ދުނިޔެ

ލަންކާގައި ދަރިވަރުން ކުރާ މުޒާހަރާ ހުއްޓުވަން ބާރުގެ ބޭނުން ހިފައިފި

މުހައްމަދު އައުޒަމް

ލަންކާގެ ދަރިވަރުން ކުރާ މުޒާހަރާ ހުއްޓުވަން ބާރުގެ ބޭނުން ހިފައިފިއެވެ.

ލަންކާގެ ވެރިރަށް ކޮލަމްބޯގައި ދަރިވަރުން ކުރަމުންދާ މުޒާހަރާ ހުއްޓުވުމަށް ފުލުހުން ވަނީ ކަރުނަ ގޭހުގެ އިތުރުން ޕްރެޝަރުގައި ފެންޖަހާފައި ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފައިވެއެވެ.

ލަންކާގެ ދަރިވަރުންގެ އެތައް ސަތޭކަ ކުދިންނެއް މުޒާހަރާކުރަމުންދަނީ މިދިޔަ އަހަރު އެގައުމުގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ހައްޔަރުކޮށްފައިވާ ފަރާތްތައް ދޫކުރުމަށް ޑިމާންޑުކޮށެވެ.

މުޒާހަރާކުރާ ފަރާތްތަކުން ވަނީ ދަރިވަރުން ހައްޔަރުކޮށް ޖަލަށް ލައިފިނަމަ އެގައުމުގެ ސިޔާސީ މަޝްރަހު ހޫނުވާނެކަމަށް ބުނެ އިންޒާރުވެސް ދީފައެވެ. މީގެ އިތުރުން ދަރިވަރުން ވަނީ ކިތަންމެ ވަރަކަށް ބާރުގެ ބޭނުން ކުރިޔަސް މުޒާހަރާތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ބުނެ ސަރުކާރަށް އިންޒާރު ދީފައެވެ.

މިދިޔަ އަހަރު ލަންކާއަށް ދިމާވި އިގްތިސާދީ ކާރިސާގެ ސަބަބުން އެގައުމުގެ އެތައް ބަޔަކު ވަނީ މަގުތަކަށް ނިކުމެ ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ކޮށްފައެވެ. މި މުޒާހަރާތަކުގައި ހަމަނުޖެހުން ހިންގުމާގުޅިގެން ގިނަބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

މިއަހަރުގެ ކުރީކޮޅު އިންސާނީ ހައްގުތަކާބެހޭ ޖަމިއްޔާތަކުން ވަނީ ލަންކާ ސަރުކާރުން ހައްޔަރުކޮށްފައިވާ ފަރާތްތައް ދޫކޮށްލުމަށް ގޮވާލާފައެވެ.