ޚަބަރު

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަންވީ މުޅި މުޖުތަމައުގެ ސިއްހީ ރައްކާތެރިކަމަށްޓަކައި: ރައީސް

މުހައްމަދު އިޝާން

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަންވީ މުޅި މުޖުތަމައުގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި މިއަދު ފާހަގަކުރާ މިއަހަރުގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ފޮނުއްވި ހިތޯބުގައި ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކުން އަޒުމް ކަނޑައަޅަންވީ އެކަމުން ދުރުހެލިވުމަށް ކަމަށެވެ.

"ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަންވީ، ތިމާގެ އަމިއްލަ ނަފްސުގެ ދުޅަހެޔޮކަމަށްޓަކައި. ތިމާގެ އަނބިދަރިންނާއި އާއިލާގެ ހެވަށްޓަކައި. ގާތް ރަހުމަތްތެރިންނާއި އެކުވެރިންގެ ސަލާމަތަށްޓަކައި. މުޅި މުޖުތަމައުގެ ސިއްހީ ރައްކާތެރިކަމަށްޓަކައި..،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިންވެސް އެންމެ ނުރައްކާތެރި ބަލިތަކަކީ ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅިފައިވާ ބަލިތައް ކަމަށެވެ. ގުނަވަންތައް އެއްކޮށް ހަލާކުވެ ފުރާނަ ގެއްލިގެން ދިއުމުގެ ނުރައްކާވެސް ކުރިމަތިވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

"ދުންފަތުގެ އިސްތިއުމާލުކުރުމަކީ އެކަން ކުރާ މީހާއަށާއި، އެ އަމަލުކުރާއިރު ކައިރީގައި ތިބޭ އެހެން މީހުންނަށާއި، އެފަދަ މީހުންނާ އެކުގައި އުޅޭ އެހެން މީހުންނަށް ވެސް ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިކުރުވާ ނުރައްކާތެރި އިޖުތިމާއީ މައްސަލައެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެކަން ކުރުމަށް ހޭދަކުރާ ފައިސާ، އެ މީހުންނާއި، އެ މީހުންގެ އާއިލާގެ ކެއިންބުއިމަށް ހަރަދުކޮށްފިނަމަ، އެކަމުގެ މަންފާ މުޅި މުޖުތަމައަށް ކުރާނެ ކަމަށެވެ. އަދި އެ ފައިސާ ތަފާތު ބަލިތައް ތަހައްމަލުކުރާ މީހުންގެ ފަރުވާއަށް ބޭނުން ކުރެވިދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ވޯލްޑް ހެލްތު އޯގަނިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން މިއަހަރުގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހަށް ކަނޑައަޅައިފައިވާ ޝިއާރަކީ "އަހަރެމެން ބޭނުމީ ކާނާ، ދުންފަތެއް ނޫން" އެވެ،

ރައީސް ވިދާޅުވީ އެ ޝިއާރުގެ މައިގަނޑު މަގުސަދަކީ ދުނިޔެއަށް ދިމާވެފައިވާ ކާބޯތަކެތީގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ދުންފަތް ހެއްދުމަށް ދަނޑުވެރިންގެ ވަގުތާއި ދަނޑުބިންތައް ނަގައިލުމުގެ ބަދަލުގައި އެ ތަންތަނުގައި ގޮވާމުގެ ބާވަތްތައް އުފެއްދުމަށް ބާރު އެޅުން ކަމަށެވެ.

އިންސާނުންގެ ފުރާނައަށް ނުރައްކާވާ ދުންފަތް އުފެއްދުމަށް ދަނޑުބިންތައް ބޭނުކޮށް، ދަނޑުވެރިން ބުރަ މަސައްކަތްތަކެއް ކުރަމުންދާ އިރު، އިންސާނުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ބޭނުންވާ ކާބޯތަކެތި ނުލިބި ހައިހޫނުކަމުގައި އުޅެންޖެހޭ މީހުންގެ އަދަދު ދަނީ އަހަރުން އަހަރަށް މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން (އެފްއޭއޯ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގައި ދުނިޔޭގެ ޖުމުލަ އާބާދީގެ 10 ޕަސަންޓް މީހުންނަށް، އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ނުލިބުމުގެ ސަބަބުން އެމީހުން ދިރިއުޅެމުން ދިޔައީ ހައިހޫނުކަމުގެ ތެރޭގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ 2021 ވަނަ އަހަރާ އަޅައިބަލާ އިރު، ގާތްގަނޑަކަށް 465 މިލިއަން މީހުންގެ އިތުރުވުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ފާއިތުވި ދެތިން އަހަރުގެ ހިސާބުތަކަށް ބަލާއިރު ގިނަ ބަޔަކު ހައިހޫނުކަމުގެ ތެރެއަށް ވެއްޓުނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ތަފާތު ކާރިސާތަކާއި ހަނގުރާމަތަކުގެ ސަބަބުންކަމަށް ރައީސް ވިދާޅުވިއެވެ.

ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމު ކަމަކަށްވާއިރު ދުންފަތް ހެއްދުމާއި ދުންފަތުގެ އިސްތިއުމާލުކުރުމަށް އަހަރަކު އެތައް ބިލިއަން ޑޮލަރެއް އިސްރާފުކުރާ އިރު، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މިވަގުތު ހައިހޫނުކަން ތަޙައްމަލުކުރަމުންދާ އެތައް ބަޔަކު ތިބިކަން ހަނދާންކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.