ދިވެހި ހައްޖާޖީން މިނާ އަދި އަރަފާތުގައިވެސް ތިބޭނީ އެއް ސަރަހައްދެއްގައި ކަމަށް، ދިވެހި ހައްޖާޖީންނަށް ހިދުމަތްދިނުމަށް ހަވާލުކޮށްފައިވާ، ސައުދީގެ "އަލް ބައިތު ގެސްޓްސް" އިން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ހައްޖާޖީންނަށް ހިދުމަތްދޭ "އަލް ބައިތު ގެސްޓްސް"އާ، ރާއްޖޭގެ ހައްްޖު މިޝަނުން ބައްދަލުކޮށްފައިވާ ކަމަށެވެ.

އެ ބައްދަލުވުން އޮތީ މައްކާގައި ހުންނަ "އަލް ބައިތު ގެސްޓްސް"ގެ މައި އޮފީހުގައެވެ.

އެ ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކޮށްފައިވަނީ ހައްޖުގެ ހިދުމަތްދިނުމުގައި ދިވެހި ހައްޖުވެރިންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމާ ގުޅޭގޮތުންނާއި މިނާ އަދި އަރަފާތުގައި ހައްޖުވެރިންނަށް ހިދުމަތްދިނުމަށްޓަކައި އެ ކުންފުނިން ވަމުން އަންނަ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭގޮތުންނެވެ.

މީގެ އިތުރުން ކުރީ އަހަރުތަކުގައި ދެވުނު ހިދުމަތްތަކަށް ބަލާއިރު އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންކަން ކުންފުނީގެ ސަމާލުކަމަށް ގެނެވިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ހައްޖުވެރިންނަށްދޭ ހިދުމަތްތައް މިއަހަރު އިތުރަށް ފުރިހަމަ ވެގެންދާނެކަން ފާހަގަކުރައްވަމުން "އަލްބައިތު ގެސްޓްސް"ގެ މެނޭޖިން ޑިރެކްޓަރު އުސާމާ ޢަބްދުﷲ ދާނިޝް ވިދާޅުވި ގޮތުގައި އެހެން އަހަރުތަކާ ހިލާފަށް މި އަހަރު މިނާ އަދި އަރަފާތުގައިވެސް ދިވެހި ހައްޖުވެރިން ތިބޭނީ އެއް ސަރަޙައްދުގައި ކަމަށެވެ. އަދި ހިދުމަތުގެ ފެންވަރު ކުރީ އަހަރުތަކަށްވުރެ ރަނގަޅުވާނެކަމުގެ ޔަގީންކަންވެސް އޭނާ ދެއްވި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މި ބައްދަލުވުމުގައި ދިވެހި ހައްޖު މިޝަންގެ ހުރިހައި ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދަން 1،000 ކޯޓާ ލިބިފައިވާއިރު މިދިޔަ އަހަރު ރާއްޖެއަށް ލިބުނީ، 453 ކޯޓާއެވެ.