ޚަބަރު

މި އަހަރު މުދަލުގެ އަގުތައް ދާނީ ދަށަށް: އެމްއެމްއޭ

މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ރާއްޖޭގެ މުދަލުގެ އަގުތައް ދާނީ ދަށްވަމުން ކަމަށް މަރުކަޒީ ބޭންކް, އެމްއެމްއޭ އިން ލަފާކޮށްފިއެވެ.

އެމްއެމްއޭ އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ކުއާޓަލީ ރިޕޯޓުގައިވާ ގޮތުން, މިދިޔަ އަހަރުގެ ފަހު ކުއާޓާރުގައި އިންފްލޭޝަން 3.1 ޕަސެންޓުގައި ހުރި ނަމަވެސް, ޖީއެސްޓީ ރޭޓް ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑުކުރުމުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އަދަދު ވަނީ 3.9 ޕަސެންޓް އިތުރުވެފައެވެ.

މި އަހަރު ނިމޭއިރު ރާއްޖޭގެ އިންފްލޭޝަން 5.4 ޕަސެންޓުގައި ހުންނާނެ ކަމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެމްއެމްއޭ އިން ލަފާކުރި ނަމަވެސް މި އަހަރު ނިމޭއިރު ރާއްޖޭގެ އިންފްލޭޝަން ހުންނާނީ 3.4 ޕަސެންޓުގައި ކަމަށް އެމްއެމްއޭއިން މިހާރު ލަފާކުރެއެވެ.

އެމްއެމްއޭ އިން ބުނީ, މި އަހަރުގެ ބަކީ ހުރި ކުއާޓާތަކުގައި އިންފްލޭޝަން ދާނީ ދަށްވަމުންނެވެ. ސަބަބެއް ކަމަށް ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވެ, އޭގެ ސަބަބުން އެހެން ތަކެތީގެ އަގުތަށް ދަށަށް ދިއުމެވެ.

ރާއްޖޭގެ އިންފްލެޝަން ދަށްވާނެ ކަމަށް އެމްއެމްއޭ އިން ލަފާކުރި އިރު, ރާއްޖޭގެ އިގުތިސާދު މިދިޔަ އަހަރު 13.9 ޕަސެންޓަށް ކުރިއަރައި، ކޮވިޑްގެ ކުރީގެ ހާލަތަށް ވަނީ ރުޖޫއަވެފައެވެ.