މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށްވެސް ވެރިކަމަށް އާދެވެން އޮތީ އޭނާ 'ދުއްވާލައިގެން' ކަމަށް ގަބޫލުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވުމުން އެމްއެންޕީގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ރައްދު ދެއްވައިފިއެވެ.

ވީޓީވީ މެދުވެރިކުރައްވައި އިއްޔެ ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ, ވެރިކަމަށް އައުމަށް އޭނާ ދުއްވާލަން ޖެހޭ ކަމަށް އެމްއެންޕީގެ ވަރަށް އިސް ދެ ބޭފުޅަކު ވިދާޅުވި ކަމަށާއި ނަމަވެސް ވެރިކަމަށް އައުމަށް އޭނާ ދުއްވާލަން ޖެހޭ ސަބަބެއް އެނގިވަޑައިނގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީގައި އަޅުގަނޑުމެންގެ ތެރޭގައި ތިބެފައި, އަޅުގަނޑުމެން ކުރިކަމަކާލައިގެންވެސް ނޫން އެބޭފުޅުން (ނާޒިމާއި ޖޭޕީން ވަކިވި ބޭފުޅުން) އެހެން ކަމެއް އޮތީމަ އެކަން ކުރަންވެގެން ނުކުމެ ކޮންމެހެން އަޅުގަނޑުގެ ގައިގަ ޖަހާކަށެއް ނުޖެހޭ ދެއްތޯ؟" ގާސިމް ވިދާޅުވިއެވެ.

ނާޒިމް އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީގެ ދާއިރާގެ މެންބަރު ގުޅިވަޑައިގެން އެމްއެންޕީ އުފެއްދެވީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުންގެ ގޮތުގައި ތިއްބެވުމަށްފަހު އެ ޕާޓީން އިސްތިއުފާ ދެއްވުމަށްފަހުއެވެ.

އެމްއެންޕީއާ ގުޅުވައިގެން ގާސިމް ދެއްކެވި ވާހަކަތަކާ ގުޅިގެން ނާޒިމް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, ގާސިމާ ހިސާބަށް ދޮގު މައުލޫމާތު ބަޔަކު ގެންގޮސްދިނުމަކީ އޭނާއަށް ބަޔަކު ދޭ ގެއްލުމެއް ކަމަށެވެ.

"އަޅުގަނޑުވެސް އަދި އަޅުގަނޑަށް ހެޔޮއެދޭ މީހަކުވެސް މަނިކުފާނަށް އަދި އެހެންވެސް ދިވެހި ރައްޔިތަކަށް ގެއްލުމެއް އަދި ނިކަމެތިކަމެއް ނުދޭނެ އަދި އެފަދަ ވަހަކައެއްވެސް ނުދައްކާނެ. މަނިކުފާނާމެދު އަޅުގަނޑުގެ އިހުސާސަކީ އިހުތިރާމް," ނާޒިމްގެ ޓުވީޓުގައިވެއެވެ.