އިއްޔެ އިން ފެށިގެން ރާއްޖޭގައި ކުރިއަށްދާ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖުގައި މިއަދު ކުޅުނު މެއިން ޑްރޯގެ ފުރަތަމަ މެޗުން މޮޅުވެ، ރާއްޖޭގެ ހުސެއިން ޒަޔާން ޝަހީދު ޒަކީއާއި ފާތިމަތު ނަބާހާގެ ޕެއާ، އެ އިވެންޓުގެ ގަދަ 16 ބުރުން ފުރުސަތު ހޯދައިފިއެވެ.

ޒަޔާނާއި ނަބާހާއަކީ ރާއްޖޭގެވެސް މިކްސް ޑަބަލްސް ޗެމްޕިއަން ޕެއާއެވެ. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޕެއާއިން ދުނިޔޭގެ ރޭންކިންގައިވެސް ކުރިއެރުންތަކެއްވެސް ހޯދާފައިވެއެވެ. މިއަދު ގަދަ 32ގެ މެޗުގައި ޒަޔާނާއި ނަބާހާގެ ޕެއާއިން މެލޭޝިއާގެ ތަން ކިއެން ވެއިއާއި ތަން ޝެން ތިންގެ ޕެއާއާ މެޗު ކާމިޔާބުކުރީ 2-1 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު 23-21 އިން ކިއެން ވެއިއާއި ޝެން ތިއެންގެ ޕެއާ އިން ގެންގޮސްފައި ވަނިކޮށް، ނަބާހާއާއި ޒަޔާންގެ ޕެއާ މޮޅުވީ ފަހަތުން އަރައި ދެން ކުޅުނު ދެ ސެޓު ގެންގޮސްގެންނެވެ. ސެޓުތައް ގެންދިޔައީ، 12-21، 12-21 އިންނެވެ.

ޒަޔާންއާއި ނަބާހާގެ ޕެއާ، ގަދަ 16 ބުރުގެ މެޗުގައި މާދަމާ ނުކުންނާނީ އިންޑިއާގެ ދީޕް ރަމްބިއާއާއި އަނާގާ އަރަވިންދާ ޕައިއާ ދެކޮޅަށެވެ.

މިކްސް ޑަބަލްސް އިވެންޓްގައި ރާއްޖޭގެ އިތުރު ނަތީޖާތަކަށް ބަލާލާއިރު، ނީލާ ނަޖީބާއި ނިބާލް އަހުމަދުގެ ޕެއާގެ މެޗުން ވޯކްއޯވާވެ، ޕާކިސްތާންގެ ޕެއާ ކަމަށްވާ މިހާދު ޝެއިކާއި ހަދީޖާ ލަތީފްގެ ޕެއާ ވަނީ ގަދަ 16 ބުރުން ފުރުސަތު ހޯދައިފައެވެ.

އޭގެ އިތުރުން މުހައްމަދު އަދީމް އާދަމާއި ޝައިބާ މުހައްމަދު ޝަރީފްގެ ޕެއާ ވަނީ މެލޭޝިއާގެ ލިމް ޒީ ޖިއާން އާއި ހާއޮ ޝަން ސިއޯ އަތުން 21-07، 21-07 އިން ބަލިވެފައެވެ.

މިއަދު ސިންގަލްސް އިވެންޓްތަކުގައިވެސް ރާއްޖޭގެ ކުޅުންތެރިން ވާދަކުރަމުންދާ އިރު، އިބްރާހީމް އަލީ ހައިޝަމް ވަނީ އިންޑިއާގެ އަރްޔާ ބިވްޕަތާކީ އަތުން 21-5، 21-10 އިން ބަލިވެފައެވެ. ދެން ވާދަކުރަން އޮތް ސިންގަލްސް މެޗުތަކުގައި ޒަޔާން އިންޑިއާގެ ދޫރަވް ކުމާރާ ދެކޮޅަށް ނުކުންނަ އިރު، އަހުމަދު ނިބާލް މިރޭ ކުޅޭނީ އިންޑިއާގެ ޝްރެޔަންޝް ޖައިސްވާލާ ދެކޮޅަށެވެ. އަންހެން ޑަބަލްސްގައި އައިމިނަތު އީމާނާއި ޝައިބާގެ ޕެއާ މެޗުވެސް މިރޭ އޮންނަ އިރު، މައިސާ ފަތުހުﷲ އާއި އައިޝަތު އަފްނާން ރަޝީދުގެ މެޗުވެސް މިރޭ އޮންނާނެއެވެ.

އަދި ފިރިހެން ޑަބަލްސްގައި އަޒްހަރު މުހައްމަދު އައްޔޫބާއި އަބްދުލްލަތީފު ގާސިމް ލިޔާހާއި ތޯއިފު އަހުމަދާއި ޒަޔާންގެ ޕެއާގެ މެޗުތައްވެސް މިރޭ އޮންނާނެއެވެ.