އިއްޔެ ފެށި ލިނިން މޯލްޑިވްސް ބެޑްމިންޓަން ޗެލެންޖްގައި ރާއްޖޭގެ އައިމިނަތު ނަބީހާ އާއި ރިޝްވާން ޝިޔާމް ކުޅުނު ފުރަތަމަ މެޗުތަކުން މޮޅުވެއްޖެއެވެ.
އިއްޔެއިން ފެށިގެން މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް މާލޭގެ އެކުވެނި ބެޑްމިންޓަން ކޯޓުގައި ރާއްޖޭގެ މިއަހަރުގެ ފުރަތަމަ ބެޑްމިންޓަން މުބާރާތް ކުރިއަށްދާ އިރު، މިފަހަރުގެ މުބާރާތް ވެގެންދާނީ ފެންވަރު ރަނގަޅު މުބާރާތަކަށް ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ. މިއަހަރުގެ މުބާރާތުގައި 33 ގައުމަކުން 300 އަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރާ އިރު، ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންނަށް މުބާރާތް މުހިއްމު ވަނީ އަންނަ އަހަރު އޮލިމްޕިކްސް އޮތުމާވެސް އެކުގައެވެ.
ފުރަތަމަ ބުރުގެ މެޗުތައް އިއްޔެ ކުޅެފައިވާ އިރު، ދިވެހި ކުޅުންތެރިންވެސް ވަނީ ގިނަ މެޗުތަކެއް ކުޅެފައެވެ. އޭގެ ތެރެއިން ރާއްޖެއަށް މޮޅެއް ހޯދައިދިނީ ނަބީހާ އާއި ރިޝްވާނެވެ.
ރިޝްވާން ވަނީ އިއްޔެ ކުޅުނު ފުރަތަމަ މެޗުން ސްރީ ލަންކާގެ ޗަމަތު ޑިއާޒް އަތުން 21-19، 21-11 އިން މޮޅުވެފައެވެ. އެކަމަކު ދެވަނަ މެޗުގައި ރިޝްވާން ވަނީ ކޮލިފިކޭޝަން އިސްރާއީލްގެ ޑަނީލް ޑުބުވެންކޯ އަތުން 21-05، 21-05 އިން ބަލިވެފައެވެ.
އަންހެން ސިންގަލްސްގެ ގަދަ 64 ކުޅުންތެރިންގެ ބުރުގައި ރާއްޖޭގެ ނަބީހާ މޮޅުވީ އިންޑިއާގެ އަކްޝަޔާ އަރުމުގަމް އަތުން 21-13 އާއި 21-14 އިންނެވެ. ދެވަނަ ބުރުގައި ނަބީހާ މިއަދު ނުކުންނާނީ މިޔަންމާގެ ތޭ ހޫތާ ހިޒާރްއާ ދެކޮޅަށެވެ.
އަންހެން ސިންގަލްސްގެ ގަދަ 64 ބުރުގެ އެހެން ކުޅުންތެރިންގެ ނަތީޖާ އަށް ބަލާއިރު، ވޯކްއޯވާ ވެގެން ރާއްޖޭގެ ޝުބާ މުހައްމަދު ޝަރީފް އަނެއް ބުރަށް ދިޔައިރު، ރާއްޖޭގެ އައިމިނަތު ޝަހުރުނާޒް މޫސާ ކުޅުނު މެޗުން ތުރުކީގެ ނެސްލީހަން އަތުން ބަލިވީ 21-04، 21-05 އިންނެވެ. ރާއްޖޭގެ ނީލާ ނަޖީބު ވަނީ ދެ ސެޓުން އިންޑިއާގެ ރިޝާ ދުބޭ އަތުން 18-21، 21-09 އަދި 21-10 އިން ބަލިވެފައެވެ. އަދި ނަބާހާ ވަނީ އިންޑިއާގެ ސަކްޝީ ގަހުލާވަތު އަތުން 21-16، 21-15 އިން ބަލިވެފައެވެ.
ފިރިހެން ސިންގަލްސްގެ ކޮލިފައިން ދެ ވަނަ ބުރުގައި ރާއްޖޭގެ އަޖުފާން ރަޝީދު ވަނީ އިންޑިއާގެ ޗަރަން ނައިކޫ އަތުން 21-11، 21-14 އިން ބަލިވެފައެވެ. އަދި ރާއްޖޭގެ އަހުމަދު ތޯއިފް މުހައްމަދު އަތުން ފިލިޕީންސްގެ ވެލާސްކޯ މާކް އެންތަނީ މޮޅުވީ 19-21، 17-21 އިންނެވެ. ފިރިހެން ޑަބަލްސް ކޮލިފައިން ބުރުގައި އަޖުފާނާއި ނިބާލް އަހުމަދުގެ ޕެއާ ވަނީ އިންޑިއާގެ އަބިނަވް ޓާކުރާއި ޗަޔާނިޓް ޖޯޝީގެ ޕެއާ އަތުން 21-10، 21-13 އިން ބަލިވެފައެވެ.
މީގެ އިތުރުން، ރާއްޖޭގެ މުހައްމަދު ސާލިމް އަބްދުލް ސަމަދު ކޮލިފައިން ބުރުގައިވަނީ ޔަޝް ޔޯގީ އަތުން 21-12، 21-06 އިން ބަލިވެފައެވެ. ހަސަން ޒަޔާން އަތުން ޔޫއޭއީގެ މުހައްމަދު މުނައްވަރު ވަނީ 21-11، 21-07 އިން މޮޅުވެފައެވެ.
ޕްލިމިނަރީ ބުރުގެ މެޗުތަކަށްފަހު މެއިން ޑްރޯގެ މެޗުތައް މިއަދު ފަށާނެއެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް