ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީކުރުމަށް ހިންގަމުން އަންނަ މަޝްރޫއުގެ ދަށުން ތާރު އަޅާފައިވާ ސަރަހައްދުން އިތުރު ބައެއް އާއްމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލައިފި އެވެ.

އަމީނީ މަގުން އަލަށް ހުޅުވާލާފައިވަނީ ސްޓެލްކޯއިން ފެށިގެން ކޮއިމަލާ ހިނގުމާ ހަމަޔަށެވެ. އެއީ އެމްޓީސީސީން ތާރު އެޅި ސަރަހައްދުން ފެށިގެން ސިނަމާލެ ފްލެޓް ތަކާ ހަމަޔަށް އޮންނަ ސަރަހައްދެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ތިން ސެގްމަންޓުގައި (އެންމެ އިރުން ފެށިގެން ސްޓެލްކޯއާ ހަމައަށް) ތާރު އެޅުމުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީންނެވެ. އެ މަޝްރޫއުގެ ދަށުން އާރްޑީސީން މިހާރު ވަނީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާ ހަމަޔަށް ތާރު އަޅާފަ އެވެ. އާރްޑީސީން ބުނީ އަމީނީ މަގުގެ ތާރު އެޅި ސަރަހައްދުގެ ޓްރެފިކް ނިޝާންތައް ކުރަހައި ނިމޭވަރަކުން އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 3 ޖުލައި 2022ގަ އެވެ. އެއީ 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 84.4 މިލިއަން ރުފިޔާއަށެވެ. އަމަލީ މަސައްކަތް ފެށީ އެ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ.

މި މަސައްކަތް ހަތް މަސް ދުވަސް ތެރޭގައި ނިންމަން އެއްބަސްވި ނަމަވެސް، މަސައްކަތް ނުނިންމުނެވެ. އެހެންވެ ޕްލޭނިން މިނިސްޓްރީން މިހާރު ވަނީ މަސައްކަތް ނިންމަން ދީފައިވާ މުއްދަތު ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހަށް އިތުރުކޮށްފައެވެ.