އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން އުފެދުނު ނަފުރަތު ބޮޑުވެ، ރަައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ، "ފިކުރުގެ ދިރުން"ގެ 12 މަޖިލިސް މެންބަރުން އެމްޑީން ވަކިވި ހިސާބުން މަޖިލީހުގައި މި ވަނީ މަރުތަޅު އެޅުވިފައެވެ.
އެއީ އެ މެންބަރުން އެމްޑީޕީން ވަކިވުމާއެކު މަޖިލީހުގެ ކޮމިޓީތަކުގެ މަަސައްކަތް ކުރިއަށް ނުގެންދަން މަޖިލިސް ރައީސް އެންގެވުމާ ގުޅިގެންނެވެ.
ސަބަބެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ އެ މެންބަރުން ވަކިވުމާގުޅިގެން، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގައި މެންބަރުން ހިމެނޭގޮތަށް އައި ބަދަލާ ގުޅިގެން މަޖިލީހުގެ ކޮމިޓީތަކުގައި މެންބަރުން ހިމެނެނިފައިވާ ގޮތް ބަދަލުކުރަން ޖެހުމެވެ. އެއީ މަޖިލިސް ތަޅުމަށް ހުށަހަޅައިގެން ކުރަން ޖެހޭ ކަމެކެވެ.
މަޖިލިސް ރައީސް ތަކުރާރުކޮށް ވިދާޅުވަނީ، އެ ބަދަލު ނުގެނެވިގެން އުޅެނީ، ޕާޓީތަކުން އެއްބަސްނުވެގެން ކަމަށެވެ.
މަޖިލީހުގެ މަސައްކަތް ރޭވިފައި އޮންނަގޮތުން، މުޅި މަޖިލީހުގެ ކޮމިޓީ ފިޔަވައި، ބިލެއް، ނުވަތަ މައްސަލައެއް ވެސް މަޖިލީހުން ފާސްކުރެވޭނީ، ކަމާބެހޭ ކޮމެޓީން އެކަމެއް ދިރާސާކުރުމަށްފަހު ތަޅުމަށް ހުށަހެޅުމުންނެވެ. އިތުބާރުނެތްކަމުގެ މައްސަލަތައްވެސް ކުރިއަށްދަނީ ހަމަ އެ މަގުންނެވެ.
މަޖިލިސް ގަވާއިދު ބުނާގޮތުން، މަޖިލީހަށް ހުށަހެޅޭ އިތުބާރުނެތްކަމުގެ މައްސަލަތަކަށް، ތަޅުމުގައި ބަހުސް ކުރެވޭނީ، އެ މައްސަލައިގެ ބަހުސް ކުރިއަށްގެންދާނެ ދިގުމިނެއް އާއްމު ކޮމިޓީން ފާސް ކުރުމުންނެވެ. އެ ވަގުތުގެ ތެރެއިން، ބަހުސްގައި ވާހަކަދެއްކުމަށް މެންބަރުންނަށް ދޭންޖެހޭ ވަގުތާއި، އިތުބާރުނެތްކަމުގެ މައްސަލަ ރައްދުވާ ފަރާތް ޖަވާބުދާރީވާން ދޭނެ ވަގުތެއްވެސް ކަނޑައަޅަން ޖެހެނީ އާއްމު ކޮމިޓީންނެވެ.
އެހެންކަމުން މަޖިލީހުގެ މައިގަނޑު މަސައްކަތްތަކާއެކު، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރުނެތްކަމުގެ މައްސަލަތައް ވެސް މިވަނީ ހުއްޓިފައެވެ. ކޮމިޓީތައް ހުއްޓިފައިވާތީ، މުހިއްމު ބިލުތަކެއްގެ މަސައްކަތް ކުރިއަށް ނުދާތީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ، މަޖިލީހުގެ ރައީސް ކޮމިޓީތައް ހުއްޓުވާލައްވާފައިވާތީ، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އާއި ތަރައްގީގެ މަސައްކަތްތައް ތަންފީޒުކުރަން ހުރަސްއެޅޭ ކަމަށެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް އައި ބަދަލު ފާސްކުރަން މަޖިލިސް ތަޅުމަށް ގެންނަވާނެ ކަމަށް މަޖިލިސް ޖަލްސާތައް އޮންނަ ކޮންމެ ދެ ދުވަހުން އެއްދުވަހަކުހެން މަޖިލިސް ރައީސް ވިދާޅުވެއެވެ. ނަމަވެސް ޖެހިގެން އަންނަ ދުވަހު ވިދާޅުވަނީ، ޕާޓީތަކާއެކު އެއްބަސްވުމަކަށް ނާދެވުނު ކަމަށެވެ. އެހެންކަމުން އެ މައްސަލަ މަޖިލިސް ތަޅުމާ ހަމައަށް އައިސްފައެއްނުވެއެވެ.
އެމްޑީޕީން ބުނަނީ ކޮމިޓީތައް އެކުލަވައިލުމަށް ދެވެން އޮތް ދުލެއް ދީފައިވާ ކަމަށެވެ. ނަމަވެސް މަޖިލިސް ގަވާއިދާ އެއްގޮތަށް މެޖޯރިޓީ ޕާޓީގެ ހައިސިއްޔަތުން އެ ޕާޓީއަށް ކޮމިޓީތަކުގެ 61 ޕަސެންޓް ލިބެން ޖެހޭނެ ކަމަށްވެސް އެމްޑީޕީން ބުނެއެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، އެގޮތުގެ މަތިން މިހާރުވެސް ކޮމިޓީތައް ބަހާލެވިދާނެ ކަމަށާއި، ބަހާލުމުން، ޕާޓީތަކުން އެ ކޮމިޓީއެއްގައި އެ ޕާޓީއަކުން ހިމަނަން ބޭނުންވާ މެންބަރެއްގެ ނަން ޕީޖީ ގްރޫޕުން ފާސްކޮށްގެން ފޮނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ މަޖިލިސް ގަވާއިދުގައިވެސް އޮންނަނީ އެހެން ކަމަށެވެ.
އެކަމާ ގުޅިގެން މަޖިލީހުގައި މަރުތަޅު އަޅުވިފައިވާ މައްސަލައިގައި، އެމްޑީޕީން ތުހުމަތު ކުރަނީ މަޖިލީހުގެ ރައީސަށެވެ.
އެމްޑީޕީން ބުނަނީ އެ މައްސަލައިގައި ޕާޓީތަކަށް އެއްބަސްނުވެވޭކަމަށް މަޖިލިސް ރައީސް ވިދާޅުވުމަކީ، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ދައްކަވާ ބަހަނާއެއް ކަމަށެވެ. އެކަމަށް ބާރުދިނުމުގެގޮތުން އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހަވާލާ ދެއްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 106 ވަނަ މާއްދާގެ (ހ) އަށެވެ.
މަޖިލިސް ގަވާއިދުގެ 106 ވަނަ މާއްދާގެ (ހ) ގައި ބުނަނީ، ދާއިމީ ކޮމިޓީތަކަކީ، އަބަދުވެސް ދެމި އޮންނަ، އަދި ވަކި މަސްއޫލިއްޔަތުތަކެއް ހަވާލު ކުރެވިފައިވާ ކޮމިޓީތަކެއް ކަމަށެވެ.
އެހެންކަމުން އަސްލަމް ވިދާޅުވީ، "މަޖިލީހުން އެހެން ގޮތަކަށް ފާސްނުކުރާހާ ހިނދަކު އެ ކޮމިޓީގައި ތިއްބެވި މެންބަރުން އެގޮތުގައި ދެމި ތިބޭނެ، ވަކިވާކަމުގައިވާ ނަމަ އަދި މުގައްރިރާއި ނާއިބު މުގައްރިރު ވަކިވެއްޖެ ނަމަ އެ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަކީ އަމީން އާއްމުގެ ކަމެއް،" ކަމަށެވެ.
އާއްމު ކޮމިޓީގެ އިތުރުން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ގޮތުގައި ދެން ހިމެނެނީ، ޕެޓިޝަން ކޮމިޓީ އާއި އިމްތިޔާޒާއި ސުލޫކު ކޮމިޓީ އެވެ.
އަސްލަމް ވިދާޅުވީ، މަޖިލީހުގެ އާއްމު ކޮމިޓީތައް އަބަދުވެސް ދެމި އޮންނާނެ ކަމަށް މަޖިލިސް ގަވާއިދުގައި ބުނާތީ، އެ ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓިގެން ދާންޖެހޭނެ ޖާގައެއް ނެތް ކަމަށެވެ. ކޮމިޓީތަކުގެ މަސައްކަތް ހުއްޓާލުމަށް މަޖިލިސް ރައީސް އަމުރު ނެރުނު ނަމަވެސް މަޖިލިސް ގަވާއިދުގެ ދަށުން އެ ފުރުސަތު މަޖިލީހުގެ ރައީސަށް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންކަމުން މަޖިލީހުގެ އަމީން އާއްމުގެ މަސްއޫލިއްޔަތެއް އެއީ، މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާއާއި 207 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 108 ވަނަ މާއްދާގައި ބުނާ އާއްމު ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރެއިން މަޖިލިސް ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ކަނޑައެޅުން،" އަސްލަމް ވިދާޅުވިއެވެ.
އާއްމު ކޮމިޓީގެ ބައްދަލުވުމަކަށް މިހާލަތުގައި ގޮވާލަންޖެހެނީ، އަމީން އާއްމުކަމަށް އަސްލަމް ވިދާޅުވަނީ، މިހާރު އޮތް އާއްމު ކޮމިޓީގައި މުގައްރިރާއި ނާއިބު މުގައްރިރު ނެތުމުންނެވެ. އެ ކޮމިީގެ މުގައްރިރުގެ ގޮތުގައި ހުންނެވި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އާއި، ނާއިބު މުގައްރިރުގެ ގޮތުގައި ހުންނެވި ތޮއްޑޫ ދާއިރާގެ މެންބަދު ހަސަން ޝިޔާން އަކީ އެމްޑީޕީން ވަކިވެވަޑައިގެން "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ދެ މެންބަރުންނެވެ. އެހެންކަމުން މަޖިލިސް ދަފްތަރުގައި އެ ދެމެންބަރުން ހިމެނިވަޑައިގަންނަވަނީ، އަމިއްލަ މެންބަރުންގެ ގޮތުގައެވެ. އެ ދެ މަގާމުގައި ބޭފުޅަކު ނެތް ހިނދެއްގައި ކޮމިޓީން ބާއްވާ ފުރަތަމަ ބައްދަލުވުމުގައި މުގައްރިރަކާއި ނާއިބު މުގައްރިރެއް އިންތިހާބު ކުރަން ޖެހެއެވެ. މަޖިލިސް ގަވާއިދު ބުނާގޮތުން އެ ދެމަގާމަށް މެންބަރުން އިންތިހާބު ކުރާނީ ކޮމިޓީގައި ތިއްބެވި މެންބަރުންގެ ވޯޓުންނެވެ.
- ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް (މުގައްރިރު)
- މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ
- ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު
- ފުނަދޫ ފާއިރާގެ މެންބަރު މުހއްމަދު ޝާހިދު
- އަލިފުށީ ދާިއރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން
- ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްގަނީ އބްދުލްހަކީމް
- ތޮއްޑޫ ދާއިރާގެ މެންބަދު ހަސަން ޝިޔާން (ނާއިބު މުގައްރިރު)
- ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު
އެހެންކަމުން މުޅި ކޮމިޓީގެ މެންބަރުންގެ އަދަދަށް ބަލާއިރު މިހާރުވެސް ކޮމިޓީގެ ކޯރަމް އެބައޮތެވެ. އެއީ ކޮމިޓީގައި މިހާރުވެސް ހަ މެންބަރުން ތިއްބެވީމައެވެ. ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިހާރުއޮތް، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ މައްސަލައިގެ ބަހުސް ކުރިއަށްގެންދާނެ ގޮތް އެ ކޮމިޓީން ނިންމީވެސް، ހަތަރުމެންބަރުންހި މެނޭ ބައްދަލުވުމެއްގައި ހަސަން ލަތީފް ރިޔާސަތުގައި އިންނަވައިގެންނެވެ.
އާއްމު ކޮމިޓީ ބާއްވައި އީވާގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްގެންދަން ޖެހޭނެކަމަށް އަސްލަމް ހަވާލާދެއްވާ އެއް މާއްދާއަކީ މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާއެވެ.
އެ މާއްދާގެ (ނ) ގައި ބުނަނީ، އެ މާއްދާގެ (ށ)ގައިވާގޮތަށް (ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައިގެ) ގަރާރުގެ ލިޔުން ލިބޭތާ ރަސްމީ ބަންދުނޫން ތިން ދުވަހުގެ ތެރޭގައި،، އެ ގަރާރުގެ ނޯޓިސް، މަޖިލީހުގެ އަމީން އާއްމު މެންބަރުންނަށާއި، މަޖިލީހުގެ ރައީސަށް ދިނުމަށްފަހު، އެ ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދުނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަން ވާނެ ކަމަށެވެ. އަދި ގަވާއިދުގެ 206 ވަނަ މާއްދާގައި ބުނަނީ، މަޖިލީހުގެ ނާއިބު ރައީސްގެ މައްޗަށްވެސް ހިނގާނީ 205 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުތައް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމަށްފަހު އެ މައްސަލައަށް ގޮތެއް ނުނިންމައި މަޖިލީހުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އެ މައްސަލައިގައި އޭނާ ހަވާލާ ދެއްވަނީ، 205 ވަަނަ މާއްދާގެ (ރ) އަށެވެ. އެ އަކުރުގައި ބުނަނީ، ބުނަނީ ނޯޓިސްދޭ 14 ދުވަހުގެ މުއްދަތު ހަމަވެގެން އިތުބާރު ނެތްކަމުގެ ގަރާރު މަޖިލީހަށް ހުށަހެޅުމަށްފަހު، އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސްކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ އެ ބޭފުޅުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ކަމަށެވެ.
އީވާގެ އިތުބާރުނެތްކަމުގެ މައްސަލަ 50 މެންބަރުންގެ ސޮޔާއެކު އެމްޑީޕީން މަޖިލީހަށް ހުށަހެޅީ، ހުސްވި މެއި މަހުގެ 23 ގައެވެ. އެކަމާގުޅިގެން ދީފައިވާ 14 ދުވަހުގެ ނޯޓިސް މާދަމާއަށް ހަމަވާނެއެވެ. އެެހެންކަމުން މަޖިލިސް ގަވައިދު ބުނާގޮތުން، މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވައި އެ މައްސަލަ ކުރިއަށްގެންދަން ޖެހެއެވެ.
ނަމަވެސް އެފަދަ ވިސްނުމެއް އަދި ނެތެވެ. މާދަމާއަށް އެޖެންޑާކޮށްފައި އޮތުމައްފަހު، މިހާރު އެ މައްސަލަވެސް ވަނީ އެޖެންޑާއިން ނަގައިފައެވެ.
އީވާގެއިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުއްވި މެންބަރަށް، މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ފޮނުއްވި ސިޓީއެއްގައި އެ މައްސަލަ އެޖެންޑާއިން ޖަގާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
ސަބަބެއްކަމަށް ނިއުޝާ ވެސް ވިދާޅުވެފައި ވަނީ ޕާޓީތައް އެކުލެވިގެންވާ ގޮތަށް އައި ބަދަލާ އެކު ދާއިމީ ކޮމިޓީތައް އަދިވެސް އެކުލަވާލާފައި ނުވުމެވެ. އަދި ވިދާޅުވެފައިވަނީ އީވާ ވަކިކުރުމުގެ ގަރާރަށް ބަހުސް ކުރަން ވަގުތު ކަނޑައަޅައި ނިމުމުން އެ ގަރާރު އެޖެންޑާ ކުރާނެ ކަމަށެވެ.
އަނެއްކޮޅުން އީވާވެސް ވަނީ އެމްޑީޕީއަށް ތުހުމަތުތަކެއް ކުރައްވައިފައެވެ. ވިދާޅުވެފައިވަނީ، ރިޔާސީ އިންތިހާބު ބާއްވަން ތިން މަހަށްވެފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއްފަހަރާ ހުށަހެޅީ، ސަރުކާރުން ގަސްތުގައި މަޖިލިސް "ޑެޑްލޮކް" އަށް ގެންދަން ކަމަށެވެ.
އީވާ ފާހަގަ ކުރައްވަނީ އެހެން މައްސަލައެކެވެ. އޭނާ ފާހަގަކުރެއްވީ، މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރުނެތްކަމަށް ހުށަހަޅާފައި ވަނިކޮށް އެ ބޭފުޅުންނަށް މަޖިލީހުގެ ރިޔާސަތުގައި ނުތިއްބެވޭނެ ކަމަށެވެ.
ނަމަވެސް މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނަނީ، މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް މަޖިލީހަށް ހުހަޅަން ހަމަޖެހިފައިވާ، ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނާއިބު ރައީސް ކަމަށެވެ. ހަމަ އެގޮތަށް މަޖިލީހުގެ ނާއިބު ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް މަޖިލީސް ހުށަހަޅަން ހަމަޖެހިފައިވާ، ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔަސަތު ބަލަހައްޓަން ވާނީ މަޖިލީހުގެ ރައީސް ކަމަށެވެ.
މީގެ އިތުރުން މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް މަޖިލިސް ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ގޮތްތައްވެސް ގަވާއިދުގައި ވަނީ ކަނޑައަޅައިފައެވެ.
މިހާރު މި އޮތް ހާލަތުގައި، މަޖިލިސް ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް އެމްޑީޕީން މިއޮތީ، މަޖިލީހަށް ހުށަހަޅައިފައެވެ.
މިހާރު އުފެދިފައި އޮތް އެންމެ ބޮޑު ސުވާލަކީ، މަޖިލީހުގައި އެޅިފައިވާ މަރުތަޅު އެމްޑީޕީއަށް ނެއްޓިދާނެ ހެއްޔެވެ.
އެ ކަމާބެހޭގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ، އެ ހިސާބަށް މައްސަލަ ދިއުމުން ދެން އަޅާނެ ފިޔަވަޅެއް ނިންމާނީ، ޕީޖީ ގްރޫޕުން ކަމަށެވެ. އެ ގްރޫޕުން ނިންމާ ގޮތަކަށް ކަންތައް ކުރިއަށްދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަރުތަޅު އެޅިފައިވާއިރު، މިހާރުވެސް އިތުބާރު ނެތްކަމުގެ ހަތަރު މައްސަލައެއް މަޖިލީހުގައި އެބައޮތެވެ. އެއީ އިދިކޮޅު ފަރާތްތަކުން ހުށަހެޅި، ދެ މައްސަލަ އާއި ސަރުކާރަށް ނިސްބަތްވާ އެމްޑީޕީން ހުށަހެޅި ދެ މައްސަލައެވެ.
އޭގެ ތެރެއިން އިދިކޮޅުން ހުށަހެޅި ދެ މައްސަލައިގެ ތެރެއިން ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތުގެ މައްސަލަ އޮތީ މަޖިލީހުގެ ތަޅުމުގެ މަރުހަލާގައެވެ. އެފަރާތުން ދެން ހުށަހެޅި، ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދުގެ މައްސަލަ އާއި އެމްޑީޕީން ހުށަހެޅި މަޖިލީހުގެ ނާއިބު ރައީސް އާއި މަޖިލިސް ރައީސްގެ މައްސަލަ އަދި އޮތީ އާއްމު ކޮމެޓީން ގޮތްނިންމާ ހިސާބުގައެވެ. އެ މައްސަލަތަކާ ގުޅިގެން މިހާރު އެޅިފައިވާ މަރުތަޅު މާ ފަސޭހައިން ނެއްޓިދާނެ ކަމަކަށް ނުފެނެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް