(2 ޖޫންގެ އަދަދާ ގުޅޭ)
عـُــــرُوج ގެ ބާރު ދުވަހެއް ދުވަހަކަށް ގަދަވަމުން ކުރިއަރަމުންދާތަން ފެނިވަޑައިގަތުމާއެކު، ސްޕޭން ރަސްގެފާނު ޗާލްސް V ޤަޞްދުކުރެއްވީ عـُــــرُوج ގެ ބާރު އަބަދަށްޓަކައި ކަނޑުއްވައިލެއްވުމަށެވެ. އެކަމަށްޓަކައި އޭނާގެ ސިފައިންގެ ތެރެއިން، ކުޅަދާނަ ދިހަހާސް ސިފައިން ހޮއްވެވިއެވެ. އެއިން ކޮންމެ މީހަކީވެސް ހަނގުރާމަތަކުގައި ޢަމަލީގޮތުން ބައިވެރިވެފައިވާ ތަޖުރިބާކާރު މީހެކެވެ. މި ލަޝްކަރު ފޮނުއްވިއިރު عـُــــرُوج ހުންނެވީ ތަލްމުސާން ގައެވެ. އޭނާގެ އަރިހުގައި ތިބީ މުޅިއެކު ފަނަރަސަތޭކަ ސިފައިންނެވެ. عـُــــرُوج އަށް ސްޕޭނީ ލަޝްކަރުގެ ޚަބަރު ލިބިވަޑައިގަތުމާއެކު އޭނާގެ ސިފައިންނާއިގެން ތަލްމުސާނުން ފުރައިވަޑައިގެންފިއެވެ. ނަމަވެސް އޭރު ޖާސޫސުންގެ ފަރާތުން ދުޝްމިނުންނަށް އޮތީ އެ ޚަބަރު ލިބިފައެވެ. އެހެންކަމުން އެމީހުންވެސް عـُــــرُوج ގެ މަދުމީސްކޮޅު އަތުލައިގަތުމަށްޓަކައި ދަތުރު ފަށައިފިއެވެ. عـُــــرُوج ގެ ސިފައިން، ކޯރެއް ހުރަސްކުރަމުން ދަނިކޮށް ސްޕޭނުގެ ލަޝްކަރު އައިސް ޙަމަލަދީފިއެވެ. عـُــــرُوج އަށް އޭރުވަނީ ކޯރު ހުރަސްކުރެއްވިފައެވެ. ނަމަވެސް އޭނާއަކީ މިފަދަ ވަގުތުތަކުގައި ދުޝްމަނުންގެ "ދީލަތިކަމަށް" ލަޝްކަރު ދޫކޮށްލައިފައި ފުރާނަ ސަލާމަތްކުރާ ޖަނަރަލުންގެ ތެރޭގައި ހިމެނޭ ބޭފުޅެއް ނޫނެވެ. އެހެންކަމުން އޭނާ އެއްވެސް ފަސްޖެހިވަޑައިގެންނެވުމަކާނުލައި އަސް އަނބުރައިލައްވައިފައި ކޯރުގެ އަނެއްފަރާތަށް ވަޑައިގެންފިއެވެ. ހަނގުރާމައިގެ އަލިފާންގަނޑަށް އަމިއްލަފުޅަށް ފުންމައިލައި ލޭގެ ބާޒާރު ތިޔާގިކޮށްލެއްވިއެވެ. މުސްލިމުން އެދުވަހު ހަނގުރާމަކުރީ އެބައިމީހުންނަށްވުރެ ހަތްގުނަ ޢަދަދު ގިނަ ދުޝްމިނުންގެ ލަޝްކަރަކާއެވެ. ނަތީޖާއަކީ އެކަކަށްފަހު އަނެކަކު ޝަހީދުވެ ދިޔުމެވެ. އެ ޝަހީދުވެގެންދިޔަ ބަހާދަރުންގެ ތެރޭގައި عـُــــرُوج ބަރުބަރޯސާވެސް ހިމެނުނެވެ. އޭނާ ވަށައިގެން ކްރިސްޓިޔަނުންގެ ހަށިތައް ބަރިބަރިޔަށް އެތުރިފައި އޮތެވެ. އޭނާ އޮންނެވީ އެ ހަށިތަކުގެ މެދުގައި އޮށޯވެގެންއޮތް ސިންގާއެއްގެ ހައިބަތުގައި އަބަދަށްޓަކައި އަވަހާރަފުޅު ލައްޕަވައިފައެވެ. عـُــــرُوج ބަރުބަރޯސާ ޝަހީދުވީއިރު އޭނާގެ ޢުމުރުފުޅަކީ ސާޅީސްހަތަރު އަހަރެވެ. އޭނާއަކީ މެދުމިނުގެ އިސްކޮޅުފުޅަކާއި ވަރުގަދަ ހަށިކޮޅެއްގެ ވެރިއެކެވެ. އިސްތަށިފުޅާއި ތުނބުޅިފުޅުގެ އިސްތަށިކޮޅުތައް ހުންނަނީ ރަތްކުލައިގައެވެ. އޭނާއަކީ ކެރުމާއި ހިތްވަރުގަދަކަމުގެ ދިރިހުރި ނަމޫނާއެކެވެ. ތާރީޚު ލިޔުންތެރީން ބަޔާންކުރާގޮތުގައި "އޭނާ ބަރުބަރުގެ އައްސޭރީގައި ސޯޅަ އަހަރު ހޭދަކުރެއްވިއެވެ. އެމުއްދަތުގެ ތެރޭގައި އޭނާ ކްރިސްޓިޔަނުންނަށް ދެއްވައިފައިވާ ގެއްލުންތައް ގަލަމަކުން ބަޔާންކުރެވޭ ވަރަށްވުރެ ގިނައެވެ."
عـُــــرُوج ޝަހީދުވުމުން ބޭރުފުށުން ފެނުނުގޮތުގައި ބަރުބަރުގެ އައްސޭރީން މުސްލިމުންގެ ކަނޑުމަތީ ހަނގުރާމައިގެ ތާރީޚުގެ ޖޯޝުން ފުރިފައިވާ ބާބެއް ނިމުނީއެވެ. އެހެނީ عـُــــرُوج ގެ ނަންހުރި އެކުވެރީންތައްވެސް ވަނީ އޭނާއާއެކު ޝަހީދުވެގޮސްފައެވެ. ސްޕޭނުގެ ލަޝްކަރު އެނބުރި ސްޕޭނަށް ދިޔައީވެސް މިކުށްހީގެ މައްޗަށް ބިނާކޮށްކަމަށްވުމީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް عـُــــرُوج ބިންގާ އަޅުއްވައިފައިވާ ހަނގުރާމަވެރި ބާރަކީ ފަސޭހައިން ނައްތައިލެވޭވަރަށްވުރެ މާވަރުގަދަ މާ އާރުލާ ބާރެކެވެ. ސްޕޭނުގެ ސިފައިން އެނބުރި ދިއުމާއެކު އެބާރު އަމިއްލައަށް އުފެދި އިންތިޒާމުވެއްޖެއެވެ. އިއްތިފާޤުން ލިބުނު ލީޑަރަކީވެސް عـُــــرُوج ގެ ތަރުބިޔަތު ލިބިވަޑައިގެންފައިވާ އޭނާގެ އަޚެކެވެ. އަޅުގަނޑުމެންގެ ބަޠަލު خــيـــــر الــدّيــــن ބަރުބަރޯސާއެވެ.
عـُــــرُوج ޝަހީދުވުމުން އަލްޖޭރިޔާގެ ވެރިކަމުގެ ބާރު އަތުލެއްވީ خــيـــــر الــدّيــــن އެވެ. އޭނާ އެންމެފުރަތަމަ އެޅުއްވި ފިޔަވަޅަކީ ޚަލީފަތުލް މުސްލިމީންގެ އަރިހަށް އިސްތަންބޫލަށް މުޝީރަކު ފޮނުއްވުމެވެ. އަލްޖޭރިޔާއަކީ ޢުޘްމާނީ ރަސްކަމުގެ ދަށުގައިވާ ތަނެއްކަމުގައި ހަމަޖެއްސެވުމާއެކު ޚަލީފާގެ ޚާދިމުންގެ ތެރޭގައި خــيـــــر الــدّيــــن ހިމަނުއްވައިދެއްވުން އެދިވަޑައިގަތުމެވެ. سـلطـــان ســلـيــم، خــيـــــر الــدّيــــن ގެ ދެންނެވުން ޤަބޫލުކުރައްވައި އަލްޖޭރިޔާ ޢުޘްމާނީ ދައުލަތުގެ ޕްރޮވިންސެއްކަމުގައި ހަމަޖެއްސެވިއެވެ. ހަމައެއާއެކު خــيـــــر الــدّيــــن އަށް ގަވަރނަރ ޖަނަރަލްގެ މަޤާމާއި ވަރަށްގިނަ އިނާމުތައްވެސް ދެއްވިއެވެ. ދެހާސް ސިފައިންގެ މައްޗަށް އެކުލެވޭ ލަޝްކަރެއްވެސް ފޮނުއްވައިދެއްވިއެވެ. ދުވަސްކޮޅެއްގެ ކުރީން سـلطـــان ســلـيــم ވަނީ މިޞުރު ފަތަޙަކުރައްވައިފައެވެ. އެހެންކަމުން ޢުޘްމާނީ އެމްޕެއަރ އުތުރު އެފްރިކާގައި އަލްޖޭރިޔާއާ ހަމަޔަށް ފެތުރިގެން ހިނގައްޖެއެވެ. خــيـــــر الــدّيــــن އަށް ހިތްޕުޅުހަމަޖެހިވަޑައިގަތުމާއެކު ޔޫރަޕުގެ ކަނޑުގެ ބާރުތައް ސިއްސަވައިލެއްވޭގޮތް މެދުވެރިވެއްޖެއެވެ.
خــيـــــر الــدّيــــن އެހައިތަނުން ސްޕޭނުގެ ކިބައިން ބަދަލުހިއްޕަވަން ތައްޔާރުވެވަޑައިގަންނަވާން ފައްޓަވައިފިއެވެ. އައްސޭރީގެ ކިއްލާތަކަށް ސިފައިން އިތުރުކުރައްވަމުން ގެންދެވިއެވެ. ހަމައެއާއެކު ދާޚިލީގޮތުންވެސް ޢަރަބީންނާއި ބަރުބަރީންގެ ބޮޑެތި ބޮޑެތި ޤަބީލާތަކާ އެކުވެރިކަން ބަދަހިކުރެއްވިއެވެ. خــيـــــر الــدّيــــن މިތައްޔާރުކުރެއްވުމުގައި އުޅުއްވަނިކޮށް، އެޑްމިރަލް ހިޔުގޯޑިމާ ފަންސާސް ހަނގުރާމަވެރި ނަވުގެ އަރުމާދަކާއެކު އަލްޖޭރިޔާއަށް ޙަމަލަދީފިއެވެ. خــيـــــر الــدّيــــن އެ އަރުމާޒު ބަލިކުރައްވައި ފައްސަވައިލެއްވިއެވެ. މަޢުރިކާގެ ނުނިމިއޮތް ތަންކޮޅު ފުރިހަމަވީ ޤުދުރަތީ ޠޫފާނެއްގެ ސަބަބުންނެވެ. އާދެ، އަރުމާޒުގެ ބާކީބައި އެޠޫފާނުގައި ހަލާކުވެދިޔައީއެވެ. ޕީނާންޑިއަލްޖިއަރ ފިޔަވައި މުޅި އަލްޖޭރިޔާ މިނިވަންވެއްޖެއެވެ. އެހެންކަމަށްވުމާއެކު خــيـــــر الــدّيــــن ގެ މުޅި ސަމާލުކަން ދޫކޮށްލެއްވީ ކަނޑުމަތީގެ ޙަރަކާތްތަކުގެ މައްޗަށެވެ.
خــيـــــر الــدّيــــن ކޮންމެ އަހަރަކު އެއްފަހަރު ނުވަތަ ދެފަހަރު އޭނާގެ އަރުމާދާއިގެން ނުކުމެވަޑައިގެން މެޑިޓްރޭނިއަން ކަނޑުގައި ބުރުޖައްސަވައެވެ. މިޚަބަރު ލިބުމުން ވަރަށްގިނަ އެހީތެރިންވެސް އޭނާގެ ދިދައިގެ ދަށަށް ޖަމާވެއްޖެއެވެ. ކަނޑުމަތީ ހަނގުރާމައިގެ ތާރީޚުގައި ފާހަގަކޮށްލަންޖެހުނު ބަޠަލުންތަކެއްކަމުގައި ހިމެނިވަޑައިގަންނަވާ ތަރުޣޫދާއި صــالــح އާއި އަބްދީން خــيـــــر الــدّيــــن އާ ގުޅިވަޑައިގެންނެވީވެސް އެދުވަސްވަރުގައެވެ. خــيـــــر الــدّيــــن ގެ އަރުމާދުގައި ޢާންމުގޮތެއްގައި ހިމެނެނީ އަށާރަ ހަނގުރާމަވެރި ނަވެވެ. ކޮންމެ އަހަރަކުވެސް މެއިމަހުން ފެށިގެން މެޑިޓްރޭނިއަން ކަނޑުގައި ބުރުޖެހުން އޮވެއެވެ. އެކަނޑުން ދަތުރުކުރާ ޔޫރަޕުގެ އެއްވެސް އުޅަނދެއް خــيـــــر الــدّيــــن ގެ އަތްޕުޅުދަށުން ސަލާމަތްވެފައެއް ނޯވެއެވެ. ހަމައެކަނި ވިޔަފާރި ނައުފަހަރެއް ނޫނެވެ. ޔޫރަޕުގެ އެކިދައުލަތްތަކާއި ސްޕޭންގެ ރޯޔަލް ނޭވީގެ އުޅަނދުފަހަރުވެސްމެއެވެ. އެދުވަސްވަރު ސްޕޭނާއި އިޓަލީއާ ދެމެދު ކަނޑުމަގުން ދަތުރުކުރުން ވެފައިއޮތީ ނުރައްކަލުން ފުރިގެންވާ ކަމެއްކަމުގައެވެ. އެހެންކަމުން ޔޫރަޕުގެ އުޅަނދުތަކަށް އަންގައިފައި އޮންނަނީ ކަރަގޮޑުން ބޭރަށް ނުނިކުތުމަށެވެ.
ދުވަސްތައް މާޒީވަމުން ދިޔައެވެ. މީލާދީން 1529 ވަނައަހަރުގެ ހާދިސާއެކެވެ. خــيـــــر الــدّيــــن، އަބްދީނާއި صــالــح ރައީސާ ދެ އޮފިސަރުން ކައިރިކައިރީގެ ޖަޒީރާތަކަށް ޙަމަލަދެއްވަން ފޮނުއްވިއެވެ. އެބޭފުޅުންގެ މަސައްކަތްޕުޅު ނުހަނު ކާމިޔާބާއެކު ކުރިޔަށްގެންދަވައި ސްޕޭނުގެ މުސްލިމުންގެ ދުއިސައްތަ ޢާއިލާ އަނިޔާވެރިކަމުގެ ވަކިތަކުން ސަލާމަތްކުރެއްވިއެވެ. އެއްދުވަހަކު ފާމެންޓްރާގެ ބޭރުގައި މުސްލިމުން މަޑުކޮށްލީ ޝިކާރައެއްގެ އިންތިޒާރުގައެވެ. ކުއްލިއަކަށް ފެނުނީ ޖެނެރަލް ޕެޓެންޑޯގެ ވެރިކަމުގެ ދަށުގައި، އަށް ނައު އައިސް ކައިރިކޮށްލިތަނެވެ. ސްޕޭނުގެ މުސްލިމުން ޕާމެންޓްރާއަށް ބޭލުއްވުމަށްފަހު صــالــح އާއި އަބްދީންވެސް ހަނގުރާމައަށް ތައްޔާރުވެވަޑައިގެންނެވިއެވެ.
ސްޕޭނީންގެ ޤަޞްދަކަށް ވެފައިއޮތީ އެތާނގެ މުސްލިމުން ދެވަނަފަހަރަށް ހައްޔަރުކޮށްގެން ގެންދިޔުމެވެ. އެހެންކަމުން، ދެ އަރުމާދު ކައިރިވެގެން އައިއިރު އެމީހުންވެސް ބަޑީގެ ޙަމަލައެއް ނުދެއެވެ. ނަމަވެސް ދެފަރާތުގެ އުޅަނދުތައް، މާބޮޑަށް ގައިގޯޅިވުމުން، ޤަވާޢިދުން ހަނގުރާމަ ފެށިއްޖެއެވެ. އެ ހަނގުމާރައިގައި ޖަނަރަލް ޕެޓެންޑޯ މަރުވެ، ސްޕޭނުގެ ހަތް ނައު މުސްލިމުންނަށް ޣަނީމާކުރެވުނެވެ. އެއް ނައު ފިލައިގެން ދިޔައީއެވެ. صــالــح އާއި އަބްދީން އެދަތުރުން އެނބުރިވަޑައިގެންނެވިއިރު ސްޕޭނުގެ މުސްލިމުންގެ ދުއިސައްތަ ޢާއިލާއާއި އެތާނގެ ނައުފަހަރުގައި އަޅުންގެ ގޮތުގައި ގެންގުޅޭ އެތައްހާސް މުސްލިމުންނެއް ސަލާމަތްކުރައްވައިގެން ގެންނެވީއެވެ.
އެހައިތަނަށް ދިޔައިރުވެސް އަލްޖޭރިޔާގެ ބަނދަރުގައިކަމުގައިވާ އަލްޖިއަރސްގެ ކިއްލާ ޕީނާންހުރީ ސްޕޭނީންގެ ބާރުގެ ދަށުގައެވެ. خــيـــــر الــدّيــــن ގެ އަރުމާދަށް އެކަމުގެ ނުރައްކައު ވަރަށް ބޮޑެވެ. އެ ކިއްލާއަކީ އަބަދު ސަމާލުވާންޖެހިފައިވާ ބިރުވެރިކަމުގެ މަރުކަޒެއް ކަމުގައި އޮތީވެފައެވެ. އެހެންކަމުން އެބިރުވެރިކަން ނައްތަވައިލައްވަން خــيـــــر الــدّيــــن ޤަޞްދުކުރެއްވިއެވެ. ކިއްލާގެ ގަވަރނަރ ޑޮންމާޓިންއަށް، އެކިއްލާ މުސްލިމުންނާ ޙަވާލުކުރުމަށް އެންގެވިއެވެ. ނަމަވެސް މާޓިން އެކަމާކުރީ އިންކާރެވެ. ނަތީޖާއެއްގެގޮތުން خــيـــــر الــدّيــــن އެކިއްލާ ޙިޞާރުކުރައްވައިފިއެވެ. ވިދިވިދިގެން ފަނަރަރޭ ފަނަރަދުވާ ވަންދެން، ބޮޑުބަޑީގެ އުންޑަތަކުން ވާރޭ ވެއްސަވަމުން ގެންދެވިއެވެ. އެންމެފަހުން خــيـــــر الــدّيــــن ގެ ސިފައިން އެކިއްލާގެ ފާރު ހަލާކުކޮށްލައިފައި ކިއްލާއަށް ވަދެއްޖެއެވެ. އެހައިތަނުން ސްޕޭނީން ހަތިޔާރު ބަހައްޓައިފިއެވެ. خــيـــــر الــدّيــــن ސްޕޭނީންތައް ޤައިދުކުރައްވައިފައި ކިއްލާ ތަޅުއްވައި ބިމާ ހަމަކޮށްލެއްވިއެވެ.
އޭގެ ފަނަރަދުވަސް ފަހުން ސްޕޭނުގެ އަށް ނައު ކިއްލާ ޙިމާޔަތްކުރާ ސިފައިންނަށް އެހީވާން ހަތިޔާރުލައި ބަރާކޮށްގެން އަތުވެއްޖެއެވެ. އެމީހުންނަށް، ކިއްލާ ނުފެނުމުގެ ސަބަބުން ޙައިރާންކަމާއެކު ދެކޮޅަށް ބުރުޖަހަޖަހައި ތިއްބައި خــيـــــر الــدّيــــن ގެ ނައުފަހަރުގޮސް ސްޕޭނުގެ ނައުތައް ވަށައިލައިފިއެވެ. އެހުރިހާ ނައުފަހަރު މުސްލިމުންގެ އަތްދަށުގައި ހައްޔަރުވީއެވެ. ދެހާސް ހަތްސަތޭކަ ޤައިދީންނާއި ހަތިޔާރާއި ކާބޯތަކެތީގެ ވަރަށްބޮޑު ޒަޚީރާއެއްވެސް މުސްލިމުންނަށް ލިބުނެވެ.
އެހައިތަނަށްދިޔައިރު خــيـــــر الــدّيــــن ގެ މަޝްހޫރުކަމުގެ އިރުވަނީ މެދުޖެހިފައެވެ. އިރުމައްޗާއި ހުޅަނގުގެ އެތައްހިސާބަކަށް އޭނާގެ ނަންފުޅު މަޝްހޫރުވެގެން ހިނގައްޖެއެވެ. ޔޫރަޕިއަން ނޭވީގެ ކެޕްޓަނުންނަށް އޭނާގެ ނަންފުޅު އިވުމުންވެސް ސިއްސަސިއްސައިގެން ދާންފަށައިފިއެވެ. އޭރު خــيـــــر الــدّيــــن ގެ އަރުމާޒު ވަނީ ޙައިރާންވާފަދަ ބާރުގަދަ އަރުމާޒަކަށް ވެފައެވެ. ހަނގުރާމަވެރި ބައްތިރީސް ނައު ހޫނު މޫސުމުގައި މެޑިޓްރޭނިޔަން ކަނޑުގައި އަބަދުވެސް ޙަރަކާތްތެރިވަމުން ދިޔައެވެ. خــيـــــر الــدّيــــن ގެ ލަޝްކަރު އެކުލެވިގެންވަނީ، ހިތްވަރުގަދަކަމާއި ކުޅަދާނަކަމުގެ ރޮނގުން ހޮވައިލެވިފައިވާ ހަތްދިހަހާސް މުޖާހިދުންގެ މައްޗަށެވެ. އެ އެންމެންނަކީވެސް خــيـــــر الــدّيــــن ސްޕޭނީންގެ އަޅުވެތިކަމުގެ ދަށުން ސަލާމަތްކުރައްވައިފައިވާ، ސްޕޭނުގެ މުސްލިމުންނެވެ.
އެދުވަސްވަރު އަލްޖޭރިޔާ ދިޔައީ އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީވަމުން ކުރިއަރަމުންނެވެ. މުޅި ޤައުމުގައި ފެތުރިފައިއޮތީ މުއްސަނދިކަމާއި ތިޔާގިކަމެވެ. މަސައްކަތްތެރިކަމުގެ ތަފާތު ދާއިރާތަކުގައިވެސް ޙައިރާންވާފަދަ ކުރިއެރުމެއް ލިބެމުންދިޔައެވެ. خــيـــــر الــدّيــــن ބަލިކޮށްލުމަށްޓަކައި އިޓަލީއާއި ސްޕޭނުން ކުރަމުންދިޔަ މަސައްކަތްތައް ހިމެނިފައިއޮތީ ފޫނެއްފަޔަކަށް ފެންފުރުންފަދަ ކަމެއްކަމުގައެވެ.
سلطـــان ســلـيـــم (އައްވަލު) އަވަހާރަވުމުން ޚިލާފަތުގެ މަޤާމު ލިބިވަޑައިގެންނެވީ އޭނާގެ ދަރިކަލުން سـلطـــان ســليمــان أعـظـــــم އަށެވެ. سلطـــان ســليمــان އެމަނިކުފާނުގެ ކަނޑުގެ އަރުމާޒު ޒަމާނާ އެއްގޮތަށް އިޞްލާޙުކުރައްވައި ބާރުގަދަކުރައްވަން ޤަޞްދުކުރެއްވިއެވެ. އޭރު ޖެނީވާގެ އެޑްމިރަލް އެންޑްރޫ ޑޫރިޔާ ވަނީ، ތުރުކިޔޭގެ ފްލީޓް ބަލިކޮށްލައިފައި ކޯރޫން އަތުލައިފައެވެ. سـلطـــان ســليمــان ދެކެވަޑައިގެންނެވިގޮތުގައި ޑޫރިޔާ ބަލިކޮށްލެވޭނެ މީހަކީ ހަމައެކަނި خــيـــــر الــدّيــــن އެވެ. އެހެންކަމުން خــيـــــر الــدّيــــن އިސްތަންބޫލަށް ވަޑައިގަންނަވާން އެންގެވިއެވެ.
خـلـيفـــة المـسـلمـين ގެ އަމުރުފުޅު އައުމާއެކު 1533 ވަނައަހަރުގެ އޯގަސްޓްމަހު خــيـــــر الــدّيــــن އިސްތަންބޫލަށް ފުރައިވަޑައިގެންފިއެވެ. އަލްޖޭރިޔާގެ ވެރިކަން ޙަވާލުކުރެއްވީ حـســن آغــا އާއެވެ. އޭނާގެ އަރިހުގައި އަށާރަ ނަވުގެ ފްލީޓެއް ގެންދެވިއެވެ. ކަނޑުމަތީން އެ ފްލީޓަށް ދެ ނައު އިތުރުވިއެވެ. އާދެ، ދަތުރުމަތީގައި ދިމާވި ތަޅާފޮޅުމެއްގައި ޑޫރިޔާގެ އަތުން ޣަނީމާ ކުރެއްވި ދެ ނަވެވެ.
އިސްތަންބޫލުން خــيـــــر الــدّيــــن އަށް ދެންނެވީ ވަރަށްވެސް ހޫނު މަރްޙަބާއެކެވެ. سـلطـــان ســليمــان، خــيـــــر الــدّيــــن އަށް ވަރަށްބޮޑަށް ޤަދަރުކުރައްވައި ކަމޭހިއްތެވިއެވެ. سـلطـــان ســليمــان އާއި ބާބުޢާލީގެ މައްޗަށް خــيـــــر الــدّيــــن ގެ ޝަޚްޞިއްޔަތުގެ އަސަރު ވަރަށްބޮޑަށް ފޯރިއެވެ. سـلطـــان ســليمــان ތުރުކިޔޭގެ އަރުމާދު ޒަމާނާ އެއްގޮތަށް އިޞްލާޙުކުރެއްވުން، خــيـــــر الــدّيــــن އާ ޙަވާލުކުރެއްވިއެވެ.
އޭރު ތުރުކިޔޭގެ ކަނޑުގެ އަރުމާދު އޮތީ މުސްކުޅިގޮތަށެވެ. ކްރިސްޓިޔަނުންގެ އުޅަނދުތަކާ އަޅައިބަލާއިރު ތުރުކިޔޭގެ ނައުފަހަރުގެ ދުވެލި ވަރަށް މަޑެވެ. ފަޅުވެރީންނާއި އެހެންވެސް ކަންކަމުގައި ގިނައިންތިބީ، އެކިއެކި ހަނގުރާމަތަކުގައި ހައްޔަރުވެފައިތިބި ޔޫރަޕުގެ ޢީސާއީންނެވެ. خــيـــــر الــدّيــــن ރޭއްވެވީ، މުޅިން އައު ރޭއްވެވުމެކެވެ. ނައުފަހަރުގެ ފަޅުވެރީންގެ ގޮތުގައިތިބި ކްރިސްޓިޔަނުންތައް ދޫކޮށްލެއްވިއެވެ. ނައުފަހަރުގެ ހުރިހައިކަމަކަށް ޢައްޔަންކުރެއްވީ ތުރުކިޔޭއިންނާއި އެހެންވެސް ޤައުމުތަކުގެ މުސްލިމުންނެވެ. އެމީހުންނަށް ކަނޑުމަތީ ހަނގުރާމައިގެ ތަމްރީނު ދެއްވިއެވެ. އެއަހަރުގެ ބަހާރު މޫސުން އައިއިރު އިސްތަންބޫލުގެ ގޯދީގައި އަށްޑިހަ ހަތަރު ނައު ބަނދެނިމެން ކައިރިވެފައި ހުއްޓެވެ. އެހުރިހައި ނައުފަހަރުވެސް ބަނީ، އިސްތަންބޫލުގެ ގޯދީގައި މުސްލިމުންނެވެ. އިސްމާވަޑިޔަކީ خــيـــــر الــدّيــــن އެވެ.
1534 ވަނައަހަރު ޢުޘްމާނީ އަރުމާދު އިޓަލީއާ ހަނގުރާމަކޮށް އެތައް ރަށެއް ފަތަޙަކުރިއެވެ. އެއަހަރު خــيـــــر الــدّيــــن އާ އިތުރަށް ޙަވާލުކުރެވުނީ ޓިއުނީޝިޔާގެ މައްސަލައެވެ. مـــولائــى حـســن އޭނާގެ ސައުވީސް އަޚުން ޤަތުލުކުރެއްވުމަށްފަހު، ޓިއުނީޝިޔާގެ ތަޚްތުވަނީ އަތުލައްވައިފައެވެ.
خــيـــــر الــدّيــــن ގެ އަރުމާދު ޓިއުނީޝިޔާއަށް ދިއުމާއެކު مـــولائــى حـســن ފިލައިވަޑައިގެންފިއެވެ. އެހެންކަމުން އެއްވެސް ލޭއޮހޮރުވުމަކާނުލައި ޢުޘްމާނީ ރަސްކަމުގެ ދަށަށް ޓިއުނީޝިޔާ ހިނގައްޖެއެވެ. ނަމަވެސް 1535 ވަނައަހަރު مـــولائــى حـســن ގެ އެދިވަޑައިގެންނެވުމުގެމަތީން ސްޕޭނުގެ ރަސްގެފާނު ޗާލްސް V ޓިއުނީޝިޔާ ވަށައިލެއްވިއެވެ. ހަސަތޭކަ ނަވުގެ ވަރުގަދަ އަރުމާދަކާ އެކުގައެވެ. ކެޕްޓަން سيـنـــان ކްރިސްޓިޔަނުންގެ ޙިޞާރު ފޫވައްޓައިލައްވަން ތިންފަހަރުމަތީން ކުރެއްވި މަސައްކަތް ނާކާމިޔާބުވުމުން، ދިހަހާސް ސިފައިންނާއިގެން خــيـــــر الــدّيــــن ކިއްލާއިން ނުކުމެވަޑައިގެންފިއެވެ. ނަމަވެސް ބަރުބަރު ސަރުދާރުންގެ ޚިޔާނާތުގެ ސަބަބުން خــيـــــر الــدّيــــن އަށް ކުރިމަތިލައްވާން ޖެހިވަޑައިގެންނެވީ ނާކާމިޔާބީއާއެވެ. خــيـــــر الــدّيــــن އެނބުރި ވަޑައިގަތީ އަލްޖޭރިޔާއަށެވެ.
(ނުނިމޭ)