މާލޭ އެރީއާގެ އިމަޖެންސީ ޕަވާޕްލާންޓުގެ މަސައްކަތް ނިމިއްޖެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

އިމަޖެންސީ ޕަވާޕްލާންޓް ގާއިމުކޮށްފައިވަނީ ހުޅުމާލޭގައެވެ.

ސްޓެލްކޯއިން ރޭ ކުރި ޓުވީޓެއްގައި ބުނީ އިމަޖެންސީ ޕަވާޕްލާންޓުގެ ޕްރޮޖެކްޓަކީ މިހާތަނަށް އެ ކުންފުނީގެ ތާރީހުގައި އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އިންޖީނުތަކެއް ކޮމިޝަންކުރި ފަހަރު ކަމަށެވެ.

"20.2 މެގަވޮޓްގެ ކެޕޭސިޓީގެ މި ޕަވާޕްލާންޓާއެކު، ގްރޭޓާމާލޭގެ ޕަވަރ ސެކިއުރިޓީ އިތުރަށް ކަށަވަރު ކުރެވިގެންދާނެ" ސްޓެލްކޯއިން ބުންޏެވެ.

ހޫނުގަދަ ދުވަސްވަރު މާލޭ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު 102 މެގަވޮޓަށްވުރެ މައްޗަށް އަރާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 90 މެގަވޮޓްއަކީ ހަމައެކަނި މާލެއިން ބޭނުންކުރާ ކަރަންޓު ކަމަށްވެސް ބުނެފައިވެއެވެ.