ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ނަޝީދު ވަކިކުރުމަށް ނިންމާފައިވަނީ އެމްޑީޕީގެ ޕީޖީން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 41 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ ވޯޓުންނެވެ. މިހާރު އެ މައްސަލައިގެ ޕެޓިޝަންގައި ވަނީ ސޮއިކުރަން ފަށައިފައެވެ.
މިއަދު މަޖިލިސް އިދާރާގައި ބޭއްވި އެމްޑީޕީގެ ޕީޖީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ މިހާރު ރައީސް ނަޝީދު އަމަލުކުރައްވާ ގޮތާ ގުޅިގެން ގިނަ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ ކަމަށެވެ.
"އޭޖީގެ އިތުބާރުގެ މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ ރިޔާސަތުން ނިންމެވި ނިންމުންތަކާއި އެ މައްސަލަ ކުރިއަށް ނުގެންދެވި މުޅި މަޖިލިސް ހުއްޓުމަކަށް އަންނަ ހިސާބަށް ކަންތައްވަމުން ދިޔައީ ރިޔާސަތުން އަމަލުކުރާ ގޮތުން ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލައަށް ބޭނުންވާ ސޮއި ހަމަވުމުން މައްސަލަ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ޕެޓިޝަންގައި 50 އަށްވުރެ ގިނަ އެމްޑީޕީ މެންބަރުން ސޮއި ކުރައްވާނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވިއެވެ. އެ ޕާޓީގެ 56 މެމްބަރުން މަޖިލީހުގައި ތިއްބަވައެވެ.
އަސްލަމް ވިދާޅުވީ ނަޝީދު ރިޔާސަތުގައި އިންނަވައިގެން މަޖިލިސް ކުރިއަށް ގެންދަވަނީ "ޗަރުކޭހެއްގެ" ގޮތުގައި ކަމަށެވެ. ރިޔާސަތުން އަމަލުކުރައްވަނީ ހިތުހުރި ގޮތަކަށް ކަމަށާއި ގާނޫނާއި ގަވައިދުތައް މާނަކުރައްވަނީ އެމަނިކުފާނު ހިތުހުރި ގޮތަކަށް ކަމަށާއި އެއީ އެ މަނިކުފާނު ރިޔާސަތުގައި އިންނަވައިގެން ގާނޫނާ ހިލާފަށް ކުރައްވަމުން ގެންދަވާ އަމަލުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
"ވަޒީރަކު އިތުބާރު ނެތް ކަމުގެ މައްސަލައެއްގައި ގެންނަވައި އެތައް ވަގުތެއް މިތަނުގައި ތާށިކޮށްފައި ބޭންދުމާއި ހިތުހުރިހާ ގޮތަކަށް އަމަލުކޮށް، މައްސަލަ ކުރިއަށް ނުގެންދަވައި ބޮޑު ޗަރުކޭހެއް، ކުޅިވަރުގަނޑެއްހެން މިތަނުގައި މުޅި ހަމަތައް ނަގާލައިގެން ކުރިއަށްގެންދާ ގޮތަށް މަޖިލިސް ތެރޭގައި،" އަސްލަމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ 22 މެންބަރުންގެ ސޮއެވެ. އަދި މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ. އެގޮތުން ނަޝީދު މަގާމުން ދުރުކުރަން 44 ވޯޓު ބޭނުންވާނެއެވެ. އެއީ 87 މެމްބަރުން މެންބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމައެވެ.
ޚަބަރު
ޚަބަރު
ޚަބަރު