މި މަހުގެ 17-25 އަށް ޖަރުމަންގެ ވެރިރަށް ބާލިންގައި އޮންނަ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްއަށް ދާ ދިވެހި އެތުލީޓުންނަށް ޖާޒީ ހަވާލުކޮށްފިއެވެ.

ހެންވޭރު ބޯޅަ ގޭގައި އިއްޔެ ބޭއްވި ހާއްސަ އިވެންޓްގައި ރާއްޖޭގެ އެތުލީޓުންނަށް ޖާޒީ ހަވާލުކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފެވެ. އިއްޔެގެ އިވެންޓްގައި ރާއްޖޭގެ ފަރާތުން ވާދަކުރާ އެތުލީޓުންނާއި އޮފިޝަލުންގެ އިތުރުން ކޮންޓިޖެންޓާ ހަވާލުވެގެން ދާ ފަރާތްތަކުންވެސް ބައިވެރިވެފައިވެއެވެ.

މިފަހަރުގެ ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއިން ވާދަކުރާނީ ދެ ކުޅިވަރެއްގައެވެ. އެއީ އެތުލެޓިކްސްގެ އިތުރުން ބެޑްމިންޓަންގައެވެ. އެތުލެޓިކްސްގައި ހަތަރު އެތުލީޓުން ވާދަކުރާ އިރު، އެ އެތުލީޓުންނަކީ ހުސައިން ސުޖޫދު ނާޝިދާއި އިބްރާހީމް ހުމައިދު މުހައްމަދު، އައިޝަތު ލައިކާ ހުސައިން އަދި ޒާނާ އަލީ ޝަރީފެވެ.

އެތުލެޓިކްސް ކޯޗުންގެ ގޮތުގައި ދަތުރުގައި ބައިވެރިވާނީ އަހުމަދު ނިޒާމާއި އައިޝަތު މައުވާއެވެ.

މީގެ ކުރިން ރާއްޖެއިން 2019 ވަނަ އަހަރު ޑުބާއީގައި އޮތް ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައިވެސް ވާދަކޮށްފައިވާ އިރު، އެފަހަރު ވާދަކުރީ އެތުލެޓިކްސްގައި އެކަންޏެވެ. މިފަހަރު މުޅިން އަލަށް ބެޑްމިންޓަން އިވެންޓްގައި ވާދަކުރަން ނިންމާފައިވާ އިރު، އެ އިވެންޓްގައި ވާދަކުރާ އެތުލީޓުންނަކީ އައިޝަތު މާނިއާ އާދަމާއި މުހައްމަދު ރާއިފް ޝަރީފެވެ.

ބެޑްމިންޓަން ކޯޗުންނަކީ އައިޝަތު އަފްނާން ރަޝީދާއި އަލީ ޝަރުމީލެވެ.

ރާއްޖޭ ޑެލިގޭޝަންގެ ހެޑެއްގެ ގޮތުގައި ފާތިމަތު ފައިރޫޒާ އާދަމް ބައިވެރިވާއިރު، އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި ބައިވެރިވާނީ އިބްރާހީމް ރަމީޒެވެ. މެޑިކަލް އޮފިސަރަކީ އަބްދުﷲ ޝާހެވެ.

އިއްޔެގެ އިވެންޓްގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް ކޮމިޓީގެ ޓެކްނިކަލް އަދި ސްޕޯޓްސް ޑިރެކްޓަރު އިބްރާހިމް ރަމީޒް ވިދާޅުވީ، މިއަހަރު ދެކުޅިވަރުން ރާއްޖެއަށް ފުރުސަތު ލިބުނު ނަމަވެސް ކުރިއަށް އޮތް މުބާރާތްތަކުގައި ސްވިމިންއާއި ބާސްކެޓްބޯޅައިގެ އިތުރުންވެސް ގިނަ ކުޅިވަރުތަކަކުން ފުރުސަތު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އިއްޔެގެ އިވެންޓާ ގުޅިގެން ޔޫތު މިނިސްޓަރު މަހްލޫފް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުޅިވަރަށް ގެނެސްދެއްވި އެންމެ ހެޔޮ އެއް ބަދަލަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އުފައްދަވާދެއްވުން ކަމަށާއި،އެކުދިން ކުޅިވަރު ކުޅެ ކުޅިވަރުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުން ކަމަށެވެ. އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ އިރާދަކުރެއްވިއްޔާ މިހާރަށްވުރެ ގިނަ ފުރުސަތުތައް އެކުދިންނަށް ފަހިކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.