ދެކުނު އިގުތިސޯދީ މައި ދޮރާށި، ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއައިއޭ) ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައިދެއްވައިފިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ރައީސް ފައްޓަވައިދެއްވީ، މިއަދު ހަވީރު އެ އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ޖީއައިއޭ ތަރައްގީކުރަން ހަވާލުކޮށްފައިވަނީ އިންޑިއާގެ ރެނާޓަސް ޕްރޮޖެކްޓްސްއާއެވެ.

އިންޑިއާގެ ޗެންނާއީއަށް ނިސްބަތްވާ އަދި 1970 ވަނަ އަހަރު ވުޖޫދުވި ރެނާޓަސް ކުންފުންޏަކީ ރާއްޖޭގައި ބައެއް ހައުސިން މަޝްރޫއުތައް ހިންގާފައިވާ ކުންފުންޏެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޫކުރާ 800 މިލިއަން ޑޮލަރުގެ ލޯނު ފައިސާގެ ދަށުންނެވެ.

އެ އެއާޕޯޓް ތަރައްގީކުރަނީ އަހަރަކު 1.5 ޕަސިންޖަރުންނަށް ހިދުމަތްދެވޭ ވަރުގެ ޒަމާނީ ވަސީލަތްތަކާއެކުގައެވެ. އެގޮތުން އެއާޕޯޓް ޓާމިނަލަކާއި ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖު ވަސީލަތްތަކާއި ކޯލްޑް ސްޓޯރޭޖަކާއި ކާގޯ ވަސީލަތްތަކާއި މުޅިން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަނަކާއި އެއާޕޯޓްގެ މަގުތަކާއި ޕާކިން ސަރަހައްދެއް ތަރައްގީކުރާން ވަނީ ހަމަޖައްސައިފައެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު އިންޑިއާގެ ރެނާޓަސްއާ ހަވާލުކުރީ މިމަޝްރޫއަށް ޕްރީ ކޮލިފައި ކުރި ހަތް ކުންފުނީގެ ތެރެއިންނެވެ.