މުސްލިމުންގެ ހަޔާތުގައި ތެދުވެރިވުމަކީ މުހިއްމު ކަމެއް ކަމަށާއި އަމިއްލަ އެދުމަށް ވާހަކަ ހަދައިގެން ދެއްކުމާއި ދޭތެރެ ޖެއްސުމަކީ ވަރަށް ބޮޑު ފާފައެއް ކަމަށް ހުތުބާގައި ބުނެފިއެވެ.

"ތެދުބުނުމަކީ ސުވަރުގެއަށް މަގުފަހިވާ ކަމެއް" މި މައުޟޫއަށް މިއަދު އިއްވި ހުތުބާގައި ބުނީ ދޮގުވެރިކަމަކީ ދޮގުހަދާ މީހާގެ އަޑި ނުބައިކަން ހާމަކޮށްދޭ ސިފައެއް ކަމަށާއި އެއީ ނުބައި ކަންތައްތަކަށް މީހާ ހުށަހެޅޭ ކަމެއް ކަމަށެވެ. އަދި ނުބައި ބައެއް ސިފަތަކަށް ފަރުވާދެވުނަސް ދޮގުހެދުމާއި އޮޅުވައިލުމުގެ މަތީގައި ދިރިއުޅޭ މީހުންނަށް އެކަމުގައި ފަރުވާއެއް ނެތް ކަމަށެވެ.

ހުތުބާގައި ބުނީ ކޮންމެ ނިއުމަތެއް ވެސް ބޭނުންކުރަން ވާނީ ތިމާއަށާއި މުޖުތަމައަށް ފައިދާކުރާ ގޮތަށް ކަމަށެވެ. އަދި އިންސާނުން އެ މީހުންގެ ހަޔާތް ބިނާ ކުރަން ޖެހޭނީ ހައްގުގެ މަތީގައި ކަމަށާއި އެގޮތުން ހައްގު ނޫން ބަހެއް ނުބުނުމަށާއި ހައްގު ނޫން ކަމެއް ނުކުރުމަށް މާތްﷲ އަންގަވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.

ބައެއް ފަހަރު އިންސާނުންނަށް ކުރެވޭ ކުށުން ސަލާމަތްވުމަށްޓަކައި ދޮގުހަދާ ކަމަށާއި އެހެންނަމަވެސް އިސްލާމްދީން ގޮވައިލަނީ ކުށް ގަބޫލުކުރުމަށް ކަމަށް ހުތުބާގައި ބުންޏެވެ. އަދި ހައްގު ބަސް ބުނުމުގެ ސަބަބުން ގެއްލުމެއް ލިބިދާނެ ކަމަށް ހީވިޔަސް، އޮތީ ތެދާއި އެއްކިބާނުވުން ކަމަށް ހުތުބާގައި ބުންޏެވެ.

އޭގެ އިތުރުން މުސްލިމުންގެ ހަޔާތުގައި ތެދުވެރިވުމަކީ މުހިއްމު ކަމެއް ކަމަށާއި އިސްލާމީ މުޖުތަމައު ބިނާކުރަން ޖެހޭނީ ތެދުގެ މަތީގައި ކަމަށް ހުތުބާގައި ބުންޏެވެ. އަދި ދޮގު ވާހަކަތައް ހެދުމާއި އެފަދަ ވާހަކަ ފެތުރުމުން އެއްކިބާވާން ޖެހޭ ކަމަށާއި ތަފާތު ގުޅުންތައް ގާއިމުކުރަން ޖެހޭނީ ތެދުގެ މަތީގައި ކަމަށް ބުންޏެވެ.

ދޮގުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުވި ވަރަކަށް އެކަމުގެ ފާފަ ބޮޑުވާނެކަން ފާހަގަކޮށް ހުތުބާގައި ބުނީ ދޮގު ހަބަރުފަތުރާ ނޫސްވެރިޔާ އާއި ދޮގު ވާހަކަ ޓުވީޓުކުރާ މީހާ އާއި އަމިއްލަ އެދުމެއް ހާސިލު ކުރުމަށްޓަކައި ވާހަކަ ހަދައިގެން ފަތުރާ މީހާ އާއި އަމިއްލަ މަގުސަދަކަށްޓަކައި މީހުންގެ ވާހަކަތައް ވެރިންގެ ގާތުގައި ދައްކާ މީހާ އާއި ދޭތެރެ ޖައްސާ މީހާ އެ އަރައިގަންނަނީ ވަރަށް ބޮޑު ފާފައަކަށް ކަމަށެވެ.

ހުތުބާގައި އިތުރަށް ބުނީ އިސްލާމްދީނުގައި ދޮގުހެދުމަކީ ހަރާމް ކަމެއް ކަމަށާއި ސަމާސާކުރުމުގައި ވެސް އޮތީ ތެދުބުނުން ކަމަށެވެ. އަދި އިސްލާމްދީނުގައި ސާމާސާކުރުމާއި އުފާކުރުން މަނާ ނޫން ކަމަށާއި އެހެނަސް އެފަދަ ކަންތައް ކުރުމަށް އަންގާފައިވަނީ ދޮގުހެދުމެއް ނެތި ކަމަށް ހުތުބާގައި ބުންޏެވެ.