ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއުއަކީ ތިމާވެއްޓަށް ބޮޑު ގެއްލުމެއް ދީގެން ހިންގާ މަޝްރޫއެއް ކަމަށް ބުނެ، އެ މަޝްރޫއުގެ މަސައްކަތް ހުއްޓުވަން ސިވިލް ކޯޓަށް ހުށަޙެޅި މައްސަލަ ނިމެންދެން އެމަޝްރޫއު ކުރިއަށްގެންދިއުން ވަގުތީގޮތުން ހުއްޓުވުމަށް، މައްސަލަ ހުށަހެޅިފަރާތުން އެދުނު ގޮތަށް ސިވިލް ކޯޓުން އަމުރެއް ނުނެރެދިނެވެ.

ދައުލަތާ ދެކޮޅަށް، ޕްލޭނިން މިނިސްޓްރީ އާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، (އީޕީއޭ) އާއި އެންވަޔަރަންމަންޓް މިނިސްޓްރީއަށް ރައްދުވާގޮތަށް މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ތިމާވެށީގެ އެކްޓިވިސްޓެއް ކަމަށްވާ ހ. ޝޭޑީކޯނަރު، ހުމައިދާ އަބްދުލްގަފޫރު (ހުމޭ) އެވެ. އޭނާއަކީ ތިމާވެށީގެ ކަންކަމުގައި އަޑުއުފުލާ ސޭވް ދަ މޯލްޑިވްސް ކެމްޕެއިންގެ މެމްބަރެކެވެ.

މި މައްސަލައިގައި އޭނާ ބުނެފައި ވަނީ، އެ މަޝްރޫއަކީ ލާމަރުކަޒީ ނިޒާމާ އިދިކޮޅު، ރާއްޖޭގެ އިތުރުން މުޅި ދުނިޔެ އިގުތިސޯދީ ހީނަރުކަމާ ކުރިމަތިލާފައިވާ ވަގުތެއްގައި މާލީގޮތުން ދެކޮޅު ނުޖެހޭ، ދަރަނި ބޮޑު އަދި ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު މަޝްރޫއެއް ކަމަށެވެ. ދައުލަތުގެ ބަޖެޓުން 300 މިލިއަން ޑޮލަރުގެ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ސަބަބުން އިޔާދަނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އޭގެ ތެރޭގައި ގުޅިފަޅުގެ ފަރުގައި 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ކަނޑުއަޑީގެ ދިރުންތަކުގެ މުއްސަނދި މާހައުލީ ނިޒާމެއްކަމަށްވާ "ހާންސްހާސް ޕްލޭސް" ނުވަތަ "ކިކި ރީފް" ފަނާވެގެންދާނެކަން އޭނާވަނީ ފާހަގަ ކޮށްފައެވެ.

މިއީ އެކަށީގެންވާ މިންވަރަށް ކަންކަން ބެލުމަށްފަހު، ކުރިއަށްގެންދާ މަޝްރޫއެއް ނޫން ކަމަށާއި ވަގުތާއި ހާލަތާއި ގެއްލުމާއި ފައިދާ އެކަށީގެންވާ މިންވަރަށް މިނެކިރުމެއް ނެތި ކުރިއަށްގެންދާ މަސައްކަތެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އެ މަޝްރޫއުގެ ދަށުން ފައިސާއިން އަގުނުކުރެވޭ ފަދަ ނިއުމަތްތައް ކަމަށްވާ ރާއްޖޭގެ ތިމާވެއްޓާއި ގުދުރަތީ ދިރުންތަކުގެ މުއްސަނދިކަމާއި މާހައުލީ ނިޒާމުތަކަށް ސަރުކާރުން އިހުމާލުވެފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އެކަމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ އަސަރު ޖީލުތަކަށް ދެމިގެން ދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ގުޅިފަޅު ޑިވެލޮޕްމަންޓް މްޝަރޫއުގެ ދަށުން ކުރިއަށްގެންދާ ބިން ހިއްކުމުގެ މަސައްކަތަކީ އޭގެ ސަބަބުން މާލޭ ސަރަހައްދުގެ ކަނޑުފަޅުތަކާއި ދިރުންތަކުގެ ވެއްޓަށް އަނބުރާ އިއާދަ ނުރެވޭނެފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭނެ މަޝްރޫއެ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މިމައްސަލައަށް ސިވިލް ކޯޓުން ގޮތެއް ކަނޑައަޅަންދެން ގުޅިފަޅު ޕޯޓް ޑިވެލޮޕްމަަންޓް މަޝްރޫއުގެ ފޭސް ދޭއްގެ ބިން ހިއްކުމާ ގުޅޭ އެންމެހާ މަސައްކަތްތައް ވަގުތީގޮތުން ހުއްޓާލުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށް ހުމެއިދާ ވަނީ ކޯޓަށް ހުށަހަޅައިފައެވެ.

އޭނާ ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރާބެހޭ ގޮތުން ސިވިލް ކޯޓުން ބުނެފައި ވަނީ، އެ މަޝްރޫއަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ މަޝްރޫއެއް ކަމަށެވެ. އެ މަޝްރޫއުގެ މަގުސަދަކީ ރާއްޖޭގެ އިގުތިސޯދު ކުރިއެރުވުމަށްޓަކައި މާލޭ ޕޯޓުގައި މިވަގުތު ހުރި ހުރަސްތަކާއި ދަތިތަކަށް ހައްލެއް ހޯދައި، މުސްތަގުބަލުގައި ރާއްޖޭގެ އިގުތިސޯދަށް ބޭނުންވާ ވަރުގެ ޕޯޓެއް ގާއިމުކުރުން ކަމަށްވެފައި، މި މަޝްރޫއަކީ ބައިނަލްއަގުވާމީ އެކި އެކި އިދާރާތަކުން ލޯނު ނަގައިގެން، ބޮޑު ހަރަދު ކޮށްގެން ކުރިއަށް ގެންދާ މަޝަރުއަކަށް ވުމުންނާއި ގުޅިފަޅު ފޭސް އެކެއް ނިމި، ފޭސް ދޭއްގެ މަސައްކަތްވެސް ކުރިއަށްދާތާ ގިނަ ދުވަސްތަކެއް ފަހުން މުޅި މަޝްރޫއު މަޑުޖައްސާލައިފިނަމަ، ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކަކުން ފައިސާ ދައްކަން ސަރުކާރަށް ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދޭ ހާލަތުގައި، އެ އަމުރުގެ ސަބަބުން ދައުލަތަށް ލިބޭ އިއާދަނުރެވޭ ގެއްލުން މާބޮޑު ތަނުން ބޮޑުވާނެ ކަމަށް ޝަރީއަތުން ދެކޭ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މި މައްސަލައިގައި ހުމޭ އެދުނު ވަގުތީ އަމުރު ނެރެންޖެހޭ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ނިންމައިފައެވެ.