އިންޑިއާގައި ދެ ރޭލު ޖެހި ހިނގި އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު 288 އަށް އަރައިފިއެވެ.

އޮޑިޝާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން، އެ އެކްސިޑެންޓްގައި މިހާތަނަށް 803 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މީހުން އުފުލާ ރޭލެއް ދަގަނޑުމަތީން ކަހާލައިގެން ގޮސް އިތުރު ދެ ރޭލެއްގައި ޖެހިގެންނެވެ. މިއީ އިންޑިއާގައި ވޭތުވެދިޔަ 20 އަހަރުތެރޭ ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓެވެ.

އިންޑިއާގެ ރެއިލްވޭ މިނިސްޓަރު އަޝްވިނި ވައިޝްނާ ވަނީ ހާދިސާ ތަހުގީގުކުރުމަށް ކޮމިޓީއެއް އެކުލަވާލައި ތަހުގީގު ފަށައިފައެވެ. އޭގެ އިތުރުން ހާދިސާގައި މަރުވި ކޮންމެ މީހެއްގެ އާއިލާއަށް އެހީގެ ގޮތުގައި 10 ލައްކަ ރުޕީސް ދޭން ނިންމާފައިވާ އިރު، ބޮޑެތި އަނިޔާ ލިބުނު މީހުންނަށް ދެ ލައްކަ ރުޕީސް އަދި ކުދިކުދި އަނިޔާ ލިބުނު މީހުންނަށް 50،000 ރުޕީސް ދިނުމަށްވެސް ނިންމާފައިވެއެވެ.

ހާދިސާ ހިނގުމާއެކު އިންޑިއާގެ އެކި ކަންކޮޅުތަކުން 39 ރޭލެއް ޑައިވާޓު ކޮށްފައިވާއިރު 48 ރޭލު ދަތުރެއްވަނީ ކެންސަލްކޮށްފައެވެ. އަދި 10 ރޭލެއްގެ ދަތުރު ވަނީ މުއްދަތެއް ނެތް ގޮތަށް ހުއްޓާލައިފައެވެ.