އާބަންކޯގެ ފަރާތުން ގޭތެރޭގައި ގެންގުޅޭ ކަރަންޓު ސާމާނަށް އަންހެނުން އަހުލުވެރިކުރުވުމަށާއި އެ ތަކެތި މަރާމާތުކުރަން ދަސްކޮށް ދޭ ކޯހެއް ފަށަން ނިންމައި، އެކަމަށް ހުޅުވާލައިފިއެވެ.
މި ކޯހަކީ އަންހެނުން ބާރުވެރިކުރުވުމަށާއި އަންހެނުންނަށް އެކި ކަހަލަ ފުރުސަތުތައް ހޯދައިދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތްތަކުގެ ދަށުން ހިންގާ ވިލުންވެރިން ކަނބަލުން ކެމްޕޭންގެ ތެރެއިން ތައާރަފުކުރާ ކޯހެކެވެ.
މޯލްޑިވްސް އިންޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއި އާބަންކޯއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މި ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ ހަތަރު ސެޝަނަކަށް ބަހާލައިގެންނެވެ. އެގޮތުން ޖުމުލަ އަށް ގަޑިއިރުގެ މި ކޯހުގެ ކޮންމެ ސެޝަނެއްގެ ދިގުމިނަކީ ދެ ގަޑިއިރެވެ.
އާބަންކޯ އިން ބުނީ އަންހެނުންގެ ހުނަރުވެރިކަން އިތުރުކޮށް، ގޭތެރޭގައި ގެންގުޅޭ ސާމާނަށް އަހުލުވެރިކުރުމަށް ހިންގާ މި ކޯހުގެ ތެރޭގައި ގޭގައި އާންމުކޮށް ބޭނުންކޮށް އުޅޭ އުނދުން، އަވަން، އޭސީ ފަދަ ތަކެތި އެންމެ އެކަށީގެންވާ ގޮތަށް ބޭނުންކުރާނެ ގޮތް ދަސްކޮށްދޭނެ ކަމަށެވެ. އަދި އެ ތަކެތި މަރާމާތު ކުރާނެ ގޮތުގެ ބޭސިކްސް ކިޔަވައިދޭނެ ކަމަށްވެސް ބުންޏެވެ.
މި މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 10 ދުވަހުގެ މުއްދަތަކަށެވެ. ކޯހުގައި ބައިވެރިވުމަށް މި ލިންކު މެދުވެރިކޮށް އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. https://forms.gle/4inMaeHFwBAt6SMK8
އާބަންކޯ އިން މައުލޫޫމާތު ދޭ ގޮތުގައި އެ ކުންފުންޏާއި އެމްއައިޓީއާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ޒުވާނުންނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ވޮކޭޝަނަލް ޓްރެއިނިންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު