Close Election
Close
އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 49

އަބްދުﷲ ފާރޫގް ހަސަން

(26 މެއިގެ އަދަދާ ގުޅޭ)

ދެބައިމީހުން މިހާރު އެތިބީ "ލޮލާއި ލޯދިމާވާ" ގޮތަށެވެ. ކަނޑުމަތީގެ ހަނގުރާމައިގެ ތާރީޚުގައި، ވަރުގަދަ ހަނގުރާމައެއް ފެށެނީއެވެ. ނަމަވެސް ދެބައިމީހުންމެ ތިބީ އިސްވެ ޙަމަލަދޭން ޖެހިލުންވެފައެވެ. އަޅުގަނޑުމެންގެ މުސްކުޅި ކޮމާންޑަރަށް އޭނާގެ ފްލީޓުގެ ކުޑަކަން އިޙްސާސްކުރެއްވިފައިވަނީ ވަރަށް ބޮޑަށެވެ. ޑޫރިޔާ ފަޚުރުވެރިވެފައިވަނީ އޭނާގެ ފްލީޓުގައި ހިމެނޭ 50 ސްޓީމް ނަވާ ހުރެއެވެ. އެ ނައުފަހަރުގައިހުރީ ބަރުބޮޑު ބަޑިތައް ހަރުކޮށްފައެވެ. ސެޕްޓެމްބަރުމަހުގެ 27 ވަނަ ދުވަހު ހެނދުނު މުސްލިމުން ނިދައި ހޭލުމުން ފެނުނީ ވަރަށްބޮޑަށް ޙައިރާންކުރުވި މަންޒަރެކެވެ. ލޮލަށް ފެންނަމުންދިޔަ ހާދިސާ އެމީހުންނަކަށް ޔަޤީނެއްވެސް ނުކުރެވުނެވެ. އާދެ، ޢީސާއީ ދުނިޔޭގެ މާސިންގާ އަރުމާދު ނުހަނު ހައިބަތާއެކު ރިޔާތައް ފޮޅުވައިލައިގެން އެނބުރި ދަނީއެވެ.

މުސްލިމުންނަށް ލިބުނީ ވަރުގަދަ ޙައިރާންކަމެކެވެ. އެ ޙައިރާންކަމުގައި އެންމެން އަވަސްވެގަތީ ކްރިސްޓިޔަނުންގެ ފަހަތުން ދާށެވެ. ނަމަވެސް މުސްކުޅިފުޅު ކޮމާންޑަރު ހުންނެވީ އެހެން ފިކުރުފުޅެއްގައެވެ. އޭނާ ވިސްނާވަޑައިގަންނަވަމުން ގެންދެވިއެވެ. މިއީ ވަރުގަދަ އުކުޅަކަށް ނުވާނެބާވައެވެ؟ އަހަރެމެން ހުޅުވިފައިވާ ކަނޑުތެރެއަށް ގެންދަން ޑޫރިޔާ ބޭނުންވަނީކަން ޔަޤީނެވެ. ކޮމާންޑަރުގެ އޯޑަރު އައެވެ. "އިންތިޒާމުތައް އޮޅުވައިނުލާށެވެ." ހުރިހައި އެންމެން އެ އޯޑަރަށް ޢަމަލުކުރިއެވެ. ތަރްޣޫދު އަރުމާދުގެ ކަނާތްފަރާތް ހިފަހައްޓައިލެއްވިއެވެ. ވާތްފަރާތުގައި ހުންނެވީ صــالــح ރައީސެވެ. ސެޕްޓެމްބަރު 28 ވަނަދުވަހު ހެނދުނު ޢުޘްމާނީ އަރުމާދު އޮތީ ސެންތާ ޑިމޯރިޔާއަށްވުރެ 3 މޭލު ދެކުނުގައި ނަގިލި ލައިގެންނެވެ. ޑޫރިޔާގެ ކުރިމަތީގައި ޙަމަލަދިނުންނޫން އެހެންގޮތެއް ނެތެވެ. ޑޫރިޔާ ހަދާނެ ނަހަދާނެގޮތެއް ނޭނގިފައި ތިންގަޑިއެއްހައިއިރު ހުއްޓެވެ. އެންމެފަހުން އޭނާ ހަނގުރާމަ ފަށައިފިއެވެ. ޢުޘްމާނީ އަރުމާދުން އެންމެފުރަތަމަ ޙަމަލަދިން ނައު ވަރަށް އަވަހަށް ހަލާކުވެ އެހެން ދެނަވެއްގައި އަލިފާން ރޯވެއްޖެއެވެ. ތިންނަވުގެ ފަޅުވެރީންނާއި ހަނގުރާމަވެރީން ކުދިބައްތެލިފަހަރުގައި ފުރާނަ ސަލާމަތްކުރާން މަސައްކަތް ފަށައިފިއެވެ. ޢީސާއީންގެ ބަޑިތަކުން މުސްލިމުންނަށްވެސް ހިސާބަކަށް ގެއްލުން ލިބުނެވެ.

މިހިސާބަށް ހަނގުރާމަ ހިނގިއިރު، ވައިމަޑުވެ ބޭނުންގޮތަކަށް މަޢުރިކާ ހިންގައިލެވޭވަރު ވެއްޖެއެވެ. ނަމަވެސް ޑޫރިޔާއަކަށް ވަރުގަދަ ޙަމަލައެއްދޭކަށް ނުކެރުނެވެ. އޭނާ މަސައްކަތްކުރަމުން ގެންދިޔައީ ހަނގުރާމަވެރި، އެކިއެކި އުކުޅުތަކުން ޢުޘްމާނީ އަރުމާދު ބަލިކޮށްލެވޭތޯއެވެ. ޑޫރިޔާގެ ކޮންމެ އެތިފަހަރެއް މުސްކުޅިފުޅު ކޮމާންޑަރު ނުހަނު ހުސިޔާރުފުޅުކަމާއެކު ހުހަށް ފޮނުއްވައިލައްވައެވެ. އެދުވަހުގެ ހަވީރުވީއިރު ދުޝްމިނުންގެ ނައުފަހަރު ފިލައިގެން ދާންފަށައިފިއެވެ. ޢީސާއީންގެ އަރުމާދުން ހަލާކުވީ 7 ނަވެވެ. ނަމަވެސް 150 ނަވުގެ އަރުމާދެއްގެ ކުރިމަތީގައި ހަނގުރާމަވެރި އެންމެ ބޮޑެތި 200 ނައު އެކުލެވޭ ބާރުގަދަ، އަރުމާދެއް ބަލިވެގެން ފިލައިގެންދިއުމަކީ އެއްވެސް ޙާލެއްގައި އާދައިގެކަމެއް ނޫނެވެ.

މި މަޢުރިކާއިން ފާޅުވެ އެނގުނުގޮތުގައި ޢުޘްމާނީ އަރުމާދުގެ މައްޗަށް ބާރު ހިންގައިލުމަކީ އެއްވެސްބަޔަކަށް ކުރެވޭނެކަމެއް ނޫނެވެ. މި މަތިވެރި ފަތަޙައިގެ ސަބަބުން ޢުޘްމާނީ އަރުމާދުގެ ޤަދަރު އުފުލިގެންދިޔައީ ޖައުޒާރާ ހަމައަށެވެ. މެޑިޓްރޭނިޔަން ކަނޑުގެ ރާޅުތަކުގެ މައްޗަށް ހިންގާންފެށީ ޢުޘްމާނީ ދައުލަތުގެ ރަސްކަމެވެ. ޢުޘްމާނީ ދައުލަތުގެ އާވިދުވަރެއް ހާމަވެގެން ދިޔައީއެވެ. سـلطـــان ســليمــان މުސްކުޅިފުޅު ކޮމާންޑަރަށް ވަރަށްމަތީ އިނާމާއި ތަޝްރީފު ދެއްވިއެވެ. އިނާމެއްގެ ގޮތުގައި ދިހަލައްކަ ދީނާރު ހަދިޔާކުރެއްވިއެވެ.

މި މުސްކުޅި ކޮމާންޑަރަކީ خــيـــــر الــدّيــــن ބަރުބަރޯސާއެވެ. އޭނާގެ ޚިދުމަތްތަކަށް އަލިއަޅުވައިލައިގެން މެނުވީ އިސްލާމީ ފުތޫޙާތުގެ ތާރީޚު ފުރިހަމަނުވާނޭކަން ޔަޤީނެވެ.

ޢާއިލީ ފަސްމަންޒަރާއި ކުރީގެ ދިރިއުޅުއްވުން

أمــيــــــر الـبـحـــــر خــيـــــر الــدّيــــن ގެ ޢާއިލީ ފަސްމަންޒަރާ ބެހޭގޮތުން ތިން ރިވާޔަތެއް އޮވެއެވެ. އެއް ރިވާޔަތެއްގައިވާގޮތުން އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، ލިޒްބަސްގައެވެ. އެއީ، މީލާދީން 1462 ވަނަ އަހަރު سـلطـــان محمّـــد ثــانـــــى ފަތަޙަކުރެއްވި ޖަޒީރާއެކެވެ. އެހަނގުރާމައިގައި ބައިވެރިވި ސިފައިންގެ ތެރޭގައި خــيـــــر الــدّيــــن ގެ ބައްޕަ يـعـقــــوب ހިމެނެއެވެ. އޭނާ، ލިޒްބަސް ފަތަޙަވުމުން އެރަށުގައި ވަޒަންވެރިވީއެވެ. يـعـقــــوب ގެ ނަސަބާ ދޭތެރޭގައިވެސް މުއައްރިޚުންގެ މެދުގައިވަނީ ޚިލާފުތަކެއް އުފެދިފައެވެ. ތުރުކިއޭ މުއައްރިޚުން ބަޔާންކުރާގޮތުގައި އޭނާއަކީ، ރުމައިލާގައި ދިރިއުޅޭ ތުރުކިޔޭއެކެވެ. ނަމަވެސް ސްޕޭންގެ މުއައްރިޚުން ބުނަނީ، يـعـقــــوب އަކީ ލިޒްބަސްގެ އަހުލުވެރި ކްރިސްޓިޔަނެއް ކަމުގައެވެ. ފަހުން އޭނާ އިސްލާމްވީއެވެ. ތިންވަނަ ރިވާޔަތުގައިވާގޮތުން މި ޢާއިލާއަކީ އޭޖިޔަން ކަނޑުގެ ޖަޒީރާއެއްކަމުގައިވާ (Metellin) ގެ ޢާއިލާއެކެވެ. ކުރީގެ ކްރިސްޓިޔަނުންނެވެ. يـعـقــــوب ގެ ތިބީ 4 ފިރިހެން ދަރީންނެވެ. إسحــاق އާއި إلـيــاس އާއި عـُــــرُوج އާއި خُــضْـــــر އެވެ. މިހަތަރުބެއިންގެ ތެރެއިން إسحــاق ކުރިޔަށްދިޔައީ ވިޔަފާރީގެ ރޮނގުންނެވެ. އޭނާ ދިރިއުޅުނީ ލިޒްބަސްގައެވެ. އަނެއް ތިންކުދިން ޚިޔާރުކުރީ ކަނޑުގެ ސިފައިންގެ މަސައްކަތެވެ. އެ ތިންބެއިންގެ ތެރެއިން عـُــــرُوج އާއި خُــضْـــــر އާ ދެބެން މިރޮނގުން މަތީ ނަމެއް ހޯދިއެވެ. خُــضْـــــر ފަހުން މަޝްހޫރުވެގެން އައީ خــيـــــر الــدّيــــن ގެ ނަމުންނެވެ.

ދުވަސްވަރަކީ، ކަނޑުފޭރޭ މީހުންގެ މަރުކަޒެއްކަމުގައި މެޑިޓްރޭނިއަން ކަނޑު ވެފައިއޮތް ދުވަސްވަރެވެ. އެކަންތައް އެންމެފުރަތަމަ ފެށިބަޔަކީ، ކްރިސްޓިޔަނުންނެވެ. ދުއިސައްތަ ވަރަކަށް އަހަރުގެ ކުރީއްސުރެ ފެށިގެން، ޔޫރަޕުގެ ކަނޑުފޭރޭ މީހުން ވެފައިވަނީ، މެޑިޓްރޭނިއަން ކަނޑުން ދަތުރުކުރާ މުސްލިމުންގެ ވިޔަފާރީގެ ނައުފަހަރަށް ކުރިމަތިވެފައިވާ ވަރަށްބޮޑު ނުރައްކަލަކަށެވެ. ގްރީކާއި، ސާޑަނިޔާއާއި، މޯލްޓާއާއި، ޖެނީވާއަކީ މިކަމުގައި އެންމެ ކުރިޔަށް ނުކުމެފައިވާ ފާހަގަކޮށްލަންޖެހޭ ޤައުމުތަކެވެ. ލަޔަންޕޯލް ބަޔާންކުރާ ގޮތުގައި، މިފޭރުންތަކުގެ އެންމެބޮޑު ސަބަބަކީ މެޑިޓްރޭނިއަން ކަނޑުގައި ކުރިއަރައިފައިވާ ވިޔަފާރިއެވެ. ނަމަވެސް ޞަލީބީ ހަނގުރާމަތަކުގެ އަސަރުވެސް މިކަމުގައި އެކުލެވިފައި ނުވެއެކޭ ނުދެންނެވޭނެއެވެ. ސާދަވަނަ ޤަރުނުގެ ފަހުކޮޅުގައި ޢީސާއީންގެ ކަނޑުފޭރޭ މީހުންނާ ހަނގުރާމަކުރުމަށްޓަކައި މުސްލިމުންވެސް އަމިއްލަ އަރުމާދުތައް އުފައްދާން ފަށައިފިއެވެ. މިގޮތުން، މުސްލިމުންނާއި ކްރިސްޓިޔަނުންގެ ހަނގުރާމައިގެ މައިދާނެއްކަމުގައި، މެޑިޓްރޭނިއަން ކަނޑުވެސް ވަނީ ހިމެނިފައެވެ. ކްރިސްޓިޔަން ދައުލަތްތަކުން އެމީހުންގެ ކަނޑުފޭރޭ މީހުންނަށް އެހީދީ ޙިމާޔަތްކުރަމުން ގެންދިޔައެވެ. ނަމަވެސް ދުވަސްކޮޅެއްފަހުން މުސްލިމުންގެ އަރުމާދުތައް މެޑިޓްރޭނިއަން ކަނޑުގައި ބާރުގަދަވާން ފަށައިފިއެވެ. ކްރިސްޓިޔަން ވިޔަފާރިވެރީންގެ ނައުފަހަރަށްވެސް މުސްލިމުންގެ ބާރު ފޯރުވައި ޣަނީމާކުރާތަން އަތުވެއްޖެއެވެ.

މުސްލިމުންގެ ކަނޑުފޭރޭ މީހުންގެ ބާރު ދިޔައީ ދުވަހެއް ދުވަހަކަށް ގަދަވަމުންނެވެ. ސްޕޭނުން ބޭރުކޮށްލާ މުސްލިމުން އެ ޖަމާޢަތްތަކާ ގުޅެމުންދިޔުމުގެ ސަބަބުން، ކަނޑުފޭރުމުގައި ސިޔާސީ ކުލަވެސް ޖެހޭންފަށައިފިއެވެ. އުތުރު އެފްރިކާގެ އައްސޭރިއަކީ މި މަސައްކަތަށް ވަރަށްބޮޑަށް ބޭނުންހިފޭ ތަނެކެވެ. ނަތީޖާއެއްގެގޮތުން އެ އައްސޭރީގައި ކުދިކުދި ބަނދަރުތައް އުފެދުނެވެ. ނައުފަހަރު ބަނުމާއި، ބޮޑުބަޑިފަދަ ހަތިޔާރު އުފެއްދުމުގެ ކާރުޚާނާތައް އުފެދޭން ފަށައިފިއެވެ. މުސްލިމުންގެ އުޅަނދުތައް އައްސޭރި ދޫކޮށް، މާސިންގާ ކަނޑުތެރެއަށް ނުކުމެ ކްރިސްޓިޔަނުންގެ ނައުފަހަރަށް ޙަމަލަދޭން ފަށައިފިއެވެ. ވަރުގަދަ ހަނގުރާމަތަކަކަށްފަހު މުސްލިމުންގެ ނައުފަހަރު އެނބުރި އަންނަނީ ޣަނީމާ މުދަލުން ފުރައިލައިގެންނެވެ. ޙަމަލަތަކުގެ އަމާޒު އެންމެބޮޑަށް ރައްދުވަމުންދިޔައީ ސްޕޭންގެ ބަނދަރުތަކަށާއި އައްސޭރީގެ ރަށްރަށަށެވެ. ކްރިސްޓިޔަނުންގެ ނައުފަހަރު ފަހަތުން އަންނާން ފެށުމުން މުސްލިމުންގެ ނައުފަހަރު އެފްރިކާގެ އައްސޭރީގައިވާ ކުދިކުދި ބަނދަރުތަކުގެ ޙިމާޔަތް ހޯދަނީއެވެ. ކްރިސްޓިޔަނުންގެ ބޮޑެތި އުޅަނދުތަކަށް އެބަނދަރުތަކަށް ވަނުމަކީ ކުޅަދާނަ ކަމަކަށް ނުވެއެވެ.

عـُــــرُوج ބަރުބަރޯސާ

މިއީ، عـُــــرُوج ބަރުބަރޯސާ މަޝްހޫރުވެގެންދިޔަ ތާރީޚީ ދުވަސްވަރެވެ. އޭނާ އެންމެފުރަތަމަ ޙަރަކާތްތެރިވެވަޑައިގަތީ ލިޒްބަސާއި އެ ޖަޒީރާގެ ކައިރިހިސާބުގަނޑުގައެވެ. ވަރަށް އަވަހަށް ސްޓީމް ނަވެއްގެ ކެޕްޓަނެއްގެ މަޤާމު އޭނާއަށް ލިބިވަޑައިގެންފިއެވެ. ނަމަވެސް އެހިސާބުގަނޑުގެ މައިދާން އޭނާއަށްޓަކައި ހަމައެކަނި ހަނިވެފައިއޮތީކީ ނޫނެވެ. އަދި ކީއްތޯއެވެ؟ ތުރުކިޔޭގެ ކަނޑުގެ ފްލީޓްވެސް ވަނީ އޭނާގެ މަސައްކަތްޕުޅަށް ހުރަސްއަޅައިފައެވެ. މިއާޚިލާފަށް އުތުރު އެފްރިކާއަކީ އޭނާގެ މަސައްކަތްޕުޅަށް ލިބޭންއޮތް އެންމެ ރަނގަޅު މަރުކަޒެވެ. ނަތީޖާއެއްގެގޮތުން އޭނާ އެފްރިކާއަށް ވަޑައިގެންފިއެވެ. އޭނާގެ މަރުކަޒެއް ކަމުގައި ހަމަޖެއްސެވީ ޓިއުނީޝިޔާގެ ބަނދަރެވެ. ދުވަސްކޮޅެއްފަހުން އޭނާ ބަދަލުވެވަޑައިގެންނެވީ ޖަރުބާއަށެވެ.

عـُــــرُوج އުތުރު އެފްރިކާގައި އޭނާގެ ކަނޑުމަތީގެ ދިރިއުޅުން ހުޅުވައިލެއްވީ، 1504 ވަނައަހަރު އިޓަލީގެ އަރުމާދަކަށް ދެއްވި ޙަމަލައަކުންނެވެ. އޭނާގެ ކިބައިގައި އެކުލެވިފައިވާ، ކޮމާންޑަރެއްގެ ޤާބިލިއްޔަތު އެންމެފުރަތަމަ ހާމަވި ދަނޑިވަޅަކީވެސް އެއީއެވެ. އެ ހަނގުރާމައިގައި އޭނާ ވަރަށްގިނަ ޢަދަދެއްގެ މުދަލާއި ނައުފަހަރު ޣަނީމާ ކުރެއްވިއެވެ. ވަރަށްގިނަ އަސީރުންވެސް ހައްޔަރުކުރެއްވިއެވެ. އެހަނގުރާމައިގެ ސަބަބުން ކްރިސްޓިޔަން ޤައުމުތަކުގައި އޭނާގެ ނަން އެތައް ހިސާބެއްގެ ދުރަށް ފެތުރި މަޝްހޫރުވެގެން ހިނގައްޖެއެވެ. عـُــــرُوج ގެ ތުނބުޅިފުޅުގެ އިސްތަށިކޮޅުތައް ހުންނަނީ ރަތްކުލައިގައެވެ. އެހެންކަމުން ކްރިސްޓިޔަނުންގެ މެދުގައި އޭނާ މަޝްހޫރުވީ "ބަރުބަރޯސާ" (ރަތް ތުނބުޅީގެ ވެރިޔާ) ގެ ނަމުންނެވެ. ދުވަސްކޮޅެއްގެފަހުން عـُــــرُوج ގެ ކޮއްކޮ خــيـــــر الــدّيــــن ވެސް އެނަމުން މަޝްހޫރު ވެއްޖެއެވެ.

ވިދިގެންއައި އަހަރު عـُــــرُوج ސްޕޭންގެ ނަވެއް އަތުލައިގެންނެވިއެވެ. އެއީ ފަސްސަތޭކަ ސިފައިންގެ މައްޗަށް އެކުލެވިގެންވާ ނަވެކެވެ. އެހުރިހައި ސިފައިން ޤައިދީންގެ ގޮތުގައި ހައްޔަރު ކުރެއްވިއެވެ. ދެން އައި ފަސްއަހަރުގެ ތެރޭގައި އެންމެ ބޮޑެތި އަށް ނައު، އޭނާގެ ކޮމާންޑުގެ ދަށަށް ގެންނެވިއްޖެއެވެ. عـُــــرُوج ގެ މަސައްކަތްޕުޅު މިހާހިސާބަށް ދިޔުމުން އޭނާގެ ދެ އަޚުން ކަމުގައިވާ إلـيــاس އާއި خُــضْـــــر އާ ދެބެންވެސް އޭނާގެ އެހީތެރިންކަމުގައި ހަމަޖައްސަވައިފިއެވެ.

عـُــــرُوج ގެ ބާރު ދުވަހެއް ދުވަހަކަށް ގަދަވަމުން ކުރިއަރަމުންދާތަން ފެނިވަޑައިގަތުމާއެކު، ސްޕޭން ރަސްގެފާނު ޗާލްސް V ޤަޞްދުކުރެއްވީ عـُــــرُوج ގެ ބާރު އަބަދަށްޓަކައި ކަނޑުއްވައިލެއްވުމަށެވެ. އެކަމަށްޓަކައި އޭނާގެ ސިފައިންގެ ތެރެއިން، ކުޅަދާނަ ދިހަހާސް ސިފައިން ހޮއްވެވިއެވެ. އެއިން ކޮންމެ މީހަކީވެސް ހަނގުރާމަތަކުގައި ޢަމަލީގޮތުން ބައިވެރިވެފައިވާ ތަޖުރިބާކާރު މީހެކެވެ. މި ލަޝްކަރު ފޮނުއްވިއިރު عـُــــرُوج ހުންނެވީ ތަލްމުސާން ގައެވެ. އޭނާގެ އަރިހުގައި ތިބީ މުޅިއެކު ފަނަރަސަތޭކަ ސިފައިންނެވެ. عـُــــرُوج އަށް ސްޕޭނީ ލަޝްކަރުގެ ޚަބަރު ލިބިވަޑައިގަތުމާއެކު އޭނާގެ ސިފައިންނާއިގެން ތަލްމުސާނުން ފުރައިވަޑައިގެންފިއެވެ. ނަމަވެސް އޭރު ޖާސޫސުންގެ ފަރާތުން ދުޝްމިނުންނަށް އޮތީ އެ ޚަބަރު ލިބިފައެވެ. އެހެންކަމުން އެމީހުންވެސް عـُــــرُوج ގެ މަދުމީސްކޮޅު އަތުލައިގަތުމަށްޓަކައި ދަތުރު ފަށައިފިއެވެ. عـُــــرُوج ގެ ސިފައިން، ކޯރެއް ހުރަސްކުރަމުން ދަނިކޮށް ސްޕޭނުގެ ލަޝްކަރު އައިސް ޙަމަލަދީފިއެވެ. عـُــــرُوج އަށް އޭރުވަނީ ކޯރު ހުރަސްކުރެއްވިފައެވެ. ނަމަވެސް އޭނާއަކީ މިފަދަ ވަގުތުތަކުގައި ދުޝްމަނުންގެ "ދީލަތިކަމަށް" ލަޝްކަރު ދޫކޮށްލައިފައި ފުރާނަ ސަލާމަތްކުރާ ޖަނަރަލުންގެ ތެރޭގައި ހިމެނޭ ބޭފުޅެއް ނޫނެވެ. އެހެންކަމުން އޭނާ އެއްވެސް ފަސްޖެހިވަޑައިގެންނެވުމަކާނުލައި އަސް އަނބުރައިލައްވައިފައި ކޯރުގެ އަނެއްފަރާތަށް ވަޑައިގެންފިއެވެ. ހަނގުރާމައިގެ އަލިފާންގަނޑަށް އަމިއްލަފުޅަށް ފުންމައިލައި ލޭގެ ބާޒާރު ތިޔާގިކޮށްލެއްވިއެވެ. މުސްލިމުން އެދުވަހު ހަނގުރާމަކުރީ އެބައިމީހުންނަށްވުރެ ހަތްގުނަ ޢަދަދު ގިނަ ދުޝްމިނުންގެ ލަޝްކަރަކާއެވެ. ނަތީޖާއަކީ އެކަކަށްފަހު އަނެކަކު ޝަހީދުވެ ދިޔުމެވެ. އެ ޝަހީދުވެގެންދިޔަ ބަހާދަރުންގެ ތެރޭގައި عـُــــرُوج ބަރުބަރޯސާވެސް ހިމެނުނެވެ. އޭނާ ވަށައިގެން ކްރިސްޓިޔަނުންގެ ހަށިތައް ބަރިބަރިޔަށް އެތުރިފައި އޮތެވެ. އޭނާ އޮންނެވީ އެ ހަށިތަކުގެ މެދުގައި އޮށޯވެގެންއޮތް ސިންގާއެއްގެ ހައިބަތުގައި އަބަދަށްޓަކައި އަވަހާރަފުޅު ލައްޕަވައިފައެވެ. عـُــــرُوج ބަރުބަރޯސާ ޝަހީދުވީއިރު އޭނާގެ ޢުމުރުފުޅަކީ ސާޅީސްހަތަރު އަހަރެވެ. އޭނާއަކީ މެދުމިނުގެ އިސްކޮޅުފުޅަކާއި ވަރުގަދަ ހަށިކޮޅެއްގެ ވެރިއެކެވެ. އިސްތަށިފުޅާއި ތުނބުޅިފުޅުގެ އިސްތަށިކޮޅުތައް ހުންނަނީ ރަތްކުލައިގައެވެ. އޭނާއަކީ ކެރުމާއި ހިތްވަރުގަދަކަމުގެ ދިރިހުރި ނަމޫނާއެކެވެ. ތާރީޚު ލިޔުންތެރީން ބަޔާންކުރާގޮތުގައި "އޭނާ ބަރުބަރުގެ އައްސޭރީގައި ސޯޅަ އަހަރު ހޭދަކުރެއްވިއެވެ. އެމުއްދަތުގެ ތެރޭގައި އޭނާ ކްރިސްޓިޔަނުންނަށް ދެއްވައިފައިވާ ގެއްލުންތައް ގަލަމަކުން ބަޔާންކުރެވޭ ވަރަށްވުރެ ގިނައެވެ."

(ނުނިމޭ)