ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމުން އީވާ އަބުދުﷲ ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކުރުން އިސްތިސްނާ ކުރެވޭނެ އެއްވެސް ހާލަތެއް މަޖިލިސް ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމަށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާއަށް، އަސްލަމ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ޖިލިސް ގަވާދުގެ 205 ވަަނ މާއދާގެ (ނ)ގައި ބުނާގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނާއިބުރައީސްގެ އިތުބާރުނެތްކަމުގެ ގަރާރެއް މަޖިލީހަށް ލިބޭތާ ތިން ދުވަހުގެ ތެރޭގައި، މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ނުވަތަ ނާއިބު ރައީސަށް، 14 ނޯޓީސް އަމީން އާއްމު ދޭންޖެހޭނެ ކަމަށެވެ. އަދި އެ މުއްދަތަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދުނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އިތުބާރު ނެތްކަމުގެ ގަރާރު ހުށަހަޅަން ޖެހޭނެކަމަށް އެ މާއްދާގައި ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާގެ އިތުބާރުނެތްކަމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރުމަށް މަޖިލިސް ގަވާއިދު ލާޒިމް ކުރާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެ ސަބަބަށް ޓަކައި، މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކޮށްދެއްވުމަށް އަމީން އާއްމުގެ އަރިހުން އަސްލަމް ވަނީ އެދިވަޑައިގެންފައެވެ.
އަސްލަމް މިކަމަށް އެދިވަޑައިގެންފައިވާއިރު، ކުރިން މާދަމާގެ ޖަލްސާގެ އެެޖެންޑާގައި ހިމަނާފައި އޮތް، އީވާގެ އިތުބާރުނެތްކަމުގެ މައްސަލަ މިހާރު ވަނީ އެޖެންޑާއިން އުނިކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު