ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 77 ރުފިޔާ ބަހަން މިރޭ ފާސްކޮށްފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި އެ އަދަދު ފާސްވީ، ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99 ޕަސެންޓު ވޯޓުންނެވެ. މިރޭގެ ޖަލްސާގައި އެސްޓީއޯގެ ހިއްސާދާރުންގެ ތެރެއިން 300 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.
މިއީ ފާއިތުވި 16 ވަރަކަށް އަހަރުތެރޭ އެ ކުންފުނިން ހިއްސާއަކަށް ބަހަން ފާސްކުރި އެންމެ މަތީ އަދަދެވެ.
އެސްޓީއޯގެ އަހަރީ ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު 18.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 79 ޕަސެންޓުގެ އިތުރު އަދަދެކެވެ.
އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ އާމްދަނީ އިތުރުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު ވެސް، ފާއިތުވި އަހަރު އެ ކުންފުނިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 27 ޕަސެންޓް އިތުރުވުމުން ކަމަށެވެ.
ޓެކުހަށް ކެނޑުމަށްފަހު މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ވަނީ 742 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ 2021 ވަނަ އަހަރާ އަޅައިބަލާއިރު 52 ޕަސެންޓުގެ ކުރިއެރުމެކެވެ.