މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ޑިވިޑެންޑް ގޮތުގައި ސަރުކާރަށް 67.5 މިލިއަން ރުފިޔާ ދިނުމަށް ފާސްކޮށްފި އެވެ.
އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުން މިގޮތަށް ފާސްކުރީ މީރުމާ އިވެންޓް ހޯލްގައި ރޭ ބޭއްވި އެކުންފުނީގެ އަހަރީ އާއްމު ޖަލްސާގަ އެވެ. މި ޖަލްސާގައި ސަރުކާރު ތަމްސީލުކުރެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރު އެވެ. އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑުގެ ނައިބު ރައީސް މުހައްމަދު ފިރާޒް އާއި އޮޑިޓާ ޖެނެރަލްގެ އޮފީހާއި އެމްޕީއެލްގެ އެކްސްޓާނަލް އޮޑިޓަރު ކޭޕީއެމްޖީގެ މަންދޫބުންވެސް އެ ޖަލްސާގައި ބައިވެރިވެވަޑައިގަތެވެ.
މި ޖަލްސާގައި 2022 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއ،ި އޮޑިޓް ރިޕޯޓާއި އެމްޕީއެލްގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ވަނީ ފާސްކޮށްފަ އެވެ. އަދި 2022 ވަނަ އަހަރުގެ ޑިވިޑެންޑް އާއި މުވައްޒަފުންގެ އަހަރީ ބޯނަސް ވެސް ވަނީ ފާސްކޮށްފަ އެވެ. އޭގެ އިތުރުން މިއަހަރަށް އެކްސްޓާނަލް އޮޑިޓަރެއް އައްޔަންކޮށ،ް އެފަރާތުގެ އުޖޫރަވެސް އެ ޖަލްސާގައި ވަނީ ކަނޑައަޅާފަ އެވެ. 2023 ވަނަ އަހަރަށް އެމްޕީއެލްގެ އެކްސްޓާނަލް އޮޑިޓަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ކޭޕީއެމްޖީ އެވެ.
އެމްޕީއެލްގެ 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާގޮތުން އާމްދަނީގެ ގޮތުގައި ޖުމުލަ 809 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2021 ވަނަ އަހަރާ އަޅައިބަލާއިރު 15 ޕަސެންޓުގެ ކުރިއެރުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެމްޕީއެލްއަށް ޖުމުލަ 108.9 މިލިއަން ރުފިޔާ ލިބުނުއިރ،ު އެއީ 2021 އަހަރަށްވުރެ 43 ޕަސެންޓް އިތުރު އަދަދެކެވެ.
ރޭގެ ޖަލްސާގައި ސަރުކާރަށް ޑިވިޑެންޑްގެ ގޮތުގައި 67.5 މިލިއަން ރުފިޔާ ދެއްކުމަށް އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ. އެއީ 2021 ވަނަ އަހަރާ އަޅައިބަލާއިރު 78 ޕަސެންޓް އިތުރު އަދަދެކެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން، އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވަނީ މިދިޔަ އަހަރު އެ ކުންފުނިން ހާސިލުކުރި މުހިންމު ލަނޑުދަނޑިތައް ފާހަގަކުރައްވައިފަ އެވެ. މިދިޔަ އަހަރަކީ އޮޕަރޭޝަންސް އާއި މާލީ ގޮތުން ވެސް ކުންފުންޏަށް ކާމިޔާބު އަހަރެއްގެ ގޮތުގައި ޝާހިދު ފާހަގަކުރެއްވި އެވެ.
"މި ނިމިގެންދިޔަ 2022 ވަނަ އަހަރު އަޅުގަނޑުމެންގެ އާމްދަނީ ވަނީ ޕްރީ-ކޮވިޑްގައި ހުރި މިންވަރަށް އަރައިފަ. އަދި މި އަހަރުގެ މިހާތަނަށް ލިބިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރ،ު މި އަހަރުގެ ޕާފޯމަންސް ޕްރީ-ކޮވިޑަށްވުރެ ވެސް ރަނގަޅުވާނެ ކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭ." ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މި އަހަރުގެ ރޯދަމަހަށް ބަލާއިރުވެސް މުދާ އެތެރެކުރި އަދަދު އިތުރުވެފައިވާ ކަމަށެވެ. އޭގެ އިތުރުން ޝާހިދު ވަނީ އެމްޕީއެލް އިން ކުރިއަށް ރާވާފައިވާ ހުރި މަޝްރޫއުތަކުގެ މައުލޫމާތާއި، ކުންފުނީގެ ހިންގުމަށް ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ގެނެވުނު ހެޔޮ ބަދަލުތަކާއި ކުންފުނީގެ ތަސައްވުރާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ.