މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ވައިގަދަވުމުގެ ސަބަބުން ގެއްލުން ލިބުނު ހަ ރަށެއްގެ 116 ގެއަކަށް ފަސް ލައްކައަށްވުރެ ގިނަ ރުފިޔާގެ އެހީ ދިނުމުގެ މަސައްކަތް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފަށައިފި އެވެ.
މިދިޔަ އޭޕްރީލް މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް މޫސުން ގޯސްވެ ރަށްތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެހީ ދިނުމަށް ކުރެވެމުންދ އަންނަ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެންޑީއެމްއޭ އިން މިއަދު ބުނީ މިދިޔަ މަހުގެ ނިޔަލަށް، ކާރިސާތަކުގައި ލިބޭ ގެއްލުން ބަޔާންކުރާ ފޯމު ހުށަހަޅާފައިވަނީ 11 ރަށަކުން ކަމަށެވެ.
އެގޮތުން ފޯމު ހުށަހަޅާފައިވާ ރަށްތަކުގެ ތެރޭގައި ގއ. ދާންދޫ، ހއ. ތުރާކުނު، ގދ. މަޑަވެލި، ދ. ކުޑަހުވަދޫ، އަދި ބ. ފެހެންދޫގެ އިތުރުން އައްޑޫ ސިޓީގެ މީހުން ދިރުއެޅޭ ހުރިހާ ރަށެއް ހިމެނެ އެވެ. އެ ރަށްތަކުން ޖުމްލަ 163 ފޯމު ހުށަހަޅާފައިވާއިރު އޭގެތެރެއިން 125 ފޯމަކީ އައްޑޫ ސިޓީން ހުށަހެޅި ފޯމުތައް ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
އެންޑީއެމްއޭ އިން ބުނީ ކާރިސާތަކުގައި އެހީ ދިނުމުގެ މިންގަނޑުގެ ދަށުން އޭގެ ތެރެއިން ހަ ރަށެއްގެ 116 ގެއަކަށް އެެހީގެ ގޮތުގައި 531،370ރ ދިނުމު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެހީ ދޭން ހަމަޖެހިފައިވަނީ:
1.ގދ. މަޑަވެލި 57،949ރ
2.ސ. ހުޅުދޫ 8،460ރ
3.ސ. ހިތަދޫ 42،225ރ
4.ސ. މީދޫ 1،044ރ
5.ސ. ފޭދޫ 402،102ރ
6.ސ. މަރަދޫ 19،590ރ
އެންޑީއެމްއޭ އިން ބުނީ މި ފައިސާގެ ތެރެއިން 61 ޕަސެންޓަކީ ސްޓްރަކްޗަރަލް ގެއްލުންތަކަށް ދެވުނު އެހީ ކަމަށާއި ބާކީ 39 ޕަސެންޓަކީ ގޭގައި ހިފައިގެންގުޅޭ ޒަރޫރީ ތަކެއްޗަށް ލިބުނުު ގެއްލުމުގެ އެހީ ކަމަށެވެ. ދަނޑު ބިންތަކާއި، ވިޔަފާރިއާއި، މަގުފާރު، ގަރާޖް އަދި ގުދަން ފަދަ ތަންތަނަކީ ކާރިސާތަކުގައި އެހީދިނުމުގެ މިންގަނޑުގެ ދަށުން އެހީ ދެވޭ ދާއިރާތައް ނޫންކަމަށް ބުންޏެވެ.
އޭގެ އިތުރުން މި 11 ރަށުގެ ތެރޭގައި ހިމެނޭ ކުޑަހުވަދުއަށް ލިބުނު ގެއްލުންތަކަށް އެހީ ދިނުމަށް ކުރަންޖެހޭ ކަންތައްތައް ކުރަމުން އަންނަ ކަމަށްވެސް އެންޑީއެމްއޭ އިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު