ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް ހުއްޓާލަން އެއްގުން އެއީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މަސްއޫލިއްޔަތެއްނޫން ކަމަށާއި، އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައާ ބެހޭގޮތުން، މަޖިލީހުގެ އާއްމު ކޮމިޓީގެ ބައްދަލުވުން ބޭއްވުމަށް މަޖިލީހުގެ އަމީން އާއްމަށް، އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމް ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އަސްލަމް ވިދާޅުވީ، މަޖިލިސް ގަވާއިދުގެ 106 ވަނަ މާއްދާގައި ބުނާ ގޮތުން މަޖިލީހުގެ ދާއިމީ ކޮމިޓީތަކަކީ އަބަދުވެސް ދެމި އޮންނަ އަދި ވަކި މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައިވާ ކޮމިޓީތަކެއް ކަމަށެވެ. އެގޮތުގެ މަތިން މަޖިލީހުގެ އާންމު ކޮމިޓީއަކީ އަބަދުވެސް ދެމި އޮންނާނެ ކޮމިޓީއެއް ކަމަށް ވިދާޅުވިއެވެ.

"މަޖިލީހުން އެހެން ގޮތަކަށް ފާސްނުކުރާހާ ހިނދަކު އެ ކޮމިޓީގައި ތިއްބެވި މެންބަރުން އެގޮތުގައި ދެމި ތިބޭނެ، ވަކިވާކަމުގައިވާ ނަމަ އަދި މުގައްރިރާއި ނާއިބު މުގައްރިރު ވަކިވެއްޖެ ނަމަ އެ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަކީ އަމީން އާއްމުގެ ކަމެއް،" އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަޖިލީހުގެ އާއްމު ކޮމިޓީތައް އަބަދުވެސް ދެމި އޮންނާނެ ކަމަށް ބުނާތީ، އެ ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓިގެން ދާންޖެހޭނެ ޖާގައެއް ނެތް ކަމަށެވެ. އަދި ކޮމިޓީތަކުގެ މަސައްކަތް ހުއްޓާލުމަށް މަޖިލިސް ރައީސް އަމުރު ނެރުނު ނަމަވެސް މަޖިލިސް ގަވާއިދުގެ ދަށުން އެ ފުރުސަތު މަޖިލީހުގެ ރައީސަށް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

"އެހެންކަމުން މަޖިލީހުގެ އަމީން އާއްމުގެ މަސްއޫލިއްޔަތެއް އެއީ، މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާއާއި 207 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 108 ވަނަ މާއްދާގައި ބުނާ އާއްމު ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރެއިން މަޖިލިސް ރައީސްއާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ކަނޑައެޅުން،" އަސްލަމް ވިދާޅުވިއެވެ.

މަޖިލިސް ގަވާއިދުގެ 106 ވަނަ މާއްދާގައި ބުނަނީ، ދާއިމީ ކޮމިޓީތަކަކީ އަބަދުވެސް ދެމި އޮންނަ އަދި ވަކި މަސްއޫލިއްޔަތުތަކެއް ހަވާލު ކުރެވިފައިވާ ކޮމިޓީތަކެއް ކަމަށެވެ. ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނަނީ، ފޮނުވާ ނޯޓިސްގެ މުއްދަތު ހަމަވެެގެން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށްފަހު، މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ، ނުވަތަ ގޮތެއް ނިންމަންވާނީ، މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާމެދު ގޮތެއް ނިންމުމަށްފަހުގައެވެ.

މީގެ އިތުރުން މަޖިލިސް ގަވާއިދުގެ 108 ވަނަ މާއްދާއަކީ މަޖިލީހުގެ އާއްމު ކޮމިޓީގެ މަސްއޫލިއްޔަތުތައް ބަޔާންކުރާ މާއްދާއެވެ. އަދި 207 ވަނަ މާއްދާއަކީ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ދޭ 14 ދުވަހުގެ ނޯޓިސް ދިނުމާ ގުޅޭ މާއްދާއެެވެ.

އަސްލަމް ވިދާޅުވީ، މަޖިލީހުގެ ނާއިބު ރައީސް އީވާގެ މައްސަލަ އިތުބާރު ނެތް ކަމަށް، ހުށަހެޅުމުން ދިން ނޯޓިސްގެ މުއްދަތު އަންނަ އާދިއްތަ ދުވަހަށް ހަމަޥާނެ ކަމަށެވެ.

މަޖިލިސް ގަވާއިދު ބުނާ ގޮތުން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގެ ބަހުސް ކުރިއަށްގެންދާނެ ވަގުތުގެ ދިގުމިނެއް ކަނޑައަޅާނީ އާއްމު ކޮމިޓީންނެވެ. އަދި އެ ވަގުތުގެ ތެރެއިން، ބަހުސް ކުރުމަށް މެންބަރުންނަށް ދޭނެ ވަގުތަކާއި އިތުބާރު ނެތް ކަމަށް ހުށަހަޅާ ފަރާތަށް ދޭނެ ވަގުތު ކަނޑައަޅާނީވެސް އެ ކޮމިޓީންނެވެ.

މަޖިލީހުގެ އާއްމު ކޮމިޓީގެ ބައްދަލުވުމެއް ނުބޭއްވި ވަނީ، އެއީ މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތައް ކުރިއަށް ނުގެންދިއުމަށް މަޖިލިސް ރައީސް އެންގެވުމާ ގުޅިގެންނެވެ.

އެ މައްސަލާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކޮމިޓީތައް ނުބާއްވަން އެންގެވީ، 12 މެންބަރުން އެމްޑީޕީން ވަކިވުމާއި އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން، ސިޔާސީ ޕާޓީތަކުގައި މެންބަރުން ހިމެނޭ ގޮތަށް އައި ބަދަލާ ގުޅިގެން މަޖިލީހުގެ ކޮމިޓީތަކުގައި މެންބަރުން ހިމެނެންޖެހޭ ގޮތަށް ގެންނަންޖެހޭ ބަދަލާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކަށް އެއްބަސްވުމަކަށް ނާދެވިގެން ކަމަށެވެ.

ނަމަވެސް އަސްލަމް ވިދާޅުވީ، މެންބަރުންނަށް އެފަދަ ބަދަލެއް އައި ނަމަވެސް ކޮމިޓީތައް ހުއްޓުވައި ނުލެވޭނެ ކަމަށެވެ. އެއީ މަޖިލިސް ގަވާއިދުގެ 106 ވަނަ މާއްދާގައި އެގޮތަށް ކަނޑައަޅާފައި އޮތުމުން ކަމަށްވެސް ވިދާޅުވިއެވެ.