Close
ޚަބަރު

ޔޫއޭއީގައި އެސްޓީއޯގެ ފިއުލް ސްޓޯރޭޖެއް ހަދަނީ

މުހައްމަދު ޖަމްޝަތް ވަހީދު

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ޔޫއޭއީގައި ތެޔޮ ރައްކާކުރުމަށް ސްޓޯރޭޖް ހެދުމަށް ނިންމާފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

އެސްޓީއޯ އިން ބައިނަލްއަގުވާމީ ބަންކަރިން ހިދުމަށް ފެށުމުގެ ވިސްނުން ގެންގުޅޭ ކަން މިދިޔަ އަހަރު ވަނީ ހާމަކޮށްފައެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ބައިނަލްއަގުވާމީ ބަންކަރިން ހިދުމަށް ފެށުމުގެ މަސައްކަތް އެސްޓީއޯއިން ކުރިއަށްގެންދާ ކަމަށެވެ.

އަދި ސަރުކާރާއި ރާއްޖޭން ބޭރުގެ ކޮންސަލްޓެންޓެއްގެ އެހީގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތަށް ބޭނުންވާ ގާނޫނީ މަސައްކަތްތައް މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށާއި ބަންކަރިންގެ ހިދުމަތާ އެކު ޔޫއޭއީގައި ތެޔޮ ރައްކާކުރުމަށް ސްޓޯރޭޖް ހެދުމަށް ވިސްނަމުން ގެންދާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

"ކުރިންވެސް އެސްޓީއޯ ސިންގަޕޫރު އަދި އެމްއެންއޯސީން ކުރިއަށްގެން ދިޔަ އޮޕަރޭޝަންތައް އަލުން ފަށައިގަތުމަށްފަހު ތެލުގެ ވިޔަފާރި ފުޅާކުރަން ވަނީ ވިސްނާފައި. ފިއުލް ޓްރޭޑް ކުރުމަށް ރާއްޖޭން ބޭރުގައި ސްޓޯރޭޖް ގާއިމުކުރުމަށްވެސް ވިސްނިފައިވޭ. އެގޮތުން މިހާރު ބަލަމުން މި އަންނަނީ ޔޫއޭއީގެ ރަށެއްގައި ސްޓޯރޭޖް ގާއިމުކުރަން" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އިންޓަނޭޝަނަލް ބަންކަރިން ކުރުމުގެ ހުއްދަ އެސްޓީއޯއަށް މިހާރު ލިބިފައިވާ ކަމަށެވެ. އަދި އެސްޓީއޯ ސިންގަޕޫރް އާއި މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީ (އެމްއެންއޯސީ) މެދުވެރިކޮށް އިންޓަނޭޝަނަލް ފިއުލް ޓްރޭޑް ކުރުމަށްވެސް އެކުންފުނިން ނިންމާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.