އެލްކޭޖީގައި އެއްކޮށް އުޅުނު އެކުވެރިޔާ ހޯދަން އިންސްޓަގްރާމް އެހީ ހޯދައި، ކާމިޔާބު ކޮށްފިއެވެ.
އިންޑިއާގެ ރައްޔިތެއް ކަމަށްވާ ނޭހާ ވަނީ އިންސްޓަގްރާމްގައި ވަކި އެކައުންޓެއް ހުޅުވައި އޭނާގެ ކުޑައިރުގެ އެކުވެރިޔާ ލަކްޝިތާ ހޯދުމަށް ވަރުގަދަ ކެމްޕޭނެއް ކޮށްފައެވެ.
"ފައިންޑިންގ ލަކްޝިތާ" ނަމުގައި ހުޅުވި އެކައުންޓުގައި ނޭހާ ވަނީ ލަކްޝިތާގެ ކުޑައިރުގެ ފޮޓޯއެއް ހިއްސާކޮށްފައެވެ. އިންސްޓަގްރާމްގައި އުޅޭފަރާތްތަކުގެ އެހީގައި ލަކްޝިތާ ހޯދުމަށް މަސައްކަތް ފެށިއެވެ.
ނޭހާ ވަނީ ލަކްޝިތާ ނަމުގައި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ގިނަ ބަޔަކަށް މެސެޖު ކޮށްފައެވެ. ނޭހާ ހަނދާން ހުރީ "ލަކްޝިތާ" ނަން އެކަންޏެވެ. އޭނާގެ ފުރިހަމަ ނަން ހަނދާން ނެތްކަމަށް ވެސް ނޭހާ ބުނެފައިވެއެވެ.
އެތައް މަސައްކަތަކުން ނޭހާއަށް ވަނީ އޭނާގެ ކުޑައިރުގެ އެކުވެރިޔާ ލަކްޝިތާގެ ހަބަރު ލިބިފައެެވެ. ނޭހާ ހެދި އިންސްޓަގްރާމް އެކައުންޓުގައި އޭނާ ވަނީ މިޝަން ކާމިޔާބު ވެއްޖެ ކަމަށް ބުނެ އެކަމާ އުފާފާޅުކޮށްފައެވެ.
ނޭހާއަށް އޭނާގެ ކުޑައިރުގެ އެކުވެރިޔާ ހޯދުނީި 18 އަހަރު ފަހުންނެވެ. އެއް ކުލާހެއްގައި އެލްކޭޖީގައި އުޅުމަށްފަހު ލަކްޝިތާ އެހެން ސިޓީއަކަށް ބަދަލުވުމާއެކު ނޭހާއަށް ލަކްޝިތާ ގެއްލުނީއެވެ.
އިންސްޓަގްރާމްގައި ލަކްޝިތާ ހޯދުމަށް ނޭހާ ކުރި ޕޯސްޓު 7 މިލިއަން މީހުން ބަލާފައިވާއިރު ހަތް ލައްކައަށްވުރެން ގިނަ މީހުން ވަނީ ލައިކް ކޮށްފައެވެ.