މެންބަރުންގެ މެދުގައި ޒުވާބު އުފެދި އަޑުގަދަވެ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ނިޒާމު ގެއްލުމުގެ ސަބަބުން، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
ފެށުނީއްސުރެވެސް ނިޒާމު ގެއްލިގެން ކުރިއަށްދިޔަ މިއަދުގެ ޖަލްސާ، ނިންމައިލީ، އާދައިގެމަތިން މެންދުރު ފަހުގެ ދަންފަޅީގެ ރިޔާސަތު ބެލެހެއްޓުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފްއާ ހަވާލު ކުރި ހިސާބުންނެވެ.
އެ ދަންފަޅި ފެށުމާއެކު، އިދިކޮޅު މެންބަރުންގެ ސުވާލުތަކަށް އޭޖީ ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެ ފުލުފުލުގައި ނިޒާމީ ނުކުތާ ނަންގަވަން ފެއްޓެވިއެވެ.
ނަމަވެސް އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ، އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމުން، އެ މައްސަލައަށް ޖުމްލަ ދެ ގަޑިއިރު ބަހުސްކުރާ ގޮތަށެވެ. އޭގެ ތެރެއިން 30 މިނިޓްގެ ފުރުސަތެއް މައްސަލައަށް ޖަވާބުދާރީވުމަށް އޭޖީއަށް ދޭގޮތަށެވެ.
އެއީ މައްސަލަ ހުށަހެޅުމަށްފަހު، ބަހުސް ފެށުމުގެ ކުރިން 10 މިނެޓާއި ބަހުސްގެ މެދު ތެރެއިން 10 މިނެޓާއި ބަހުސް ނިންމާލުމުގެކުރިން 10 މިނެޓްގެ ފުރުސަތެކެވެ.
މެންދުރު ފަހުގެ ދަންފގަޅި ފެށުނުއިރު ކުރިއަށްދަނީ މައްސަލައިގެ ބަހުސެވެ. އޭރު ބަހުސްގެ ކުރިން ދިން ފުރުސަތުގައި އޭޖީ ވާހަކަ ދައްކަވައި ނިމިއްޖެއެވެ.
ދެން އޭޖީއަށް ފުރުސަތު ދޭނީ މަހުސްގެ މެދު ތެރެއިންނެވެ. އަދި ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބޭނީވެސް ރިޔާސަތުން އެ ފުރުސަތު ދިނުމުންނެވެ.
ނަމަވެސް ޖަލްސާގެ ނިޒާމު ގެއްލުވާލައި، އިދިކޮޅު މެންބަރުން އަޑުގަަދަ ކުރައްވައި ވިދާޅުވަމުން ގެންދެވީ މެންބަރުންގެ ސުވާލުތަކަށް އޭޖީ ޖަވާބު ނުދެއްވާ ކަމަށެވެ.
އެ މެންބަރުންގެ ނިޒާމީ ނުކުތާތަކާ ގުޅިގެން، އޭޖީއަށް ލިބޭ ފުރުސަަތުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާނެ ކަމަށް ރިޔާސަތުން ތަކުރާރުކޮށް ވިދާޅުވުމުންވެސް އިދިކޮޅު މެންބަރުންގެ އަޑޫގަދަ ކުރުމެއް ނުހުއްޓުނެވެ.
އެންމެ ފަހުން ޖަލްސާގެ ނިޒާމު ގެއްލިގެން އަފީފަށް ޖެހުނީ ޖަލްސާ ނިންމަވާލެއްވުމަށެވެ.