އައްޑޫ ސިޓީ މަރަދޫ އިން - އަލީ ޔާމީން
ރިސޯޓް، ސިޓީ ހޮޓާ، ގެސްޓްހައުސް އަދި ވޯޓާވިލާ ހިމަނައިގެން ދެ އަހަރު ތެރޭ ހަންކެޑެ ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވުމަށް މަރަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ, ރާއްޖޭގެ ފަތުރުވެރިކަން 50 އަަހަރު ފަހަނައަޅާ ދިޔައިރު ދިވެހި ފަތުރުވެރިކަމުގެ ފުނަ މިހާރު ބަދަލުވާން ފަށާފައިވާ ކަމަށެވެ.
އެގޮތުން ރިއަލް އެސްޓޭޓް އަދި އިންޓަގްރޭޑެޓް ޓޫރިޒަމް ފުޅާވަމުންދާ އިރު, ހަންކެޑެއަކީ ރައްޔިތުންނަށް ހިއްސާވެވޭ މިބާވަތުގެ ފަތުރުވެރިކަމަށް އެންމެ އެކަށޭނަ އައްޑޫ ސިޓީގެ ސަރަހައްދު ކަމަށް ވިދާޅުވި އެވެ.
"ހަންކެޑެ ޕްރޮޖެކްޓަކީ އިންޓަގްރޭޓެޑް ރިސޯޓް, ސިޓީ ހޮޓާ, ގެސްޓްހައުސް އަދި ވޯޓާ ވިލާ އެކުލެވޭނެ ވަށާ ޖެހޭ ޕްރޮޖެކްޓެއް. މިހާރު ވަނީ އެ މަޝްރޫއު ފެށުމުގެ މަރުހަލާގައި. މުޅި މަޝްރޫއު އިރާދަކުރެއްވިއްޔާ ދެ އަހަރުތެރޭ ނިންމާލެވޭނެ," ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ, ރާއްޖެއަށް ޑިމޮކްރަސީގެ ހެޔޮބަދަލު ހޯއްދެވުމަށް ރައްޔިތުން ނުކުމެވަޑައިގަތީ އެ ޕްރޮޖެކްޓުތައް އައްޑޫއަށް ހޯއްދެވުމުގެ ބޭނުމުގައި ކަމަށާއި އެކަން މިއަދު އައްޑޫ ސިޓީއަށް ހާސިލުވަމުންދާ ކަމަށެވެ.
ހަންކެޑެ ތަރައްގީކުރުމުގެ މަޝްރޫއު ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީސީ)އާ ހަވާލުކުރީ މިދިޔަ މާޗު މަހުގެ 30ވަނަ ދުވަހުއެވެ.
ރައީސް ސޯލިހުގެ ގަރާރަކުން ސަރުކާރުގެ ޓޫރިޒަމް ރިއަލްއެސްޓޭޓް ޑިވަލޮޕްމަންޓް ޕްރޮޖެކްޓް ސަރަހައްދަކަށް ހަންކެޑެ ކަނޑައަޅުއްވާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ. ހަންކެޑޭގައި ރިސޯޓެއް ތަރައްގީ ކުރަން މިހާތަނަށް ފަސް ފަހަރެއްގެ މަތީން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެކަން ހަގީގަތަކަށް ނުވެ އޮއްވައި ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް، ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ މޯލްޑިވްސް ފަންޑު މެނޭޖުނަންޓް ކޯޕަރޭޝަނުން ވަނީ ހަންކެޑެ ތަރައްގީކުރުމަށް އިއުލާނުކޮށް ޑިޒައިންގެ ފޮޓޯތައް އާއްމުކޮށްފައެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި ހަންކެޑޭގައި 1،041 ކޮޓަރި ހެދުމަށް ވަނީ ހަމަޖައްސައިފައެވެ. އަދި ކޮޓަރިތައް ހަދަނީ ތަފާތު އެކި ރޭންޖުތަކާއި ތަފާތު ޑިޒައިންތަކަށް ކަމަށްވެސް ބުނެފައިވެއެވެ. އެ މަޝްރޫއުގެ ޖުމުލަ އަގަކީ ގާތްގަނޑަކަށް 175 މިލިއަން ޑޮލަރު (2.6 ބިލިއަން ރުފިޔާ) އެވެ.