އައްޑޫ ސިޓީ މަރަދޫ އިން - އަލީ ޔާމީން
މިހާރު މެކުހަށް ޖަހާފައި އެވަނީ އައްޑޫގެ ތާރީހުގައި ހިންގޭ ބިމާބެހޭ އެންމެ ބޮޑު މަޝްރޫއު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ފެށުމުގެ ގޮތުން މަރަދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދުނިޔެއަށް ހުޅުވާލެވޭ ވަރުގަދަ ސިޓީއަކަށް އައްޑޫ ސިޓީ ބަދަލުކުރުމަކީ މާޒީގެ ތެރެއިން ތަކުރާރުކޮށް އިވުނު ދިގުލީ އަޑެއް ކަމަށާއި އަޑު މަޑުކުރުމަށްފަހު މިއަދު ސަރުކާރު މި ކުރަނީ އެކަމަށް ބޭނުންވާ ކަންކަން ކަމަށެވެ.
"އައްޑޫ ސިޓީއަށް ބަދަލު އަންނާނީ އައްޑޫގެ ބިމުގެ ބައްޓަން ބަދަލުކޮށްގެންކަން އަބަދުވެސް އެނގޭ. މިއަދު ތިޔަބޭފުޅު ތިޔަ ދެކެވަޑައިގަންނަވަނީ އޭގެ އަމަލީ މަންޒަރު. އައްޑޫގެ ތާރީހުގައި ހިންގޭ ބިމާ ގުޅޭ އެންމެ ބޮޑު މަޝްރޫއު މިހާރު އެވަނީ މެކުހަށް ޖަހާފައި. 1.5 ބިލިއަން ރުފިޔާ ހޭދަކޮށްގެން 190 ހެކްޓަރުގެ އިތުރު ބިން، ތިޔަބޭފުޅުންގެ މި އައްޑޫއަށް އެދަނީ އިތުރުވަމުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިތުރު މަޝްރޫއެއްގެ ގޮތުގައި ހުޅުމީދުއަށް އިތުރުވާ 42 ހެކްޓަރުގެ ބިމަކީ އައްޑޫއަށް އިތުރުވާ ބިމެއް ކަމަށާއި އެއީ 179 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫއެއް ކަމަށެވެ. އަދި ރާއްޖެއަށް ހެޔޮ ބަދަލު ގެނައުމަށް އައްޑޫގެ ގިނަ ރައްޔިތުންތަކެއް ނުކުމެފައިވަނީ އެ މަޝްރޫއުތައް އައްޑޫއަށް ބޭނުންވާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިންސާނީ ހައްގާއި ޑިމޮކްރަސީއާއި ހެޔޮވެރިކަމުގެ ބަދަލަކީ ފަހުގެ ތާރީހުގައި ރާއްޖެ ފުރޮޅުނު އެންމެ ބޮޑު އިންގިލާބު ކަމަށާއި އެ މަފްހޫމު އެންމެ ފުރަތަމަ ފަހުމުވި ރައްޔިތުންގެ ތެރޭގައި އައްޑޫ ސިޓީގެ ރައްޔިތުން ހިމެނުނު ކަމަށެވެ. އަދި އެ ދުވަހު އޮތީ މިއަދު މި ދެކޭ މަންޒަރާއި މާދަމާގެ ކުރިއެރުމާއި ތަރައްގީގެ މޭވާއަކީ ފޮނި އެއްޗަކަށް ވުމަށް ދިވެހިން ކުރި އުންމީދު ކަމަށް ރައީސް ވިދާޅުވިއެވެ.
"އެ އުންމީދަކީ އޭގެ ރަހައެއް ވަހެއް ކުލައެއް ނުލިބި، ތާއަބަދަށް ކުރާ ހަނގުރާމައަކަށް ވުމަށް އެއްވެސް ރައްޔިތަކު އެއްވެސް އިރަކު ނޭދޭ. ދައްޗާއި ތުރާލާއި އުނދަގުލާއި ބުރަ ތަހައްމަލު ކުރަނީ އޭގެ ފަހަތުން ލިބޭނެ ހަމަޖެހުމާއި ފަސޭހައިގެ އެދުމުގައި. އެ ދުވަހު ރައްޔިތުން އުފުލި ތަކުލީފުގެ އެ މަރުހަލާ ނިމިއްޖެ. މިއަދު އައްޑޫ ސިޓީންނާއި މުޅި ރާއްޖޭގެ ހުރިހާ ރަށަކުން މި ފެންނަ މަންޒަރަކީ އެ ދުވަހު ރުވި ގަސްތަކަށް ރޫފަ ޖެހި، ކުރިލާ ހެދޭ މަންޒަރު،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖެއަށް އަންނަ ކޮންމެ ހެޔޮ ބަދަލެއްގެ ފުރަތަމަ ފާހަގަ ޖެހޭ ތަނަކީ އައްޑޫ ސިޓީ ކަމަށާއި މިއަދު އޮތީ މި ފެންނަ އަމަލީ މަންޒަރު ދެކި، އެކަމަށް ހެކިވުން ކަމަށެވެ.