މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހަރަދުގައި ތިން މުވައްޒަފަކަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފިއެވެ.

އެމްޕީއެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިން މުވައްޒަފުންނަށް ވަނީ އެކަމުގެ ލިޔުން ހަވާލުކޮށްފައެވެ. ލިޔުން ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއެވެ.

އެ ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ ކުންފުނީގެ ހަރަދުގައި ހައްޖަށް ދިއުމުގެ ފުރުސަތު ދިން ތިން މުވައްޒަފުންނަކީވެސް ދިގު މުއްދަތަކަށް އެ ކުންފުންޏަށް ހިދުމަތް ކޮށްދީފައިވާ ބައެއް ކަމަށެވެ. އެގޮތުން އެ މުވައްޒަފުން އެމްޕީއެލްގައި މަސައްކަތް ކުރަމުންދާތާ މިހާރު 15 ވަރަކަށް އަހަރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

"ކުންފުނީގެ ސީއެސްއާރްގެ ދަށުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު މި ކުންފުނީގެ މުވައްޒަފުންނަށް ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި މުވައްޒަފުން މި ކުންފުންޏަށް ވަރަށް ދިގު މުއްދަތަކަށް ކޮށްދީފައިވާ ހިދުމަތް ފާހަގަކުރަން،" ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަންނަ އަހަރު ކުންފުނީގެ ހަރަދުގައި ފަސް މުވައްޒަފަކަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ.