ގަތަރުގެ ބޭންކަރު ޝެއިހް ޖަސީމް ބިން ހަމަދު އަލް ސާނީ މެންޗެސްޓާ ޔުނައިޓެޑް ގަތުމަށް ކުރި ބިޑު ބޮޑުކުރުވަންވެގެން ޔުނައިޓެޑްގެ ވެރިން ޕީއެސްޖީގެ ޗެއާމަން ނަސޭރު އަލް-ހެލައިފީއާ ވާހަކަ ދެއްކި ކަމަށް ނޫސްތައް ބުނެފިއެވެ.
ބީބީސީން ބުނެފައި ވަނީ ޔުނައިޓެޑަށް ޖަސީމް ފުރަތަމަ ކުރި ބިޑު ބޮޑުކުރަން ދެ ފަހަރެއްގެ މަތިން ޔުނައިޓެޑްގެ ވެރިން ކަމަށްވާ ގްލޭޒާސް އާއިލާއިން ނަސޭރާ ވާހަކަ ދެއްކި ކަމަށެވެ. ގްލޭޒާސްއާއި ނަސޭރަކީ ވިޔަފާރީގެ ގުޅުންތައް އަބަދުވެސް އޮންނަ ފަރާތްތަކެއް ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.
ޔުނައިޓެޑް ގަތުމުގެ ރޭހުގައި އެންމެ ފަހުމަރުހަލާއާ ހަމައަށް މަސައްކަތް ކުރީ ޝެއިހް ޖަސީމާއި އިނެއޯސް ގްރޫޕްގެ ޗެއާމަން، އިނގިރޭސި ބިލިއަނަރު ސާ ޖޭމްސް ރެޓްކްލިފެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ފުރަތަމަ ބިޑުތައް ހުރި ގޮތުން ޔުނައިޓެޑް ވިއްކާލުން ގާތްކޮށް އޮތީ ރެޓްކްލިފަށެވެ. އެހެން ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ޖަސީމް ވަނީ އަނެއްކާވެސް ޔުނައިޓެޑް ގަތުމަށް ފަސްވަނަ ބިޑެއް ހުށަހަޅައިފައެވެ. ޖަސީމްގެ ފަސްވަނަ ބިޑަކީ އަގުގެ ގޮތުން ހަތަރުވަނަ ބިޑާ މާ ބޮޑު ތަފާތެއް ނެތް ބިޑެއް ނަމަވެސް، ބައެއް ކަންކަން ބަދަލުކޮށްފައިވާ ބިޑެއް ކަމަށް ނޫސްތައް ބުނެއެވެ.
ޔުނައިޓެޑް ގަތުމަށް ގަތަރުގެ އެންމެ ބޮޑު ބޭންކުން މަސައްކަތް ކުރަމުން އަންނައިރު، ޔުނައިޓެޑްގެ ކޮންޓްރޯލް ހޯދަން ގަތަރުން މަސައްކަތް ކުރަނީ ނަސޭރުގެ އެހީގައި ކަމަށް މީގެ ކުރިންވެސް އޮތީ އަޑު ފެތުރިފައެވެ. އެހެން ނަމަވެސް ޔުނައިޓެޑު ވެރިންނާއެކު އޭނާ އެންމެފަހުން ބޭއްވި ބައްދަލުވުން އެންމެ ކާމިޔާބު ނޫންކަމަށްވެސް ބީބީސީން ބުންޏެވެ.
ބައެއް ނޫސްތަކުން އިއްޔެ ބުނީ ނަސޭރު، ޔުނައިޓެޑްގެ ބިޑް އިވެލުއޭޓް ކުރާ ރައިނޭ ގްރޫޕާވެސް ބައްދަލުކުރި ކަމަށެވެ. އެހެން ނަމަވެސް ނަސޭރުގެ ގާތް ފަރާތްތަކުން ވަނީ އެކަން ދޮގު ކޮށްފައެވެ. ނަސޭރު ޔުނައިޓެޑްގެ ގަތުމުގައި އެއްވެސް ވަރަކަށް އެހީތެރިކަން ނުދޭ ކަމަށް އޭނާ ބުނެފައިވާ އިރު، އެ މައްސަލަ ޕްރިމިއާ ލީގުން އަންނަނީ ކައިރިން ބަލަމުންނެވެ. އެއީ ޕީއެސްޖީގެ ވެރިން ޔުނައިޓެޑް ގަތުމަށް ފަންޑު ކޮށްފާނެތީއެވެ.
މިހާރު ޔޫރަޕްގެ ފުޓުބޯޅަ އޮނިގަނޑުގެ އުސޫލު އޮންނަ ގޮތުން، އެއް ވެރިއެއްގެ އަތުގައި އޮންނަ ދެ ކްލަބަކަށް އެއް ފަހަރާ ޔޫއެފާގެ މުބާރާތްތަކުގައި ވާދައެއް ނުކުރެވޭނެއެވެ. އެ އުސޫލުގެ ތެރެއިން ކްލަބުގެ ވެރިންގެ ގޮތުގައި ޔޫއެފާއިން ބަލާނީ ކްލަބުގެ ކަންކަން ނިންމުގައި ވޯޓު ދިނުމުގެ ބާރު އޮންނަ ފަރާތްތަކުގެ އިތުރުން ކްލަބުތަކުގެ ބޯޑު މެންބަރުންނާއި އިދާރީ މަގާމުތަކުގައި ތިބޭ މީހުންނާއި މެނޭޖުމަންޓްގެ މީހުން ވަކިކުރެވޭނެ މީހުންނަށެވެ. އޭގެ އިތުރުންވެސް ކްލަބުގެ ގޮތް ނިންމުމުގެ ބާރު އޮންނަ ފަރާތްތަކުގެ އިތުރުން މެޖޯރިޓީ ހިއްސާދާރުންނަކީވެސް ކްލަބުގެ ވެރިންގެ ގޮތުގައި ޔޫއެފާއިން މާނަކޮށްފައިވެއެވެ.
އެ ސަބަބާ ހެދި ޔޫރަޕްގެ ބޮޑެތި ބައެއް ކްލަބުތަކުގެ ވެރިންނަށް އިތުރު ބޮޑެތި ކްލަބުތައް ގަތުމުގައި އުނދަގޫތަކެއް ދިމާވެފައިވާ އޮތް އިރު، ގަތަރުގެ ޕީއެސްޖީ ވެރިން ވަނީ އެކަން ބަދަލުކުރަން މަސައްކަތް ކޮށްފައެވެ. އެއީ ޔުނައިޓެޑް ގަތުމުގެ ބޭނުމުގައެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް