ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ މެންބަރުންނަށް އިންޒާރު ދެއްވަމުން ގެންދަވާ ކަމަށް އެ ޕާޓީގެ ބައެއް މެންބަރުން ތުހުމަތު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދަަން ރައީސް ނަޝީދު ހުރަސް އަޅުއްވާ ކަމަށް ވިދާޅުވެ، މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ވަނީ މިދިޔަ ދެ ދުވަހު މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވައި ރިޔާސަތާމެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އެ މައްސަލަތަކުގެ ތެރެއިން މަޖިލީހުގެ ގޯތި ތެރޭގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އިންނަވަނިކޮށް ރައީސް ނަޝީދު ވަޑައިގެން ނިޔާޒުއާ ދިމާލަށް އިނގިލި ދިއްކުރައްވާ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު ވަނީ އާންމުވެފައެވެ.
އެ ވީޑިއޯގައި ނަޝީދު ވަނީ އެ މަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ދޭން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުގުނީ އިއްޔެ ފޮނުވީ ނިޔާޒު ކަމަށް ތުހުމަތު ކުރައްވައި، ވިސްނައިގެން އުޅުމަށް ވިދާޅުވެ އިންޒާރު ދެއްވައިފައެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ މެންބަރަކު ވަނީ، މަޖިލީހުގެ ސައި ކޮޓަރީގައި އިއްޔެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއަށްވެސް ނަޝީދު އިންޒާރު ދެއްވި ކަމަށް ވިދާޅުވެފައެވެ.
"އެހެން މެންބަރަކާ ވާހަކަ ދައްކަން ހުއްޓާ އައިސް ވިދާޅުވި ދަތްޕިލަ ދުއްވާލާނަމޭ،" އޭނާ ތުހުމަތު ކުރެއްވިއެވެ.
ނަޝީދު ފަހަކަށް އައިސް އެމްޑީޕީގެ މެންބަރުންނަށް އިންޒާރު ދެއްވާ ކަމަށް މެންބަރުން ތުހުމަތު ކުރައްވާއިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް މައްސަލަ އަނބުރާ ގެންދަން އަންގައި ރައީސް ނަޝީދު އިންޒާރު ދެއްވަމުން ގެންދަވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު