ ފައިނަލްތަކެވެ.

ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި އިއްޔެ ފުރަތަމަ ކުޅުނު މިކްސް ޑަބަލްސް ފައިނަލުގައި އެމެރިކާގެ ވިންސަން ޗީއޫ އާއި ޖެނީ ގާއީ އަދި މެލޭޝިއާގެ ހޫ ޕަން ރޮން އާއި ތެއޯ މެއި ޒިންގް ވާދަކުރި މެޗު، މެލޭޝިއާ ޕެއާއިން ކާމިޔާބުކުރީ 21-13 އަދި 21-18 އިންނެވެ.

ދެން ކުޅުނީ ސިންގަލްސް ފިރިހެން ފައިނަލެވެ. އެ އިވެންޓްގައި އިންޑިއާގެ ރަވީ، މެލޭޝިއާގެ ސޯންގް ޖޫ ވެން ބަލިކުރީ 21-19 އަދި 21-18 އިން ސެޓުތައް ގެންގޮސްގެންނެވެ. އިންޑިއާގެ ރަވީއަކީ މި މުބާރާތަށް ސީޑު ކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވާ ކުޅުންތެރިއެއް ނޫނެވެ. އެހެންކަމުން އެއީ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ތައިލެންޑްގެ ފަރަންޔޫ ކައޮސަމާންގާއި ވޮރަޕޮލް ތޮންގްސާ-ގާ ހޯދީ މެލޭޝިއާގެ ލޯ ހޭން ޔީ އާއި އެން އެންގް ޗެއޮންގް 21-19، 21-16 އިން ބަލިކޮށްގެންނެވެ. އަންހެން ޑަބަލްސް އިވެންޓްގައި އިންޑިއާގެ އަޝްވިނީ ބާތާއި ޗީކާ ގޯތަމް ވާދަކުރީ ތައިލެންޑްގެ ލަކްސިކާ ކަންލަހާ އާއި ފަތައިމަސް މުއެންވޯންގާ ދެކޮޅަށެވެ. އެމެޗު ތައިލެންޑްގެ ޕެއާއިން ކާމިޔާބުކުރީ 24-22 އަދި 21-15 އިންނެވެ.

އެންމެފަހު އިވެންޓެއްގެ ގޮތުގައި އިއްޔެ ކުރިއަށް ގެންގޮސްފައި ވަނީ އަންހެން ސިންގަލްސް ފައިނަލް މެޗެވެ. އެ މެޗުގައި އިންޑިއާގެ ދެ ކުޅުންތެރިން ވާދަކޮށްފައިވާ އިރު، އަޝްމިތާ، ތަސްނީމް މިރްގެ މައްޗަށް ކުރިއަށް ހޯދީ 3-1 ސެޓުންނެވެ. ފުރަތަމަ ސެޓު މިރް 21-19 އިން ގެންދިޔަ އިރު، އަޝްމިތާ ވަނީ ފަހަތުން އަރައި 21-17 އަދި 21-11 އިންނެވެ.