ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތުގެ މައްޗަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށްގެންދާ އިތުބާރުނެތްކަމުގެ މައްސަލައަށް ޖަވާބު ދެއްވުމުގައި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާކަމަށްބުނެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި އިމްތިޔާޒުގެ މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ މެންބަރު ފަރެސް މާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު ހުސެއިން މުހައްމަދު ލަތީފެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅަން ފުރުސަތު ދެއްވުމާ ގުޅިގެންވެސް ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުން ނިޒާމީ މައްސަލަ ނެންގެވިއެވެ.
އޭގެ ތެރެއިން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ގާނޫނު އަސާސީގެ 90 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން އިމްތިޔާޒުގެ މައްސަލައިގައި ހިމެނެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 182 ވަނަ މާއްދާގައި ބުނާ ކަމަށެވެ. އެހެންކަމުން އެ ޝަރުތުތައް ފުރިހަމަ ނުވެ، އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދެއްވައިގެންނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެ މާއްދާ ފެނުނުކަން ނޫން އެހެން އެއްޗެސް ވިދާޅުނުވެ، އަނެއްކާވެސް މައްސަލަ ހުށަހެޅުއްވުމަށް މަޖިލިސް ރައީސް ފުރުސަތު ދެއްވިއެވެ.
މި މައްސަލަ ހުށަހަޅުއްވަމުން ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ، ބަންޑާރަނައިބުގެ މައްޗަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އެމަނިކުފާނު ލިއުމުން މަޖިލީހަށް ފޮނުއްވި ޖަވާބުގައި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށާއި މަޖިލީހަށް ލިބިގެންވާ ބާރުތަކަށް ގޮންޖައްސަވާފައިވާ ކަމަށެވެ.
"ތިންބާރު ވަކިވެފައިވާ ނިޒާމެއްގައި މަޖިލީހަކީ އެއްބާރު ކަމަށްވާ އިރު ދައުލަތުގެ ވަޒީރުންނާއި ބަންޑާރަނައިބަކީ ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނެ ފަރާތެއް ކަމަށް ގާނޫނުއަސާސީގެ 134 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިރު ވަޒީރުން އަދި ބަންޑާރަނައިބުގެ އިހުތިސާސްގެ ތެރެއިން ކުރެވިގެންދާ ކޮންމެ ކަމެއްގައި އެފަރާތްތަކާ ސުވާލުކޮށް ޖަވާބު ހޯދުމަކީ ރައްޔިތުންގެ މަޖިލިހަށް ގާނޫނުން ލާޒިމުކޮށް އަދި އެބާރު ކަށަވަރު ކޮށްދީފައިވާ އަދި އެއީ އެފަރާތްތައް ޒިންމާދާރު ކުރުވުމަށް ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެއް،"
އެހެންކަމުން މަޖިލީހުން ބޭނުންވާ ކޮންމެ ކަމެއްގައި ތެދުބަހުން ޖަވާބު ނުދެއްވައި އެކަމަށް ޖަދަލު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ، އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަންޑާރަނައިބު ލިއުމުން މަޖިލީހަށް ފޮނުއްވި ޖަވާބުގައި މަޖިލީހަށް ހުށަހަޅައިގެން ފާސްކުރަން ޖެހޭނީ ރާއްޖޭގެ ބޭސްލައިންތަކުން ފެށިގެން 12 ނޯޓިކަލް މޭލާހަމައަށް އޮންނަ ކަނޑުގެ ސަރަހައްދަށް ބަދަލެއް ގެންނަ ނަމަ ކަމަށް ފާހަގަކޮށްފައިވާ އިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހަށް ހުށަހަޅައިގެންކަން ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްދީފައިވާ ކަމަށެވެ.
އަދި ރާއްޖޭގެ އިގުތިސޯދީ ސަރަހައްދަށްވެސް ބަދަލު ގެނެވޭނީ މަޖިލީހުން ފާސްކޮށްގެންކަން އެ ގާނޫނުން ސާފުކޮށް އެނގެން އޮންނަ ކަމަށްވެސް ވިދާޅުވިއެވެ.
"މިކަމުގައި މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމެއް ނެތް ކަމަށް ބަންޑާރަނައިބު ދެކެވަޑަިއގަތުމަކީ މުޅި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށާއި ބާރުތަަކަށް އަރައިގަތުން،" ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.
އެހެންކަމުން މި މައްސަލަ ކޮމިޓީއަށް ހުށެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުން އެދޭ ކަމަށްވެސް ވިދާޅުވިއެވެ.