ރާއްޖެ އާއި މޮރިޝަސްއާ ދެމެދުގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބެހި ގޮތުން ގެއްލުންވީ ރާއްޖެއަށް ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ސަރުކާރާ ދެކޮޅު ފަރާތްތަކުން ބާއްވާ އެއްވުމުން ނުކުންނާނެ ނަތީޖާއެއް ނެތް ކަމަށާއި އެ އެއްވުމުގައި އެޕާޓީން ބައިވެރިވެގެން ލިބޭނީ ބޮނޑި އެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވީޓީވީ އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ އިމުގެ މައްސަލައިގައި ސަރުކާރުން އަމަލުކުރި ގޮތް ރަނގަޅު ނޫން ކަމަށް އެންމެ ފުރަތަމަ ބުނީ ވެސް ޖޭޕީން ކަމަށެވެ. ނަމަވެސް އެގޮތަށް މަގުމައްޗަށް އެއްވެ ކޮންމެ ވާހަކައެއް ދެއްކިއަސް އިޓޮލްސްގެ ހުކުމެއްް ބަދަލެއް ނުކުރެވޭނެ ކަމަށާއި ޖޭޕީން އެ އެއްވުމުގައި ބައިވެރިނުވާން ނިންމީ އެކަމުން ފިތުނަ ފަސާދަ އުފެއްދުން ފިޔަވައި އިތުރު އެއްވެސް ނަތީޖާއެއް ނުނިކުންނާނެތީ ކަމަށް ގާސިމް ވިދާޅުވިއެވެ.
"ކޮން ކަމެއްތޯ ކުރެވޭނީ. ފަސާދަ އުފައްދައި ފިތުނަ އުފެއްދުން ފިޔަވައި އެހެން ކޮން ނަތީޖާއެއްތޯ ލިބެނީ. އިޓޮލްސްގެ ހުކުމަށް އެއްވެސް ބަދަލެއް ގެނެވޭނީތޯ. ބަޔަކު ސިޔާސީގޮތުން އަޑުއުފުލާ ތަނަކަށް ދަންޏާ ކޮންމެހެން ޖޭޕީ މީހުން ބައިވެރިވާކަށް ނުޖެހޭ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގެ ރުހުންނެތި، މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީ ފޮނުއްވީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ޖޭޕީން ގަބޫލުކުރާ ކަމަށެވެ. އެހެން ނަމަވެސް އެ އެއްވުން ބާއްވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުން ދުރުކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށާއި އެއްވުމުގައި ހަމަނުޖެހުމެއް ހިނގައިފި ނަމަ އެކަމުގެ އަގު އަދާކުރަން ޖެހިވަޑައިގަންނަވާނީ އޭނާއަށް ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން މިރޭގެ އެއްވުމުގައި އިސްކޮށް ބައިވެރިވާ ގިނަ ފަރާތްތަކަކީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިގެން ތިއްބެވި ބޭފުޅުން ކަމަށާއި އެ އެންމެން ވެސް ބޭނުންވާނީ އެ އިންތިހާބުގައި އޭނާއަށް ވާދަކުރެވޭނެ މަގު ބަންދުކޮށްލުން ކަމަށް ގާސިމް ވިދާޅުވިއެވެ.
"މިސާލަކަށް ފައިދަށު ފުރޭތައެއް އެތަނުން ނުކުތީ، މީގެ މާނައަކީ ހަމަނުޖެހުންގަނޑެއް ބަޔަކު ހިންގީއޭ ގަސްދުގައި، [ދެން] ކިހިނެއްތޯ ވާނީ؟ އެތައް ބަޔަކު ޒަހަމްވެ، އަނިޔާވުން. ދެން ކޮން ކަހަލަ ޖޯޝެއްތޯ އުފެދޭނީ؟ ދެން އަންނާނީ ފިނިފެންމަލެއް ހިފައިގެންތޯ ނޫނީ ޒައިތޫނި ފަތްކޯޅިއެއްތޯ؟ ނޯ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުބީ މިރޭ އެތަނަށް ވަޑައިގެންފި ނަމަ "ދިއްލާފައި ހުރި ބިގަރެއްހެން އަލިގަދަކޮށް" ފެންނަން ހުންނާނީ އޭނާ ކަމަށެވެ. އަދި އެއީ އޭނާ ރިޔާސީ އިންތިހާބުގެ ރޭހުން ބޭރުކޮށްލަން ބޭނުންވާ ފަރާތްތަކަށް ލިބޭ ފުރުސަތެއް ކަމަށާއި މާޒީއަށް ބަލާއިރުވެސް ކަންވެފައި އޮތީ އެފަދައިން ކަމަށް ގާސިމް ވިދާޅުވިއެވެ.
"މި އެންމެންނަށް އެބަ ވިސްނޭ އެ މީހުންނަށް ވުރެ ގިނަ ވޯޓު އަޅުގަނޑަށް ލިބޭނެ ކަމަށް. އެމީހުން ބޭނުންނުވާނެތޯ އަޅުގަނޑު ދުއްވާލަން،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޗާގޯސް މައްސަލައިގައި ނަތީޖާ ނެރެވޭނެ ކަމަކަށް ކުރެވެން އޮތް ކަމަކީ ގާނޫނީ އިމުގެ ތެރެއިން އިޓޮލްސްގެ ނިންމުން ބަދަލުކުރެވޭނެ ގޮތްތަކެއް ހޯދުން ކަމަށެވެ. އަދި އިޓްލޮސްގެ ނިންމުމާ މެދު ދެން ހެދެން އޮތް ގޮތަކީ ކޮބައިތޯ ބަލަން މިހާރު ވެސް ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ލަފާ ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އަދި ޖޭޕީގެ ވެރިކަމެއްގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އިޓްލޮސްގެ ނިންމުން އެހެން ތަނަކަށް ހުށައެޅެން އޮތް ނަމަ އެ ހުށައެޅުމެއް ހުށައަޅާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު