ދުނިޔޭގެ މަތީ ފަންތީގެ ކުޅުންތެރިން ވާދަކުރާ ލި-ނިންގް މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް 2023 މިއަދު ރާއްޖޭގައި ފަށައިފިއެވެ.
މިއަދުން ފެށިގެން މިއަހަރުގެ 10 ވަނަ ދުވަހާ ހަމައަށް މާލޭގެ އެކުވެނި ބެޑްމިންޓަން ކޯޓުގައި މުބާރާތް ކުރިއަށްދާ އިރު، މިފަހަރުގެ މުބާރާތް ވެގެންދާނީ ފެންވަރު ރަނގަޅު މުބާރާތަކަށް ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ. މިއަހަރުގެ މުބާރާތުގައި 33 ގައުމަކުން 300 އަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރާ އިރު، ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންނަށް މުބާރާތް މުހިއްމު ވަނީ އަންނަ އަހަރު އޮލިމްޕިކްސް އޮތުމާވެސް އެކުގައެވެ.
"އޮލިމްޕިކްސް އަންނަ އަހަރު އޮތުމާއެކު ވަރަށް ބޮޑު ކާމިޔާބީއެއް މި ލިބުނީ މުބާރާތް މިފަހަރު ރާއްޖޭގައި ބޭއްވުމުން. ޔޫރަޕްގެ އިތުރުން ދެކުނު އެމެރިކާގެ ގައުމުތަކުންވެސް އޮލިމްޕިކަށް ތައްޔާރުވާ ކުޅުންތެރިން މިފަހަރުގެ މުބާރާތަށް އައިސްފި. އެހެންވީމަ މުބާރާތުގައި ބައިވެރިވާ ކުޅުންތެރިންގެ ވެރައިޓީ ވަރަށް ބޮޑަށް ތަފާތު ވެގެން ގޮސްފި. އަނެއްކާ ބައިވެރިވާ ކުޅުންތެރިންގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފި،" ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު "ވަން" އަށް ވިދާޅުވިއެވެ.
މޫސަ ފާހަގަކުރެއްވީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ގިނަ ކުޅުންތެރިންތަކެއް މުބާރާތަށް ރާއްޖެއަށް އައުމާއެކު އެއީ ވިޔަފާރީގެ ގޮތުންވެސް ފައިދާތަކެއް ކުރާނެ ކަމެއް ކަމަށާއި ހޮޓެލްތަކަށް ލިބޭ ފައިދާއިން ފެށިގެން ގޮސް، މި މުބާރާތް ވެގެންދާނީ ރާއްޖެއަށް ބޮޑު އެކްސްޕޯޝާއެއްވެސް ލިބިގެންދާ މުބާރާތަކަށް ކަމަށެވެ. މޫސަ އިތުރަށް ވިދާޅުވީ މިފަހަރުގެ މުބާރާތަށް ޗެލެންޖްތަކެއް ހުރި ނަމަވެސް މުބާރާތުގެ މެޗުތަކާއެކު ކުރިއަށް ދެވޭވަރަށް އެސޯސިއޭޝަނަށް ތައްޔާރުވެވިފައިވާ ކަމަށެވެ.
"މުބާރާތަށް ތައްޔާރުވި އިރު، ތައްޔާރީތަކަށް އުނދަގޫތަކެއް ކުރިމަތިވި. ބައެއް ކަންކަމުގައި ޗެލެންޖްތައްވެސް ދިމާވި. ބައެއް ކަންކަން ހަމަޖެހުމުގައި އުނދަގޫތަކެއް ދިމާވި ނަމަވެސް މިއަދު މުބާރާތް ފެށޭ ވަރަށް ތައްޔާރުވެވިފައި މިތިބީ. މިފަހަރު ތަންތަން ހަމަޖެހުމާއެކު އަދި ހަމަ އުނދަގޫތަކެއް ދިމާވި ފައިނޭންޝިއަލީވެސް،" މޫސަ ވިދާޅުވިއެވެ.
މިފަހަރުގެ މުބާރާތުގައިވެސް ދިވެހި ގިނަ ކުޅުންތެރިންތަކެއް ވާދަކުރަން ތައްޔާރުވެފައިވާ އިރު، މިއީ އައިއޯއައިޖީ އާއި އޮލިމްޕިކްސްއަށްވެސް ލިބޭނެ މުހިއްމު ތަޖުރިބާއަކަށްވާނެއެވެ. ހާއްސަކޮށް މިދިޔަ އަހަރުތަކުގައި ބެޑްމިންޓަނުން ހޯދަމުން އައި ކުރިއެރުންތަކުގެ ނަތީޖާ މިނެކިރާލަން މުބާރާތް މުހިއްމު ވާނެ ކަމަށް އެސޯސިއޭޝަންގެ ރައީސް މޫސަވެސް ދެކިލައްވައެވެ.
"މިހާރު ރާއްޖޭގެ ކުޅުންތެރިންވެސް މުބާރާތްތަކުގައި ހަމަ ބައިވެރިވެލާކަށް މުބާރާތަކަށް ނުނުކުންނާނެ. އެހެންވީމަ މިއީ ލޯކަލް ކުޅުންތެރިންނަށްވެސް ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާނެ މުބާރާތެއް. އެއީ ބެޑްމިންޓަނުގައި އަބަދުވެސް ވަރަށް ބޮޑަށް އޮލިމްޕިކްގެ ނަތީޖާއަށް ފޯކަސް ކުރަމުންދާތީ. ދިވެހި ކުޅުންތެރިންނަށްވެސް ރަނގަޅު ފެންވަރެއްގައި ވާދަކޮށްލަން ލިބޭ ބޮޑު ފުރުސަތެއް މިއީ،" މޫސަ ވިދާޅުވިއެވެ.
"މިއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް އަސްލު އަނެއްކާވެސް މިއަހަރު މުބާރާތް ބޭއްވުމަކީ. ނަތީޖާ ނެރުމުގެ ވިސްނުން ހުރިހާ ކުޅުންތެރިންގެވެސް. އެންމެ ޓޮޕް ޓަޔާގައި ތިބި ކުޅުންތެރިންނާ ވާދަކުރަން ޖެހުމަކީ ރަނގަޅު މެޗުތަކެއް ލިބޭނެ ކަމެއް. އަދި މިހާތަނަށް ބެޑްމިންޓަނުން ހޯދަމުން އައި ކާމިޔާބީތަކާއެކު ނަތީޖާ ނެރުމުގެ ފުރުސަތު ވަރަށް ބޮޑު މި މުބާރާތުގައި. އެހެން މުބާރާތްތަކަކާ ބަލާއިރު ނަތީޖާ ރަނގަޅު ވެގެންދާނެ ކަމަކަށް މި ބަލަނީ،" ރާއްޖޭގެ އުންމީދުތަކާ ގުޅިގެން މޫސަ ވިދާޅުވިއެވެ.
މޫސަ ނިންމަވައިލައްވަމުން ސަޕޯޓަރުންނަށް ދެއްވީ ހާއްސަ މެސެޖެކެވެ. އެގޮތުން މިއީ ކުޅުންތެރިންގެ ފެންވަރު ދައްކާލަން ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށްވާތީވެ، ސަޕޯޓަރުންގެ ފަރާތުން އޭނާ އެދިވަޑައިގަތީ ސޯޝަލް ސެންޓަރަށް ވަޑައިގެން ރާއްޖޭގެ ކުޅުންތެރިންނަށް ހިތްވަރު ދީ ސަޕޯޓް ދެއްވުމަށެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް