އެޗްޑީސީން ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް ވަޒީފާ ދީފިއެވެ.

އެއީ އެޗްޑީސީން އިޖުތިމާއީ ޒިންމާ އަދާކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

އެ މީހުންނަށް ވަޒީފާދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ބައިވެރިވެވަޑައިގެންނެވިއެވެ.

2 ޑިސެމްބަރު 2025، ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް އެޗްޑީސީން ވަޒީފާދިނުން -- ފޮޓޯ/ އެޗްޑީސީ

އެޗްޑީސީން ބުނީ އެ 30 މީހުންނަށް ވަޒީފާދިނުމަކީ އެ ކުންފުނީގެ މަސައްކަތްތަކުގައި ހަމަހަމަކަން ގާއިމުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށާއި އެފަދަ މީހުންނަށް ވަޒީފާ ދިނުމުގެ މުހިންމުކަމަކީ، އެ މީހުންގެ ގާބިލުކަން ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، އިގުތިސާދީ ގޮތުން އެހީތެރިވެދިނުން ކަމަށެވެ. އަދި މިވަގުތުވެސް އެޗްޑީސީގެ އެކިއެކި ޑިޕާޓްމަންޓުތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން މަސައްކަތްކުރަމުންދާކަން އެ ކުންފުނިން ފާހަގަކުރިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، އެޗްޑީސީގެ ވެބްސައިޓަށް އާންމުންނަށް ހިދުމަތްދިނުމަށް ތައާރަފުކުރެވުނު އޭއައި ބޮޓް "މިތުރު" ވެސް ވަނީ ތައާރަފުކޮށްފައެވެ. އޭގެ އިތުރުން، ވެބްސައިޓަށް އިތުރު އެކްސެސިބަލް ފީޗާސްތަކެއް ވެސް ވަނީ އިތުރުކުރެވިފައެވެ. އެކަމުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެޗްޑީސީގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެޗްޑީސީން ބުނީ ހަމަހަމަ މުޖުތަމައެއް ބިނާކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް އެ ކުންފުނިން ކުރަމުންގެންދާ ކަމަށެވެ. އޭގެ އިތުރުން، އެފަދަ އިޖުތިމާއީ މަޝްރޫއުތައް ކުރިއަށްގެންދިއުމަކީ އެޗްޑީސީގެ މައިގަނޑު އެއް އަމާޒު ކަމަށް އެ ކުންފުނިން ބުންޏެވެ.