އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓް ހަމް ޔުނައިޓެޑުން، ބޮޑު ތަށްޓަކަށް ކުރި ދިގު އިންތިޒާރަށް ރޭ ނިމުން ގެނެސްފިއެވެ.
ރޭ ޗެކްރިޕަބްލިކްގައި ކުޅުނު ޔޫއެފާ ކޮންފަރެންސް ލީގު ފައިނަލުގައި ވެސްޓް ހަމްއިން ފިއޮރެންޓީނާ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ދެވަނަ ހާފުގައި ގޯލުތައް ފެނިގެން ގޮސްފައިވާ އިރު ވެސްޓް ހަމްއިން ލީޑު ނެގީ ސައީދު ބެންރަހުމާގެ ޕެނަލްޓީއަކުންނެވެ.
އެ ގޯލަށްފަހު މާ ގިނައިރެއް ނުވަނީސް ޖިއަކޯމޯ ބޮނަވެންތޫރާ ޖެހި ގޯލުން ފިއޮރެންޓީނާ ނަތީޖާ ހަމަހަމަ ކޮށްފައިވާ އިރު، ވެސްޓް ހަމް މޮޅުކޮށްދިން ގޯލު މެޗުގެ 90 ވަނަ މިނެޓުގައި ޖަހައިދިނީ ޖެރަޑް ބޮވެންއެވެ. ތާރީހީ ފައިނަލާއެކު ވެސްޓް ހަމްއިން ޔޫރަޕްގެ ތަށްޓެއް އުފުލާލީ އިންގްލެންޑް މިޑްފީލްޑަރު ޑެކްލަން ރައިސްގެ ކެޕްޓަން ކަމުގެ ދަށުންނެވެ. ރޭ ރައިސްވެފައި ވެގެން ގޮސްފައި ވަނީ ބޮބީ މޫރަށްފަހު ވެސްޓް ހަމްއާއެކު ތަށްޓެއް އުފުލާލި ފުރަތަމަ ކެޕްޓަނަށެވެ. ބޮބީ މޫރް ވެސްޓް ހަމްއާއެކު ބޮޑު ތަށްޓެއް އުފުލައިލީ 1965 ވަނަ އަހަރުއެވެ. އެއީ ކަޕް ވިނާސް ކަޕެވެ.
އުމުރުން 24 އަހަރުގެ ރައިސްއަކީ މިވަގުތު ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގައި ރާޑަރުގައި ހުރި ކުޅުންތެރިއެކެވެ. އޭނާ ހޯދަން އިނގިރޭސި ބޮޑެތި ކްލަބުތައް ކަމަށްވާ ޗެލްސީއާއި އާސެނަލްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުންވެސް މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، ރޭގެ މެޗަށްފަހު އޭނާ ބުނީ ކްލަބުގައި ހުރީ އުފަލުން ކަމަށެވެ.
"އަހަރެންގެ ކުރިމަގާ ގުޅޭގޮތުން ވަރަށް ބައިވަރު ވާހަކަތައް ދެކެވޭ ދަނޑިވަޅެއް މިއީ. އެހެން ކްލަބުތަކުން އަހަންނަށް ވަރަށް ބޮޑަށް ޝައުގުވެރިކަންވެސް އެބަ ފާޅުކުރޭ. އެކަމަކު އަދި ވެސްޓް ހަމްއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެއަހަރު އެބައޮތް. އަހަރެން މި ކްލަބު ދެކެ ލޯބިވޭ. އަހަރެން މި ކްލަބަށް ކުޅެނީ ކުޅޭ ހިތުން،" ރައިސް ރޭގެ މެޗަށްފަހު ބުންޏެވެ.
ރައިސް ބުނީ މިވަގުތު ފޯކަސް ހުރީ ވެސްޓް ހަމާއެކު ކުރިއަށް ދިޔުމަށް ކަމަށާއި، އޭނާއަކީ ކެޕްޓަން ކަމަށެވެ. އަދި އިތުރަށް ޓްރާންސްފާގެ ކަންކަމުގައި ވާހަކަތައް ދައްކާނި ދުވަސް ކޮޅެއް ފަހުން ކަމަށްވެސް އޭނާ ބުންޏެވެ.
ވެސްޓް ހަމްގެ ޔޫތު ސިސްޓަމް ތެރެއިން ސީނިއާ ޓީމަށް ނުކުތް ރައިސްއަކީ މިވަގުތު އިނގިރޭސި ލީގުގައި ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. މިހާތަނަށް ގައުމީ ޓީމަށްވެސް އޭނާ ވަނީ 41 މެޗު ކުޅެދީފައެވެ. މި ސީޒަނުގައި ރައިސް ވަނީ ކްލަބާއި ގައުމީ ޓީމަށް 62 މެޗު ކުޅެދީފައެވެ.
ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގު
ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގު
ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގު
ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގު