Close
ދުނިޔެ

އޭއައި ބޭނުންކޮށްގެން އުތުރުކޮރެއާގެ ލީޑަރުގެ ބަރުދަން ބަލައިިފި، ހާމަވީ ތަފާތު ކަންތައްތަކެއް!

މުހައްމަދު އައުޒަމް

އޭއައި ބޭނުންކޮށް ކިމް ޖޮންގް އުންގެ ބަރުދަން ބަލައިފިއެވެ.

ދެކުނު ކޮރެއާގެ އޮފިޝަލުން ބުނެފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް ސޮފްޓްވެއާއެއް މެދުވެރިކޮށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުންގެ ބަރުދަން ބެލުމުން، އޭނާގެ ބަރުދަނުގައި 140 ކިލޯ ހުންނާނެ ކަމަށް ފާހަގަވެފައިވާ ކަމަށް ބުނެފައެވެ.

ދެކުނު ކޮރެއާގެ ޕާލިމެންޓަރީ އިންޓެލިޖެންސް ކޮމެޓީގެ މެމްބަރަކު ވަނީ ކިމް ޖޮންގް އުން މިދިޔަމަހުގެ 16 ވަނަ ދުވަހު އެ ގައުމުގެ އާންމުންނާ ބައްދަލު ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތެއްގެ ފޮތޯތައް ތަހުލީލު ކުރިކަމަށްވެސް ބުނެފައެވެ.

ދެކުނު ކޮރެއާއިން ބޭނުންކުރީ ކޮން އޭއައި ސޮފްޓްވެއާއެއްކަން އާންމުކޮށްފައި ނުވި ނަމަވެސް އޭގެން ފެނުނު ނަތީޖާއިން އެތައް ކަމެެއް ހާމަވެފައިވާކަމަށް އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އޮފިޝަލުންގެ ޓީމުން ވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމްގެ ފޮޓޯތަކުން ފެންނަގޮތުން، އޭނާއަށް ނިދުމުގައި ދަތިތަކެއް ހުންނާނެކަން ފާހަގަކުރެވޭކަމަށް ބުނެފައެވެ.

ދެކުނު ކޮރެއާގެ ޓިމުން ވަނީ ކިމް ރަލާއި ނިކޮޓިން ގިނަ އަދަދަކަށް ބޭނުންކުރައްވާ ކަމަށް ބެލެވޭކަމަށާއި އޭގެ އިތުރުން އިންސޮމްނިޔާގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާކަން ފާހަގަވާކަމަށްވެސް ބުނެފައެވެ. އިންސޮމްނިޔާ ހުންނަ މީހުންނަށް ނިދުމުގައި އުނދަގޫތަކެއް ހުންނާނެއެވެ.

ދެކުނު ކޮރެއާއިން އޭއައި ބޭނުންކޮށްގެން ހެދި ދިރާސާއަށް އަދި މިހާތަނަށް އުތުރު ކޮރެއާއިން އެއްވެސް ރައްދެއް ދީފައެއްނުވެއެވެ.